English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ ކަޅިހާރި އަބްދުﷲ ވަސީމް މަޝްހޫރު ނަމުންނަމަ މުލިމަތި ވައްސޭ އަކީ ކުޑަ އިރުއްސުރެ ރަށުގެ ހާލަތު ބަދަލުވުމުގެ އުންމީދުގައި، އެކަމަށް ވިސްނާފިކުރުކޮށް ރަށުގެ ހާލަތު ބަދަލު ކުރުމައްޓަކައި ވަރުގަދަ އިޖްތިމާއީ ރޫހެއްގައި މަސައްކަތްކުރަމުން ދިޔަ މީދޫ އެންމެންގެ އެކުވެރިއެކެވެ.ވައްސޭގެ ފަލްސަފާއަކީ އެބައެއްގެ ހާލަތު ބަދަލުކޮށްލެވޭނީ، އެބަޔަކު އަމިއްލައަށް ކަމެވެ.
ނިކަމެތި ހާލުގައި ބޮޑުވެ އުމުރުން އެންމެ ސޯޅަ އަހަރުގައި ދިރިއުޅުމަށްޓަކައި މަސައްކަތުގެ ދާއިރާއަށް ނިކުތް ވައްސޭ އެންމެ ފުރަތަމަ އަދާ ކުރި ވަޒީފާއަކީ ހެޔޮއެދޭ ފަރާތެއްގެ އެހީއާއި އެކު އައްޑޫއަތޮޅު ގަމުގައި ފެކްޓްރީ ދުވަސް ވަރު ގަމުން ލިބުނު ވަޒީފާއެކެވެ. ނަމަވެސް އެ ވަޒީފާއިން ލިބޭ އާމްދަނީ އާއި ދިރިއުޅުމުގެ ހަރަދުތަކާއި ނުބައްދަލު ކަމަށް ގަބޫލުކުރެވުނު ހިސާބުން ރިސޯޓަކަށް ދެވޭތޯ މަސައްކަތްފެށިއެވެ. އެ މަސައްކަތް ކާމިޔާބުވެގެންދިޔައީ ސައުދުބޭގެ ހެޔޮކަމާއެކުގައި ކަން ވައްސޭ ފާހަކުރީ ޝުކުރިވެރިކަމާއެކުގައެވެ.

ޒަމާން ތަކެއް ރިސޯޓުގައި ހޭދަކުރުމައް ފަހު ރަށަށް އައިސް އެބުރި ރިސޯޓަކަށް ދާން ވައްސޭ ބޭނުން ނުވި އެންމެ ބޮޑު ސަބަބަކީ އަބަދުވެސް ރަށަށް ކަމެއް ކޮށްދިނުމަށް ހިތުގައި އުފެދިފައިވާ ޝައުގުވެރިކަމެވެ. “އެހާ ހިސާބުން ވިސްނަން ފެށީ ރަށުގައި ހުރެގެން އެންމެ ރަގަޅު ގޮތުގައި ކުރެވޭނީ ރަށުގައި ދިރިއުޅުމަށް ރަގަޅު މަސައްކަތެއް ފެށި ރަށުގައި އުޅެގެންނޭ ‘އޭއޯ ނިއުސް’ އަށް ދިން އިންޓަވިއުއެއްގައި ވައްސޭ ބުންޏެވެ. ވަސީމް ބުނި ގޮތުގައި ވަސީމް ވިސްނި ވިސްނުމުން ރަށުގައި ހުރެގެން އެންމެ ރަނގަޅު އާމްދަނީއެއް ލިބޭނެ މަސައްކަތަކަށްވީ ކޮންސްޓްރަކްޝަން މަސައްކަތެވެ.”އޭރު އެއްވެސް ވަރަކަށް އެ މަސައްކަތް ނޭގޭ. ދެން ވަރަށް ހިތްވަރު ކޮށްފަ އެ މަސައްކަތް ދަސްކުރީ.”މިހާރު ކޮންސްޓްރަކްޝަން ގުރޫޕެއްވެސް ގެންގުޅެމުންދާ ވައްސޭ ބުންޏެވެ.
އެހެންނަމަވެސް ހަޔާތުގެ ވަކި ހިސާބަކުން އަނެއްކާވެސް ދިމާވި މަޖުބޫރީ ތަކުގެ ސަބަބުން، ލިބުނު ފުރަތަމަ ދަރިފުޅާއެކު ވަސީމްގެ ދިރިއުޅުން މާލެ ބަދަލުކޮށްލީ އެ ވަގުތު އެ ނޫން އެހެން ގޮތެއް ނެތުމުންނެވެ. މާލެ ބަދަލުވެ ގިނަ ދުވަސްތަކެއް ވީ އިރުގައިވެސް ވަސީމް ބޭނުން ނުވި އެއްކަމަކީ އުފަން ރަށް ދޫކޮށް މާލޭގައި ދިރިއުޅުމެވެ.ދަރިފުޅުގެ އޯލެވަލް ނިމުމާއެކު ތަންމަތި ބަނދެ ރަށު ބޯޓައް ލީ ހަމަ ޔަގީނުންވެސް މާލޭގައި ދިރި ނޫޅެވިގެނެއްނޫނެވެ. އުފަން ރަށް ދޫ ކޮއްލަން ބޭނުން ނުވާތީވެއެވެ. އެ ފަސްގަނޑަށް ހިތުގައި އުފެދިފައިވާ ލޯތްބެއްގެ ސަބަބުންނެވެ.

ވަސީމް ބުނި ގޮތުގައީ އެނބުރި ރަށައް އައުމުން ލިބުނީ ބޮޑު ޝޮކެކެވެ. ރަށުގެ ޒުވާން ޖީލުގެ ބޮޑުބައެއް އޮތީ މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް ގޮސް ހުސްވެފައެވެ. ޒުވާނުން ތިބީ މުޖުތަމަޢު އިން ބާކީ ވެފައެވެ.ރަށުގެ އިޖްތީމާއީ އެއްވެސް މަސައްކަތެއް ނެތި ރަށްވަނީ ފަޅުވެފައެވެ. “ވަރަށް ދެރަވި ރަށުގެ ހާލަތު ފެނުމުން. ހިތަށް އެރި ކޮންމެވެސް ބަޔަކު އަމިއްލައަށް އިސްނަގައިގެންނޭ ރަށުގެ ހާލަތު ބަދަލުކުރެވޭނީ.” އެހާ ހިސާބުން ރަށުގެ ޒުވާން ޖީލް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް، ރަށުގެ އިޖްތިމާއީ ރޫހު އާލާކުރުމުގެ ގޮތުން ‘ މުލިމަތި ޖަމިއްޔާ’ ގެ ނަމުގައި ޖަމިއްޔާއެއް ވުޖޫދަށް ގެނެސް އިޖްތިމާއި މަސައްކަތައިގެން ކުރިއަށްދާން ފެށީ ރަށުގެ ކުރިމަގަށްޓަކައި ކުރަމުންދިޔަ ފޮނި އުއްމީދުތަކާއެކުގައެވެ.

ކައ2012 ވަނަ އަހަރު އުފެދިގެން ދިޔަ މުލިމަތި ޖަމިއްޔާ އާއި ރާއްޖޭގެ އެހެނިހެން މަޝްހޫރު ޖަމްމިއްޔާތައް ގުޅިގެން ސީދާ ވައްސޭގެ ބެލުމުގެ ދަށުން ޒުވާނުން މަސްތުގެ ވަބާއިން ސަލާމަތްކުރުމަށް ކުރަމުން ދިޔަ މަސައްކަތަކަށް ގިނަ ހުރަސްތަކެއް ކުރި މަތިވެގެން ދިޔަ ނަމަވެސް ފަސް ބެލުމެއްނެތި ދިޔައީ ކުރިއަށެވެ. ކުރި މަސައްކަތުގެ ނަތީޖާވެސް ރަނގަޅެވެ. ވަސީމްގެ އިސްނެގުމާއެކު ފެށި މަސައްކަތުން މުޅި ރަށުގެ އިޖްތިމާއީ ޜޫހު އާލާވެ ރަށުގެ ޒުވާނުންގެ މެދުގައީ ތަފާތު ކުޅިވަރު މުބާރާތަށް ބޭވި ރަށުގައި އެކި ހިސާބުތަކުން ތަފާތު ފެންނަންފެށި ކަމެކެވެ. ރަށުގެ ޒުވާނުންގެ މެދުގައި ދީނީ ލޯބި އަށަގެނެ އުމަށްޓަކައި ބޭއްވި މުބާރާތްތަކާއި، ކުރިއަށް ގެންދިޔަ ދަރުސްތަކަކީ މުޅި މުޖްތަމައުއަށް އެކަމުން ފައިދާތައް ލިބިގެން ދިޔަ ކަންތައްތަކެވެ.

ދިވެހި ރެޑްކްރެސެންޓް ގެ ސ.ބްރާންގެ ޗެއާރޕާސަންގެ މަގާމަށް އިންތިހާބުވުމާއެކު ވައްސޭ ކުރަމުން ދިޔަ މަސައްކަތައް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. ރަށުގައި ކޮންމެ ކަހަލަ އިޖްތިމާއީ މަސައްކަތެއް ކުރި ނަމަވެސް ވައްސޭގެ ބައިވެރިވުން އެކަމަކަށް ނުލިބޭ އެއްވެސް ކަމެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ރަށުގެ ޒުވާނުންނަށް ކުރިއަށް ދާނެ ފުރުސަތުތައް ހޯދައި ދިނުމުގައި ވައްސޭ އަކީ ނަމޫނާއެކެވެ. މީދޫ ސާފް ކުރުމައްޓަކައި ޒުވާން ކުދިބަޔަކު އުފެއްދި ވެށިފެހި މީދޫގެ މަސައްކަތައް ވައްސޭ ދިން ހިތްވަރާއެކު ވެށިފެހި މީދޫ ޓީމާއި މުލިމަތިން ގުޅިގެން ރަށް ސާފުކުރުމުގެ މަސައްކަތް ފެށިގެން ދިއުން ވެގެންދިޔައީ މި މަސައްކަތައް އިތުރު ބަޔަކުނިކުމެ ކުރަން ލިބުނު ހިތްވަރަކަށެވެ. ރަށުގެ ވަށައިގެން ދުއްވާ މަގު ހަނިވެ ނުދުއްވާ ހިސާބަށް ގޮސްފައިވަނިކޮށް ވައްސޭގެ އިސްނެގުމާއެކު ކުރި މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. މީގެ އިތުރުން ރަށަށް ދިމާވެފައިވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކޮށް އެ މައްސަލަތައް ހައްލުކުރުމަށް ވައްސޭއަކީ އޭރުވެސް މިހާރުވެސް އެންމެ ގަދަ އަށް އަޑު އުފުލަމުން ދިޔަ އެއް ފަރާތްކަން ޔަގީނެވެ.

“ރަށުގެ ސާފުތާހިރުކަމާއި ކުޅިވަރާ އެއްބައި ވަންތަކަން އާލާވެގެން ދިޔައީ އެކުގައި މަސައްކަތް ކުރަން ނިކުމެތިބި ހީވާގި ރަހުމަތްތެރިންނާއި ރަށުގެ ރައްޔަތުންގެ ސަބަބަބުން. އެހުރިހާ އެންމެންނަށް ޝުކުރިއްޔާ”. ވަސީމް ދެކޭ ގޮތުގައި އެކުވެރިކަމާ އެއްބައި ވަންތަ ކަމަކީ ރަށެއް ކުރިއެރުމަށް ވަރަށް މުހިއްމު ބައެކެވެ.


މަސައްކަތާއި މަސައްކަތުގެ މާހައުލުން ލިބުނު ތަޖްރިބާ އާއި އެކު ރަށުގެ ތަރައްޤީ އާއި ކުރިއެރުން އިތުރު ހަރުފަތަކައް ގެންދިޔުމުގެ އަޒުމުގައި ވަސީމް މިވަނީ އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތިލުމަށް ނިންމާފައެވެ. ވަސީމްގެ އުއްމީދުތައް ވަރަށް ގިނައެވެ. އެކަމަށްޓަކައި ކުރާ މަސައްކަތް ވަރަށް ބުރައެވެ. މީދޫއަށްޓަކައި ވަސީމް ދެކެމުން އަންނަ ހުވަފެންތަކުގައި ކުލަޖެއްސުމުގެ ބާރު ވަސީމް އަށް ހޯދާދެވެން އޮތީ މީދޫ ދާއިރާގެ ރައްޔަތުންނަށެވެ. “ވައްސޭ އަކީ އަބަދަސް ކޮންމެ ކަމަކިއަސް ރަށި ރައްޔަތުންނާއި އެއްކޮށް ހިންނަ މީހާ. އަދި ކުރިއަށް އޮތްތެއި އަސް ހިންނަނެ މީހާ. ވޭހެއްކަން ކެރާހެއްކަން ސާބިތުކޮށްދޭ ފުރުސަތު ހޯދައި ދިނުން އޮތީ ރައްޔަތުން އަތްމައްތަ.ބޭނުންވެނީ ރަށުގެ ހާލަތު ބަދަލުކެރުމަށްޓަކައި ވަކާލާތުވޭނެ ހިސާބަކަށް އޭ”ވައްސޭ ބުންޏެވެ.
‘އޭއޯ ނިއުސް’ އިން ވައްސޭ އަށް އިންތިހާބުގައި ކާމިޔާބީއަށެވެ.