English Edition
Dhivehi Edition
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު - ފޮޓޯ: މަޖިލިސް

ޤައުމީ ސަލާމަތާ ގުޅޭ ކަންތައްތައް ސަމާސާއަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވަނީ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އާދަމް ޝަރީފް ވިދާޅުވެފައި ވަނީ ޤައުމީ ސަލާމަތަށް ނުރައްކާ ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ، ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ޒިންމާއެއް ކަމަށެވެ. އަދި ޤައުމި ސަލާމަތާއި ފަރުދުންގެ ރައްކާތެރިކަމަކީ ސީރިއަސް ކަންކަން ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
“މިރިނުވެ ގޮބަޅި ކާށި ވާގޮތަށް، ޤައުމީ ސަލާމަތާ ގުޅޭ ކަންކަން ސަމާސާއަކަށް ވެގެން ނުވާނެ”، އެ ޓްވީޓްގައި އާދަމް ޝަރީފް ވިދާޅުވެފައި ވެއެވެ.
އޭނާ މިހެން ވިދާޅުވިއިރު، ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމާއި ގުޅިގެން ޤާއިމް ކުރެވޭ އެލާޓް ސްޓޭޓަސް ޔެލޯ 2 އެމްއެންޑީއެފް އިން ވަނީ ޤާއިމްކޮށްފަ އެވެ.

މުޅި ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ޔެލޯ އެލާޓް ނެރުނުކަން އިޢުލާން ކުރައްވަމުން އެމްއެންޑީއެފް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޭ 19:00 އިން ފެށިގެން އެލާޓް ސްޓޭޓަސް މައްޗަށް ޖައްސާ “ޔެލޯ2” އަށް ބަދަލުކޮށްފައިވާ ކަމަށާއި އެ އެލާޓް ނެރެނީ، ގައުމުގެ ސުލްހަމަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެ ކަމަކަށް ބެލެވުމުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުން ކަމުގައެވެ.

އެ އެލާޓާ އެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވާނެ ކަމަށާއި ސަލާމަތީ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރުން ވެސް ހިމެނޭނެ ކަމުގައި އެ ބަޔާނުގައި ބުނެފައި ވެއެވެ.