English Edition
Dhivehi Edition

މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލް އިންތިޚާބުގައި ސީރީއަސް ޝަކުވާއެއް މިއަދު ހަވީރު ފަސްގަޑިބަޔާ ހަމައަށް އައިސްފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސި) އިން ވިދާޅުވެއްޖެއެވެ. ކޮމިޝަނުގެ މެންބަރ އަހުމަދު އަކުރަމް އޭއޯނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަވީރު ފަސްގަޑިބައި އެހައިކަންހާއިރާ ހަމައަށް އައިސްފައިވާ މައިގަނޑު ޝަކުވާއަކީ ހޫނުގަދަވެ ކިޔުދިގުވުމުގެ ޝަކުވާ ކަމަށެވެ. “ވަރަށްގިނަ އަދަދެއްގެ މީހުން ވޯޓުލާން ނުކުތުމުގެ ސަބަބުން ބާރުވުމާއި، ހޫނުގަދަވުމާއި، ކިޔުދިގުވުމުގެ ޝަކުވާވަނީ ލިބިފައި. އެ ޝަކުވާ އާންމުގެ އިތުރަށް ސިޔާސީ ބައެއް ޕާޓީތަކުންވެސް ކޮށްފައިވޭ،” އަކުރަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަކު ވޯޓުލާން ދިޔައިރު އޭނާގެ ނަމުގައި ހައިލައިޓާއިން މާކުކޮށްފައިވާ ޝަކުވާއެއްވެސް ލިބިފައިވާ ކަމަށެވެ. އަދި އައިޑީކާޑުގައި ނަން އޮންނަ ގޮތާއި، ވޯޓާސް ލިސްޓުގައި ނަން އޮތްގޮތް ތަފާތުވުން ފަދަ ޝަކުވާތައް ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. “އެފަދަ ކުދިކުދި ކަންކަން ފިޔަވައި ސީރިއަސް ޝަކުވާއެއް އަދި ލިބިފައެއްނެތް،” އަކުރަމް ވިދާޅުވިއެވެ.