މިހާރު ދިވެހިރާއްޖޭގެ ވެރިކަން ކުރަމުން ގެންދަވާ ބޭފުޅުން ވެރިކަން ހޯދަންވެސް ހެދީ ހުސް ދޮގު ކަމަށާއި, މިހާރުވެސް ހަދަމުން ގެންދަނީ ހުސް ދޮގުކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޅ. ހިންނަވަރުގައި އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ޖީހާން އަށް ތާއީދު ހޯދަން ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ, މިއަދަކު ލޯމަރާލައިގެން ބަލަހައްޓައިން ތިބެވޭކަށް ނެތްކަމަށެވެ.
“އޭރުވެސް ހެދީ ދޮގު މިހާރުވެސް ހަދަމުންދަނީ ހުސްދޮގު. ގައުމު މިދަނީ ފުން އަނދަވަޅަކަށް ވެއްޓެން,” ސަރުކާރަށް އަމާޒުކުރައްވައި ރައީސް ސޯލިހު ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ, ރައީސް ޑރ މުހައްމަދު މުއިއްޒު މެން ރައީސް ޔާމިންގެ ވެރިކަމުގައި ރަށްރަށުގެ ސިއްހީ ނިޒާމު މަތިން އެއްކޮށް ހަނދާން ނައްތާލާފައިވަނިކޮށް އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ 5 ސަރަހައްދއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ފަށައިގެން ކުރިއަށް ގެންދާން ފެށިކަމަށެވެ.
“އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް އިންތިހާބުގައި އެމްޑީޕީއިން ބޮޑު މެޖޯރިޓީއެއް ހޯދާނަން. އަޅުގަނޑުމެންގެ އަމާޒަކީ ހަމަ މަގުން ނެއްޓިފައި ވާ މި ސަރުކާރު ހަމަ މަގަށް ރައްޔިތުންގެ މަޖިލިސް ތެރއިން ގެނައުން,” ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމްޑީޕީން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 89 ނުވަ ދާއިރާއަކަށް ކުރިމަތިލާން ނިންމާފައެވެ. އަދި އެމްޑީޕީން މަސައްކަތް ކުރަމުން އަންނަނީ މަޖިލީހުން މަދުވެގެން 65 ގޮނޑި ކާމިޔާބު ކުރުމަށްކަމަށް އެޕާޓީގެ ޗެއާޕާސަން ވަނީ ހާމަކުރައްވާފައެވެ.