އައްޑޫ ސިޓީ އަކީ ރާއްޖޭގެ ވެރިރަށް މާލެސިޓީ ފިޔަވައި އާބާދީ އެންމެބޮޑު އެއްސިޓީއެވެ. ޒުވާނުންގެ އާބާދީވެސް އެހާމެ ގިނައެވެ.
ޒުވާނުންނަށް ބޭނުންވާ ތަފާތު ވަސީލަތްތައް އައްޑޫއިން ލިބެންނެތް ކަމަށްވެސް ބައެއް މީހުންބުނެއެވެ. އެކަމަކުވެސް ނުލިބެއޭ ދެންނެވުމުގެ ބަދަލުގައި ފުރިހަމަނުވެޔޭ ދެންނެވުން ރަނގަޅުވާނެއެވެ. އަދުގެ ސަރުކާރުން ގެންދަވަނީ ޒުވާނުންނަށް ޚާއްސަކޮށްގެން ގިނަކަންތަކެއް ކޮށްދެއްވަމުންނެވެ. އެހެންވީމާ މި ސަރުކާރުން އައްޑޫގެ ޒުވާނުންމަތިން ހަނދާން ނައްތައެއް ނުލައްވާނެއެވެ.
ކުޅިވަރުގެ ދާއިރާއިން އައްޑޫގައި ޒުވާނުންނަށް ބައެއްކަންކަން ފަހިވެފައިވެއެވެ. އެހެންނަމަވެސް ފަހިވެފައިވާ ކަންކަން ދެމެހެއްޓެނިވި ގޮތަކަށް ކުރަންއެބަޖެއެވެ. މިސާލަކަށް ހިތަދޫ ސްޓޭޑިއަމްގައިވާ ބާސްކެޓް ކޯޓެވެ.
2014 ގައި ‘އޭ. އެފް. ސީ ޗެލެންޖް ކަޕް’ ގެ މެޗުތަކެއް ކުޅުމަށް ސްޓޭޑިއަމް އިތުރަށް މަރާމާތުކުރި ނަމަވެސް ސްޓޭޑިއަމްގައިވާ ބާސްކެޓް ބޯލް ކޯޓަކަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނެތެވެ. އެހެން ކަމުން އެތަން އެދަނީ ވީރާނާވަމުންނެވެ. އެތަނުގެ ތަޅުންގަނޑުވަނީ ކަނޑައިގެން ގޮސްފައެވެ. މީގެ ސަބަބުން އެތަނަށް ކުޅެންދާ އެތައް ބަޔަކަށް ކޮންމެ ދުވަހަކު އެތައް އަނިޔާއެއް ވެއެވެ.
މީގެ އިތުރުން ބާސްކެޓް ޕޮޓް ހަރުކޮށްފައިވާ ދަގަނޑު ސްޓޭންޑް ތަކުގައި ދަބަރުޖަހައި ހަލާކުވެފައި ވުމުން ކުޅޭއިރު އޭތި ބޮލަށްވެއްޓިދާނެ ކަމުގެ ބިރުގައި އަބަދު ތިބޭކަމަށް އެތަނަށް ކުޅެންދާ އައްޑޫ ހައި ސްކޫލްގެ ކުދިން ބުނެފައިވެއެވެ. ހަމަ އެއާއެކު ސްޓޭންޑްގައި ހަރުކޮށްފައިހުރި ފިލާގަނޑަށް މިހާރު ގާތްގަނޑަކަށް 20 އަހަރު ވެދާނެއެވެ. އެހެން ކަމުން މިހާރު އޭތިވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
އެ ކޯޓުގައި 4 ލައިޓް ޕޯސްޓް ވާއިރު މީގެ ތެރެއިން މާކަރީއެއް ހަރުކުރެވިފައިވަނީ ހަމަ އެންމެ ޕޯސްޓެއްގައެވެ. އެ ތަނަށް ކުޅެން އަންނަ ޒުވާނެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މާކަރީ އަކީވެސް އެ ތަނަށް ކުޅެންދާ ޒުވާނުންނާއި ފުލުހުން އަމިއްލައަށް ހަރުކޮށްފައިވާ އެއްޗެކެވެ. ނަމަވެސް މިހާރު އެ ޕޯސްޓްތަކުގައި މާކަރީ ހަރުކުރުމުގެ މަސައްކަތްތަކެއް އެތަނަށް ކުޅެންދާ ޒުވާނުންނާއި ފުލުހުން ދަނީ ކުރަމުންނެވެ. އެކަން ކުރަމުންދަނީ ޔޫތުމިނިސްޓްރީގެ އެހީތެރިކަމާވެސް އެކުގައެވެ.
މިހާރުވަނީ ކަރަންޓް ވައިރު ވަޅުލުމަށް ކޯޓުގެ ވަށައި ކޮންނަން ފަށައިފައެވެ. މިމަސައްކަތަށް އައްޑޫ ސިޓީ ސްޓޭޑިއަމް ހިންގާ ފަރާތްތަކުގެ އެއްބާރުލުން ވަރަށްބޮޑަށް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.
އައްޑޫ ސިޓީ ސްޓޭޑިއަމްގައިވާ ބާސްކެޓްބޯޅަ ކޯޓު ރަނގަޅު ފެންވަރެއްގައި އޮތްނަމަ އެ ކޯޓުގައި ފަރިތަކޮށްގެން ޤައުމީ މުބާރާތް ތަކުގައާއި ދުނިގެ ފެންވަރުގައި ކުޅެވޭނެ ޒުވާނުންތަކެއް އައްޑޫ ސިޓީއިން އުފެދިގެން ދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ބޭނުން ވަނީ އެންމެން ގުޅިގެން އެކަންކުރުމަށް މަގުފަހިވުމެވެ.