English Edition
Dhivehi Edition
ރައީސް މުއިއްޒު: ފޮޓޯ ރައީސް އޮފީސް
އިސްލާމީ ރިވެތި އުސޫލުތަކާއި އާދަތަކުގައި ހިފެހެއްޓުމަކީ ދިވެހިންނަށް ކޮންމެ ކަމެއްގައިވެސް ލިބޭ އެންމެ ބޮޑު ސަލާމަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރެއްވި މެސެޖެއްގައެވެ. ދިވެހިންގެ ކިބައިގައި ހުރި މި ރިވެތި ސިފަތަކަކީ ދަތި އުނދަގޫ ހާލަތްތަކުން އަރައިގަތުމަށް ލިބޭ އެންމެ ބޮޑު ބާރުކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އިސްލާމީ އަގީދާ މަގުދައްކަނީ ގައުމީ ކޮންމެ ކަމެއްގައި އެންމެން އެކަތިގަނޑަކަށް ވެ، އެކަކު އަނެކަކަށް އެހީތެރިވެ އޯގާތެރިވުމަށެވެ. މީގެ 21 އަހަރު ކުރިން ކުރިމަތިވި ސުނާމީގެ ނުރައްކާތެރި ވަގުތުގައިވެސް، އަދި އޭގެ ފަހުން ދިމާވި ކޮންމެ ގޮންޖެހުމެއްގައިވެސް ދިވެހިންގެ ސަލާމަތަކަށްވީ މުސްލިމުންގެ ގޮތުގައި ތިބެ ދަމަހައްޓަމުން އަންނަ މިފަދަ ރިވެތި އަހުލާގެވެ. މި ދުވަހުގެ މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ، ދިވެހިންގެ މެދުގައި އޮންނަ އުހުއްވަތްތެރިކަމާއި ކުލުނު ދެެމެހެއްޓެވުމަށް އެދިވަޑައިގެންފައެވެ.

ސުނާމީ ކާރިސާއަށް މިއަދު 21 އަހަރު ފުރިގެންދާއިރު، އެ ހިތާމަވެރި ހާދިސާގައި 82 ދިވެހިން މަރުވެ، 26 މީހަކު ގެއްލި، އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިގެން ދިޔައެވެ. ނަމަވެސް އެ ދުވަހު ދިވެހި ރައްޔިތުން ދައްކުވައިދިން އެއްބައިވަންތަކަމާއި ހިތްވަރަކީ ގައުމީ ތާރީހުން ފެންނަން އޮތް އެންމެ އުޖާލާ ނަމޫނާއެވެ. މި ދުވަސް ފާހަގަކުރަނީ އެ ހަނދާންތައް އާކޮށް، ގައުމީ އެއްބައިވަންތަކަން ދެމެހެއްޓުމުގެ މުހިންމުކަން ރައްޔިތުންނަށް ހަނދާންކޮށްދިނުމަށެވެ.