English Edition
Dhivehi Edition

އިންޑިއާގެ އިރުމަތީގައި އޮންނަ ޖަރުކާންދް ސްޓޭޓްގެ ޤާނޫނު ހަދާ މަޖިލިސް އިންތިޚާބުގައި ވެރިކަންކުރާ ޕާތީ ބީޖޭޕީއަށް މެޖޯރިޓީ ގެއްލި ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލާންޖެހިއްޖެއެވެ.

އާބާދީގައި 32 މިލިއަން މީހުން ހިމެނޭ ސްޓޭޓްގެ މަޖިލިސް އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކުރުމަށް ނިކުތް ބީޖޭޕީއަށް، މިހާތަނަށް ގުނާ ނިމުނު ގޮނޑިތަކަށް ބަލާއިރު ކާމިޔާބުކުރެވިފައިވަނީ 24 ގޮނޑިއެވެ. އިދިކޮޅު ކޮންގްރެސް އާއި އެ ޕާޓީ އާއި ގުޅިފައިވާ ޖޭއެމްއެމް ޕާޓީން މިހާތަނަށް 46 ގޮނޑި ކަށަވަރުވެފައިވާރު ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތަކީ 41 ގޮނޑިއެވެ. އިންޑިއާގެ ރައްޔިތުކަން ލިބޭ އާ ގާނޫނާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރޭގައި ބޭއްވި މި އިންތިހާބުގެ ނަތީޖާ އެންމެ ފުރަތަމަ ބީޖޭޕީއިން ގަބޫލުކޮށްފައި ނުވާއިރު މި ހާރު އެ ޕާޓީއިން ވަނީ ބަލި ގަބޫލުކޮށްފައެވެ.

ޖަރުކާންދް ސްޓޭޓްގައި 2014 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ބީޕޭޖީ އާއި އޯލް ޖަރުކަންދު ސްޓޫޑެންޓް ޔޫނިއަން ގުޅިގެން ވަނީ 42 ގޮނޑި ކާމިޔާބުކޮށްފައެވެ. އިންޑިއާގެ ސްޓޭޓްތަކުގައި އެ ސްޓޭޓެއްގެ އަމިއްލަ ރައްޔިތުންގެ މަޖިލިހެއް އޮވެ އެވެ. ސްޓޭޓް ސަރުކާރު އުފެއްދޭނީ އެ މަޖިލިހުގެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީ ނުވަތަ އިއްތިހާދަށެވެ.

މި މަހު ކުރީކޮޅު ފާސްކުރި ސިޓިޒަންޝިޕް އެމެންޑްމެންޓް އެކްޓް (ސީއޭއޭ) އާއި ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި މުސްލިމުންގެ ދިފާއުގައި މުޒާހަރާކުރަމުން އަންނައިރު ގިނަ ބަޔަކު ވަނީ ބީޖޭޕީ އާއި ދެކޮޅަށްވެސް އަޑު އުފުލާފައެވެ. އިންޑިއާގެ ގާނޫނުއަސާސީ ބުނާ ގޮތުން އެ ގައުމުގެ ރައްޔިތަކަށް ވާން ވަކި ދީނެއް ޝަރުތުކޮށްފައިނުވާއިރު މި މަހުގެ 11 ވަނަ ދުވަހު ފާސްކުރި މި ޤާނޫނާކީ ސީދާ މުސްލުމުންނަށް ފުރައްސާރަކުރުމުގެ ގޮތުން ހެދި ގާނޫނެއްކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އިންޑިއާގައި ހަމަނެޖެހުންތައް ބޮޑުވެފައިވާ މި ދުވަސްވަރު ބޭއްވި މި އިންތިހާބުން ބީޖޭޕީއަށް ކުރިމަތިވި ނާކާމިޔާބީ އާއި އެކު ގިނަ ބަޔަކުވަނީ މޯދީ އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.