ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް ފޮނުއްވައިފި އެވެ.
ރައީސް މިއަދުގެ ތަހުނިޔާ ފޮނުއްވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޓްވީޓްގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރައްވަނީ 26 ޑިސެންބަރު 2004 ގެ ސުނާމީ ކާރިސާގައި މިދުނިޔެ ދޫކޮށްދިޔަ ލޮބުވެތި ދިވެހި ރައްޔިތުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި މާތް الله ގެ ހަޟުރަތުގައި ދުޢާ ދަންނަވަމުން ކަމަށެވެ.
ދިވެހި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ފެށީ 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ކައިރިއަށް އައި ބާރުގަދަ ބިންހެލުމަކާއި ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަށް ކޮށް، އެ ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމުގައި ދިވެހި ރައްޔިތުން ދެއްކެވި ހިއްވަރާއި އެއްބައިވަންތަކަމުގެ ހަނދާން އާކުރުމަށެވެ.
މި އަހަރުގެ އެއްބައިވަންތަކަމުގެ ރަސްމީ ޖަލްސާ އޮންނާނީ މިއަދު މެންދުރުފަހު 14:00 ގައި ތ. ވިލުފުށީގައެވެ. ވިލުފުށްޓަކީ އެ ކާރިސާގައި މުޅިން ހަލާކުވެ ވީރާނާވި ރަށްތަކުގެ ތެރެއިން އެއް ރަށެވެ.
2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީގައި 82 މީހުން މަރުވެ، 26 މީހަކު ގެއްލިފައިވާއިރު، ދިރިނުއުޅެވޭ މިންވަރަށް ހަތަރު ރަށެއް ވަނީ ހަލާކުވެފަ އެވެ. އެއީ ރ. ކަނދޮޅުދޫ އާއި ދ. ގެމެންދޫ އަދި މ. މަޑުފުށީގެ އިތުރުން ތ. ވިލުފުށި އެވެ. އެ ހާދިސާގައި ހާލުގައި ޖެހުނު 8500 ވަރަށް މީހުން ވަގުތީ ހިޔާތަކަށް ގެންދަން ޖެހުނެވެ.
މިއަދު ވިލުފުށީގައި ބާއްވާ ޖަލްސާގައި ސުނާމީ ކާރިސާއާއި ގުޅިގެން އެ ރަށު ރައްޔިތުން ހާލުގައި ޖެހުނު ދުވަހު އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ހަނދާނީ ފިލާ އަރުވާނެއެވެ.
އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ސޯލިހު މިހާރު ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ.