ދިވެހިންގެ މެދުގައިވާ އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއަށް ނެރެގެން ނޫނީ ޙައްލުކުރަން ދަތި ކިތަންމެ މައްސަލައެއް މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަހުރިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާޞަބަތުގައި ތ. ވިލުފުށީގައި އިއްޔެ މެންދުރު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ ދުވަހު ފާހަގަކުރަނީ މީގެ 15 އަހަރު ކުރިން ކަރުނައިގެ ފުން ކަނޑަކަށް އަޅުގަނޑުމެން ޣަރަޤުކޮށްލި، ވަރަށް ހިތާމަވެރި ޤުދްރަތީ ކާރިޘާއެއްގެ ހަނދާންތައް ކަމަށާއި އަޅުގަނޑުމެންގެ އެތައް ބައެއްގެ މުޅި ޙަޔާތް ޤުރުބާންކޮށްގެން އާރާސްތުކުރި ދިރިއުޅުމާއި ބިނާކުރި ގެދޮރު، އެ ދުވަހުގެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ސުންނާފަތިވެގެން ދިޔައީ، އަޅުގަނޑުމެން އެންމެންގެ ލޯމަތީގައި ކަމުގައި ވިދާޅުވިއެވެ. އޭގެތެރޭގައި މައިންބަފައިންނާއި ދަރިން، އެއްބަނޑުއެއްބަފާ މީހުންނާއި ކުދިން، ގާތްތިމާގެ މީހުންނާއި އެކުވެރި ރަޙްމަތްތެރިން ހިމެނޭކަން ފާހަގަ ކުރައްވަމުން އެދުވަހަކީ ޖުމްލަ 108 ދިވެހިންގެ ފުރާނަ ގެއްލިދިޔަ ހިތާމައިން ފުރިފައިވާ ދުވަހެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެޙާލަތުން އަރައިގަނެވުނީ ދިވެހީންގެ ހިތްތަކުގައި އެކަކު އަނެކަކާ މެދު އޮތް އޯގާތެރިކަމާ އަޅާލުމުގެ އިތުރުން މަޞްލަޙަތަށް ލޯބިކުރުމާއި އަނެކުންނަށް އިސްކަންދިނުމުގެ ރިވެތި ނަމޫނާއިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ސުނާމީގައި ލިބުނު ގެއްލުމާއެކު އެހެން ޤައުމުތަކުން ފެނިގެންދިޔަފަދަ ނޭއްގާނީ ޢަމަލްތަކެއް ދިވެހިރާއްޖެއިން ފެނިފައިނުވަނީ އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ އިސްލާމް ދީނުގެ މަތިވެރި އަޤީދާއިން ލިބުނު ކެތްތެރިކަމާއި ތަޙައްމަލުކުރުމުގެ މަތިވެރި ސިފައިގެ ސަބަބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ދިރިއުޅުން ޢާއްމު ޙާލަތަކަށް ގެނައުމަށް ވޭތުވެދިޔަ އެކި ސަރުކާރުތަކުންވެސް މަސައްކަތް ކުރައްވާފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިޔަށް އޮތް 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނިގެން ވިލުފުށީގެ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ރޭވިފައި ހުރިކަން ފާހަގަކުރައްވާފައެވެ. އަދި މި ކާރިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ނަގާފައިވާ ލޯނުތައް މީގެ ކުރިން ސަރުކާރުން މާފުކޮށްދެއްވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިންނަކީ ޤުދުރަތީގޮތުން ކުރިމަތިވާ އެތައް ނުރައްކަލަކާ ކުރިމަތިލާންޖެހިފައިވާ ބައެއް ކަމަށާއި މިފަދަ ހާދިސާތަކުން ކުރިމަތިވާ ނުރައްކާ ކުޑަކުރުމާއި ދުރާލާ ރައްކާތެރިވެ ފިޔަވަޅު އެޅުމަށް ޤައުމީ ފެންވަރުގައި ޙައްލު ހޯދުމަށް މަސައްކަތް ކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލާނަމަވެސް، އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއަށް ނެރެގެން ނޫނީ ޙައްލުކުރަންދަތި ކިތަންމެ މައްސަލައެއް އެބަހުރި ކަމަށާއި، އެގޮތުން ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުތަކާއި ހިންގާ ހަރުކަށި ޢަމަލުތަކުގެ އިތުރުން ދީނަށް އިހާނެތިކޮށްހިތުމާއި މާރާމާރީތަކާއި ގޭންގު ކުށްތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވޭނީ އެންމެހާ ފަރާތްތަކުން ގުޅިގެން އެކަމާ ދެކޮޅަށް މަސައްކަތް ކުރެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިފަދަ ކަންކަމަކީ ފަރުދީ ޒިންމާއަށް އިހުމާލުވެ، މުޖްތަމަޢުގެ މަޞްލަޙަތުގެ މައްޗަށް އަމިއްލަ ކަންކަން އިސްކުރުމުގެ ނަތީޖާ ކަމަށާއި މިއަދު އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ މިފަދަ ކަންކަމަށް ފާޅުގައި ދެކޮޅުހަދައި، އެފަދަ ޢަމަލުތައް ސިއްރުނުކޮށް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތެދުވާ ބަޔަކަށްވުން ކަމުގައި ވިދާޅުވިއެވެ.
އެ ޖަލްސާގައި ސުނާމީ ކާރިސާއާއި ގުޅިގެން ވިލުފުށީ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވާފައިވެއެވެ. އަދި ސުނާމީ ކާރިސާގައި ތ. ވިލުފުއްޓަށް ލިބުނު ގެއްލުމާ، އެރަށް އާބާދުކުރުމަށް ކުރެވުނު މަސައްކަތާބެހޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކާފައިވެއެވެ.
އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަން ސަރުކާރުން ނިންމެވީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާލުގައިޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި ރައްޔިތުން ދައްކުވައިދިން އެކުވެރިކަމާއި އެއްބައިވަންތަކަމާއި އޯގާތެރިކަމާ އަދި އެކުގައި ކުރި މަސައްކަތް ފާހަގަކުރުމުގެ ގޮތުންނެވެ.