English Edition
Dhivehi Edition

ރަނާސް މޯލްޑިވްސް އާއި ނަސީރު ސްޕޯޓްސް އެކެޑަމީ (އެންއެސްއޭ) ގުޅިގެން އަންނަ މަހުގެ އަށްވަނަ ދުވަހު އައްޑޫގައި ބޭއްވުމަށް ހަމަޖެއްސި “އީކުއޭޓަރ އައްޑޫ ސިޓީ އިންޓަރނޭޝަނަލް މެރަތަން” ފަސްކޮށްފިއެވެ.

މެރެތަން ފަސްކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ ދެވަނަ ދުވަހަށެވެ. މިދުވުން ފަސްކުރި މައިގަނޑު ސަބަބެއް ކަމަށްވަނީ ދުވުމުގައި ބޭރުގައުމުތަކުން ބައިވެރިވާ ދުވުންތެރިންގެ ވިސާގެ ކަންތައްވެސް އަދި ހަމަޖެހިފައި ނުވުމެވެ. މީގެ އިތުރަށްވެސް ކުރަންޖެހޭ ބައެއް ކަންކަން އަދި ނުކުރެވި ވާކަމަށް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ. މި މެރެތަންގައި ބައިވެރިވުމަށް މިހާތަނަށްވަނީ މަދުވެގެން 34 ބިދޭސީން ނަންނޯޓު ކޮށްފައެވެ. އޭގެ ތެރޭގައި ކެންޔާ، މޮރޮކޯ، ޔޫކޭ، ލަންކާ އިންޑިއާ މެލޭޝިއާ ފަދަ ގައުމުތަކުގެ މީހުން ހިމެނެއެވެ. މީގެ ތެރެއިން އެންމެ ގިނަމީހުން ބައިވެރިވެފައިވަނީ ކެންޔާއިންނެވެ.

މި މުބާރާތުގައި މިހާތަނަށް ހާހަކަށްވުރެ ގިނަމީހުންވަނީ ބައިވެރިވެފައެވެ. މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ނަސީރު އިސްމާއީލް ކުރިން ވިދާޅުވެފައިވަނީ މުބާރާތުގައި ބައިވެރިކުރާނީ އެންމެ ގިނަވެގެން 1300 މީހުން ކަމަށެވެ.

މިއީ ފައިސާގެ އިނާމްވެސް ލިބޭ ޚާއްސަ މުބާރާތެކެވެ. މެރަތަންގެ އޯޕަން ކެޓެގަރީން އެއްވަނައަށް ދާ މީހަކަވަނީ 5000 ޑޮލަރު ހުށަހަޅައިފައެވެ. ދެވަނައަށް 3000 ޑޮލަރެވެ. ތިންވަނައަށް 2000 ޑޮލަރެވެ. ހަތަރުވަނައަށްވަނީ 500 ޑޮލަރު ހުށަހަޅައިފައެވެ. ފަސްވަނައަށް ހުށަހަޅައިފައިވަނީ 250 ޑޮލަރެވެ. ހަވަނައިން ފެށިގެން ދިހަވަނައަށް ހޮވޭ ކޮންމެ މީހަކަށް 100 ޑޮލަރު ލިބޭނެއެވެ.

ނަސީރު ވިދާޅުވީ ފުލް މެރަތަން އޯޕަން ކެޓެގަރީ ފަންސަތީރީސް އަހަރުން މަތީގެ މީހުންގެ ބައިން އެއްވަނައަށް އިނާމަކަށް ހުށަހަޅައިފައިވަނީ 300 ޑޮލަރެވެ. ދެވަނައަށް 200 ޑޮލަރެވެ. ތިންވަނައަށް 100 ޑޮލަރެވެ.

ހާފް މެރެތަން އޯޕަން ކެޓެގަރީން އެއްވަނައަށްދާ މީހަކަށް އިނާމެއްގެ ގޮތުގައި ހުށަހަޅައިފައިވަނީ 1000 ޑޮލަރެވެ. ދެވަނައަށް 800 ޑޮލަރެވެ. ތިންވަނައަށް 600 ޑޮލަރެވެ.

ދިހަ ކިލޯމީޓަރު އޯޕަން ކެޓެގަރީން އެއްވަނައަށް ހުށަހަޅައިފައިވަނީ 700 ޑޮލަރެވެ. ދެވަނައަށް 500 ޑޮލަރެވެ. ތިންވަނައަށް 200 ޑޮލަރެވެ. ފަސް ކިލޯމީޓަރު ކެޓެގަރީގެ ބައިން އެއްވަނައަށް 300 ޑޮލަރެވެ. ދެވަނައަށް 200 ޑޮލަރެވެ. ތިންވަނައަށް 100 ޑޮލަރެވެ. ހަތަރުވަނަ އިން ފެށިގެން ދިހަވަނައަށް ހޮވޭ ކޮންމެ ދުވުންތެރިޔަކަށް 50 ޑޮލަރު ލިބޭނެއެވެ. ފަސް ކިލޯމީޓަރު އޯޕަން ކެޓެގަރީން އެއްވަނައަށް ހުށަހަޅައިފައިވަނީ 500 ޑޮލަރެވެ. ދެވަނައަށް 300 ޑޮލަރެވެ. ތިންވަނައަށް 200 ޑޮލަރެވެ.

ފަސް ކިލޯމީޓަރު ހިނގުމާއި ދުވުން (ވެޓެރަންސް ކެޓަގަރީ) ގައި ބައިވެރިވާ 50 އަހަރުން މަތީގެ މީހުންގެ ތެރެއިން އެއްވަނައަށް އަންނަ ފަރާތަކަށް ހުށަހަޅައިފައިވަނީ 300 ޑޮލަރެވެ. ދެވަނައަށް 200 ޑޮލަރެވެ. ތިންވަނައަށް 100 ޑޮލަރެވެ. މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާނީ މެރެތަންއެވެ.