އިލެކްޝަން ކޮމިޝަނުން ލޯކަލްކައުންސިލް އިންތިޚާބުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅައި އިޢުލާނުކުރީ ދާދި ފަހުންނެވެ. އެ އިޢުލާނުގައި އައްޑޫސިޓީ ހިތަދޫގެ ބައެއް ދާއިރާތަކުގެ ނަންތައް ކަމުގައި ލިޔެފައިވާ ނަންތައް ޒަމާނުއްސުރެން ހިތަދޫގެ ރައްޔިތުން އެ ސަރަހައްދު ތަކަށް ކިޔަމުންދާ ނަމާއި ތަފާތެވެ. ރަށްރަށާއި އަވަށްތަކާއި ސަރަޙައްދު ތަކުގެ ނަންނަމަކީ ކާބަފައިންގެ ފަރާތުން ވާރުތަވަމުން އަންނަ ނަންތަކެވެ. ބަހާއި ބަހުރުވައާއި ގުޅިފައިވާ ޚާއްޞަ ނަންނަމެވެ. އެހެންކަމުން ޚާއްސަ ނަންތައްވެސް ހިމެނޭނީ ތަރިކައިގެ ތެރޭގައެވެ. ވުމާއެކު މިއީ އައްޑޫގެ ތާރީޚާއި ސަގާފަތާއި ބަހާއި ބަހުރުވަޔާއި ޢާއިލީގުޅުން ތަކާއި ގުޅުންހުރި މައްސަލައެކެވެ.
އިލެކްޝަން ކޮމިޝަނުން ލޯކަލްކައިންސިލް އިންތިޚާބުގެ އިންޚާބީ ދާއިރާތައް އިޢުލާނު ކުރިއިރު ހިތަދޫގެ ދާއިރާތަކަށް ނަންދީފައިވަނީ ތިރީގައި މިދަންނަވާ ގޮތަށެވެ.
އައްޑޫސިޓީ 1 ހިތަދޫ އޮޑައްސައު ދާއިރާ
އައްޑޫސިޓީ 2 ހިތަދޫ ކޮރޮވަލު ދާއިރާ
އައްޑޫސިޓީ 3 ހިތަދޫ ބޭރުމަތި ދާއިރާ
އައްޑޫސިޓީ 4 ހިތަދޫ މެދުވަލު ދާއިރާ
އައްޑޫސިޓީ 5 ހިތަދޫ ރަސްގެދާރަ ދާއިރާ
އައްޑޫސިޓީ 6 ހިތަދޫ މާމެންދޫ ދާއިރާ
މިގޮތަށް ހިތަދޫގެ ދާއީރާތަކަށް ނަންދީފައިވާއިރު އައްޑޫސިޓީ 1 ހިތަދޫ އޮޑައްސައު ދާއިރާ ކަމުގައި ކަނޑައަޅާފައިވާ ސަރަހައްދަކީ ހަގީގަތުގައި ޒަމާނުއްސުރެ ހިތަދޫ އެންމެ އުތުރު އަވަށް ކަމުގައިވާ މޫލެކެޑެ އަވަށުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދެވެ. ޒަމާނުއްސުރެ ހިތަދޫގެ ރައްޔިތުން އެރަށުގެ އުތުރުކޮޅު އަވަށަށް ކިޔަމުން އައި ނަމަކީ ‘މޫލެކެޑެ’ އެވެ. ‘އޮޑައްސައު’ އަކީ މޫލެކެޑެ އަވަށަށް ފަހުން އިތުރު ކުރެވުނު ސަރަހައްދަކަށް ކިޔާ ނަމެކެވެ.
ނަމަވެސް މިހާރު މިވަނީ މައި އަވަށުގެ ނަން ކަމުގައިވާ ‘މޫލެކެޑެ’ އުނި ކޮށްފައި ‘އޮޑައްސައު’ އަށް ބަދަލުކޮށްފައެވެ.
ހިތަދޫގެ އެންމެ ފަހުން އާބާދުވީ ހިސާބުން ފެށިގެން މީހުން އުޅޭ ސަރަހައްދު 4 ބަޔަށް ބަހާލައި އެ ސަރަހައްދުތަކަށް 4 ނަން ބޭނުން ކުރަމުން އަންނަތާ ޒަމާންތަކެއް ވެއްޖެއެވެ. މި ނަންތައް ދިން ހަދާން ހުރި ބަޔަކު މިހާރު ހިތަދޫގައި ނެތެވެ. އެގޮތުން ދީފައިވާ ނަންތަކަކީ މޫލެކެޑެ، ކޮރޮވައު، ބޭޭޭރުމަތި، މެދެވައު މިއެވެ.
‘އޮޑައްސައު’ އަކީ ހިތަދޫ އުތުރުގައި އިހު މީހުންނޫޅޭ ސަރަހައްދަކަށް ކިޔާ ނަމެކެވެ. މީހުން ނޫޅޭ ސަރަހައްދުތަކަށް ތަފާތު ނަންތައް ކިޔަމުން އައިސްފައިވެއެވެ. އެގޮތުން އުތުރުގެ އެކި ސަރަހައްދަށް އީދިގައު، ފެންމުލި، އޮޑައްސައު، އަދި ދެކުނު އެކި ސަރަހައްދަށް ކަށިނަރަ، ރަސްގެދަރަ، މާމެންދޫ ކިޔައެވެ.
ހިތަދޫގެ އާބާދީ އިތުރުވެ، ކުރިން އާބާދުނުވެ އޮތް ސަރަހައްދުން ގޯތިދީ އެހިސާބުތައް މީހުން ދިރިއުޅޭ ސަރަހައްދަށް އިތުރުކުރަމުން ދިޔައިރު އަބަދުވެސް އައީ ކުރިން އޮންނަ އަވަށަށް އެބައިތައް އިތުރުކުރަމުންނެވެ. އެގޮތުން ހިތަދޫ މޫލެކެޑެ އަވަށަށް އީދިގަލި ބަޔަކާއި އޮޑަައްސަލި ބައެއް މިހާރު އިތުރުކޮށްފައިވީ ނަމަވެސް އެދެ ސަރަހައްދުގެ ބޮޑުބައި މިހާރުވެސް އޮތީ އާބާދުނުވެ ހުސްކޮށެވެ. އޮޑައްސަލި ހުސްކޮށް އޮތް ބައިގެ ބޮޑުބަޔެއް މިހާރު އޮތީ ސަރުކާރުން ހިމާޔަތް ކޮށްފައެވެ. އަދި ދަނޑުގޮވާން ކުރުމަށް ދޫކޮށްފައެވެ.
އޮޑައްސަލުނާއި އީދިގަލުން މޫލެކެޑެ އަވަށަށް އިތުރު ކުރި ބައި އިތުރުކޮށްފައިއޮތީ ޒަމާނުއްސުރެ ކާބަފައިން އަވަށަށް ދީފައިވާ ނަން ކަމުގައިވާ “މޫލެކެޑެ” އަވަށުގެ ބައެއްގެ ގޮތުގައެވެ. އެހެން ކަމުން ހަގީގަތުގައި އޮޑައްސަލާއި އީދިގަލި ބައެއް މޫލެކެޑެ އަވަށަށް އިތުރު ކުރުމަކީ މޫލެކެޑެ އަވަށަށް ޒަމާނުއްސުރެ ކިޔަމުން އައި ނަން ބަދަލުކުރަންޖެހޭ ސަބެބެއް ނޫނެވެ. އަދި ‘އޮޑައްސައު’، ‘އީދިގައު’ އަކީވެސް އިހު މީހުން އެސަރަހައްދަށް ކިޔަމުން އައި ނަންތައް ކަމުން އެނަންތައްވެސް ސަރަހައްދާއި އެކު އެނގެން އޮތުމަކީ މުހިއްމު ކަމެއްކަންވެސް ފާހަގަ ކުރަމެވެ.
ހިތަދޫ އުތުރު އަވަށަށް ޒަމާނުއްސުރެ ކިޔަމުން އައި ނަން ބަދަލުކުރުމަކީ ކާބަފައިން ރަށުގެ އެ ސަރަހައްދަށް ކިޔަމުން އައި ނަން ގެއްލި ހިނގައިދާނެ ކަމެކެވެ. މިއީ މުސްތަގުބަލުގައި ހިތަދޫގެ ތާރީޚާއި ސަގާފަތާއި އާދަކާދަ ތަކާއި ޢާއިލީ ގުޅުންތަކާ ބެހޭ މައުލޫމާތު އޮޅުންބޮޅުން ވުމަށް މަގުފަހިވެދާނެ ކަމެކެވެ. މައި އަވަށަކީ މޫލެކެޑެ ކަމުގައި ވާތީ ހިތަދޫގެ އިންތިޚާބީ ދާއިރާ އައްޑޫސިޓީ 1ގެ ނަން ‘ހިތަދޫ މޫލެކެޑެ ދާއިރާ’ އަށް ބަދަލުކުރުން މުހިއްމެވެ.
ލޯކަލް ކައުންސިލް އިންތިޚާބީ ދާއިރާތައް ކަމުގައިވާ އައްޑޫސިޓީ 2 ގެ ނަމަކަށް ‘ހިތަދޫ ކޮރޮވަލު ދާއިރާ’ އަދި އައްޑޫސިޓީ 4 ގެ ނަމަކަށް ‘ހިތަދޫ މެދުވަލު ދާއިރާ’ ކަނަޑައަޅާފައިވެއެވެ. ނަމަވެސް ހިތަދޫގެ ކާބަފައިންވެސް އަދި މިހާރުގެ ބަޔަކުވެސް ‘ކޮރޮވަލު’ އެކޭ ‘މެދުވަލު’ އެކޭ ނުކިޔައެވެ. ހިތަދޫ ރައްޔިތުން އެ އަވަށްތަކަށް ކިޔަނީ ‘މެދެވައު’، ‘ކޮރޮވައު’ މިހެންނެވެ. މިއީ އަވަށުގެ ޚާއްޞަ ނަންނަމެވެ. ދާއިރާގެ ނަމަކައް ވަނީ ކޮރޮވައު.
މިއީ ބަހުގެ ތަބީޢީ ސިފަޔަށް ބަލާއިރުވެސް މިކަން އޮންނަންޖެހޭ ގޮތެވެ.
ފުވައްމުލަކު ސިޓީ ❎
ފުވައްމުލައް ސިޓީ ✅
މާލޭ ސިޓީ ❎
މާލެ ސިޓީ ✅
ހަމަ އެ ހަމައިން
ކޮރޮވަލި ދާއިރާ ❎
ކޮރޮވައު ދާއިރާ ✅
މެދެވަލި ދާއިރާ ❎
މެދެވައު ދާއިރާ ✅
ބަސް ފުރޮޅިގެންދާގޮތް: މިސާލު
ދާއިރާ: ކޮރޮވައު
ކޮރަވަލި ކައުންސިލް ގެނޑި
ކޮރޮވަލި ކައުންސިލް މެންބަރަ
ދާއިރާ: މެދެވައު
މެދެވަލި ކައުންސިލް ގެނޑި
މެދެވަލި ކައުންސިލް މެންބަރަ
މެދެވަލަކީ ހިތަދޫގެ މެދަށް ވާ ސަރަހައްދުގައިވާ އަވަށެވެ. އެހެން ކަމުން އެއަވަށަށް މެދެވައު ކިޔަނީއެވެ. ރަސްމީ ބަހުގައި އޮންނަ ‘މެދު’ މި ލަފުޒަށް ހިތަދޫގައި ބޭނުންކުރާ ލަފްޒަކީ ‘މެދެ’ އެވެ. ބަސް ފުރޮޅިގެން ދާއިރުވެސް އެއްވެސް ގޮތަކަށް މި ލަފުޒު ‘މެދު’ އަކަށް އައްޑޫ ބަހުގައި ފުރޮޅގެނެއް ނުދެއެވެ. އެހެންކަމުން އައްޑޫބަހުގެ ތަބީޢީ ސިފަ ހިފެހެއްޓުމަށް އެއަވަށުގެ ނަމުގައި އޮންނަންވާނީ މެދެވައު އެވެ. މެދުވަލެއް ނޫނެވެ.
އަދި ‘ކޮރޮވައު’ އާއި ‘މެދެވައު’ މި ދެ ނަމުގައިވާ ‘ވައު’ މިއީ ރަސްމީބަހުރުވައިގައިވެސް އަދި އައްޑޫބަހުރުވައިގައި ވެސް ‘ވައު’ މި ލަފްޒެވެ. ރަސްމީ ބަހުގައި ‘ވައު’ މި ލަފުޒު ފުރޮޅެނީ ‘ވަލު’ ނަވަތަ ‘ވަލުން’ އަށެވެ. ނަމަވެސް އައްޑޫބަހުގައި ‘ވައު’ މިލަފުޒު ފުރޮޅެނީ ‘ވަލި’ ‘ވަލައް’ އަދި ‘ވަލުން’ މި ތިން ގޮތަށެވެ. މިސާލަކަށް ‘މެދެވަލި އިސްކޫލު’، ‘މެދެވަލައް ގޮއްސެއި’، ‘މެދެވަލުން ގިނާ’ މި ގޮތަށެވެ. އެއްގޮތަކަށްވެސް ‘ވަލު’ އަކަށް ފުރޮޅިގެނެއް ނުދެއެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިޚާބީ ދައިރާތައް ކަމުގައިވާ އައްޑޫސިޓީ 2 ގެ ނަމުގައި ‘ކޮރޮވަލު’ އަދި އައްޑޫސިޓީ 4 ގެ ނަމުގައި ‘މެދުވަލު’ ކަނޑައަޅާފައި އޮތް އޮތުމަކީ އާއްޑޫބަހަށް ނުވަތަ އައްޑޫ ބަހުރުވައަށް އުނި ކަމެއް ލިބޭ ބަހުގެ ތަބީޢީ ސިފައާއި ފުށުއަރާ ކަމެކެވެ.
ވުމާއެކު ހިތަދޫގެ އިންތިޚާބީ ދާއިރާތައް ކަމުގައުވާ އައްޑޫސިޓީ 1، އައްޑޫސިޓީ2 އަދި އައްޑޫސިޓީ 4 ނަންވެސް އިސްލާހު ކުރަން ޖެހެއެވެ. އައްޑޫސިޓީގެ ތާރީޚާއި ސަގާފަތާއި ޢާއިލީ ގުޅުމަށްޓަކައި އައްޑޫސިޓީ1 ގެ ނަން ‘ހިތަދޫ މޫލެކެޑެ’ އަށް ބަދަލުކުރަން ޖެހެއެވެ އަދި އައްޑޫގެ ބަހާއި ބަހުރުވައިގެ ތަބީޢީ ސިފަތައް ދެމެހެއްޓުމަށްޓަކައި އައްޑޫސިޓީ 2ގެ ނަމަށް ‘ހިތަދޫ ކޮރޮވައު’ ދާއިރާ އަށް އަދި އައްޑޫސިޓީ 4ގެ ނަމަށް ‘ހިތަދޫ މެދެވައު’ ދައީރާއަށް ބަދަލުކޮށް އިސްލާހު ގެންނަން ޖެހެއެވެ.