ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި މަދުވެގެން 76 މީހުން މަރުވެއްޖެ އެވެ.
އެ ހާދިސާ ހިނގާފައި ވަނީ މޮގަދިޝޫގައި މީހުން ވަރަށް ގިނަ ސަރަޙައްދަގައެވެ. އެ ހާދިސާގައި 90 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ.
އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާޢަތަކުން ނަގާފައި ނުވާއިރު، އެ ސަރަޙައްދަކީ އާންމުކޮށް އަލް-ޝަބާބްގެ ހަނގުރާމަވެރިން ހަމަލާތައް ދީ އުޅޭ ހިސާބެކެވެ.
އެޤައުމުގެ ރައީސް މުޙައްމަދު އަބްދުﷲ ފަރުމާޖޯ ވިދާޅުވީ އެ ހަމަލާ ދީފައިވާ ސޯމާލިއާގެ ރައްޔިތުންގެ އުއްމީދުތައް ފުނޑުފުނޑުކޮށްލުމުގެ މަޤްޞަދުގައި ކަމަށާއި، ނަމަވެސް ހަނގުރާމަވެރިންނަށް ޤައުމު ބިނާކުރުން ހުއްޓުވައެއް ނުލެވޭނެ ކަމަށެވެ.
އަލްޤައިދާ އާއި ގުޅުން އޮންނަ އަލް-ޝަބާބް އަކީ އިސްލާމީ ހަރުކަށި ފިކުރުގެ ޓެރަރިސްޓް ޖަމާޢަތެކެވެ. އެ ޖަމާޢަތް ޙަރަކާތްތެރި ވަމުން އަންނަތާ މިހާރު 10 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، 2011 ވަނަ އަހަރު އެ ޖަމާޢަތް ވަނީ މޮގަދިޝޫއިން ބޭރުކޮށްފަ އެވެ. އެހެންނަމަވެސް އެމީހުންގެ ބާރު އަދިވެސް ސޯމާލިއާގެ ބައެއް ހިސާބުތަކުގައި އޮވެއެވެ.
މަންޒަރުދުށް މީހަކު “ބީބީސީ” އަށް ކިޔައިދިން ގޮތުގައި ހާދިސާ ހިނގި ސަރަޙައްދުން ފެނުނީ ހުސް މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ކަމަށާއި، ބައެއް މީހުންގެ ހަށިގަނޑު ވަނީ ކާކުކަން ނޭނގޭ ވަރަށް އަނދާފައި ކަމަށެވެ.
އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ބަހެއްގައި ދަތުރުކުރަމުންދިޔަ ބަނާދިރް ޔުނިވަރސިޓީގެ 16 ދަރިވަރަކުވެސް ހިމެނޭ ކަމަށް “އޭއެފްޕީ” އިން ރިޕޯޓުކުރެއެވެ.
މިއީ ހިތާމަވެރި ދުވަހެއް. އެދުވަހަކީ ކުދިން ކިޔެވުމަށްޓަކައި ސްކޫލަށް ފޮނުވި ބެލެނިވެރިންނަށް އެކުދިންގެ މަރުވެފައިވާ ހަށިގަނޑުތައް އަނބުރާ ލިބުނު ދުވަސް”، ޔުނިވަރިސިޓީގެ ޗެއާމަން މުޙައްމަދު މަޙްމޫދު ޙަސަން “އޭއެފްޕީ” އަށް ވިދާޅުވި އެވެ.
މަންޒަރު ދުށް ތިން މީހަކު “ރޮއިޓާސް” އަށް ބުނި ގޮތުގައި އެ ހަމަލާ ދީފައިވަނީ މަގު ހެދުމުގެ މަސައްކަތް ކުރަމުންދިޔަ ތުރުކީގެ އިންޖިނިއަރުންތަކެއްގެ ކައިރިއަށެވެ.
ސޯމާލިއާގެ ޚާރިޖީ ވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ތުރުކީގެ ދެ އިންޖިނިއަރަކުވެސް މަރުވެފައިވާ ކަމަށެވެ.
ތުރުކީ އަކީ 2011 ވަނަ އަހަރު ސޯމަލިއާގެ ރައްޔިތުން ހާލުގައި ޖެހުނު ފަހުން އެޤައުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ.
ރައީސް މުޙައްމަދު އަބްދުﷲ ފަރުމާޖޯ ވަނީ އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފަ އެވެ.
“މި ދުޝްމަނަކީ ބައިނަލްއަޤްވާމީ ނިރުބަވެރިކަމުގެ ފަނާކުރަނިވި މަޤްޞަދު ހާސިލްކުރުމަށް މަސައްކަތްކުރާ ބައެއް. އެމީހުން ދުވަހަކުވެސް އަޅުގަނޑުމުގެ މި ޤައުމުގައި އެއްވެސް ރަނގަޅު ކަމެއް ކޮށްފައެއް ނުވޭ. އެމީހުން ދުވަހަކުވެސް މަގެއް ހަދާފައެއް ނުވޭ، ހޮސްޕިޓަލްތަކެއް އަދީ ތަޢުލީމީ މަރުކަޒުތަކެއްވެސް ދުވަހަކުވެސް އަޅާފައެއް ނުވޭ. އެމީހުން ކުރާހާވެސް ކަމަކީ ހަލާކުކުރުމާއި މީހުން މެރުން. އެކަން ސޯމާލިއާގެ އާންމުންނަށް ވަރަށް ރަނގަޅަށް އެނގޭނެ”، ރައީސް ވިދާޅުވި ކަމަށް ސޯމާލިއާގެ ޤައުމީ ނޫސް އޭޖެންސީ “ސޯނާ” އިން ރިޕޯޓު ކުރެއެވެ.
މިމަހުގެ ކުރީކޮޅުވެސް އަލް-ޝަބާބް އިން މޮގަދިޝޫގެ މަޝްހޫރު ހޮޓެލަކަށް ދިން ހަމާއެއްގައި ފަސް މީހުން ވަނީ މަރުވެފަ އެވެ.