English Edition
Dhivehi Edition
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް:ފޮޓޯ: ރައީސް އޮފީސް

އިޒްރޭލުން, ގާޒާގެ މެދުތެރޭގެ އަވަށެއް ކަމަށްވާ އަލް ޒައިތޫން އަވަށުގައި ހުންނަ ބެޕްޓިސްޓް ހޮސްޕިޓަލް، (އަލް އަހްލީ އަރަބް ހޮސްޕިޓަލް) އަށް ދިން ހަމަލާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

މި ހަމަލާ ކުށްވެރިކޮށް ރައީސް ސޯލިހް ވިދާޅުވީ އަލް އަހްލީ އަރަބި ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ހޮސްޕިޓަލްތަކަށާއި ހަނގުރާމަ ނުކުރާ މީހުންނަށް އަމާޒުކޮށްގެން ހަމަލާތައް ދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު އަމަލެއްކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަށް ބާރުއަޅައި، ގާޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުއި ދިނުމަށްޓަކައި އިންސާނީ ކޮރިޑޯތައް ގާއިމުކުރުމަށް ދުނިޔޭގެ މުޖްތަމައުތަކަށް ގޮވާލައްވާފައެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކުގައި އެ ގައުމުގެ 3000 އަށް ވުރެ ގިނަ މުސްލިމުން ޝަހީދުވެފައިވާއިރު ހައްދުފަހަނާޅާފައިވާ ޔަހޫދީ ސިފައިން އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ހަމަލާގައި އެކަނިވެސް ފަސް ސަތޭކައަށް ވުރެ ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ.