ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ މީދޫ ދާއިރާގެ ގޮނޑިއަށް އަމިއްލަގޮތުން ވާދަކުރައްވަން ނިންމެވި ހިޝާމް އަހުމަދު (ހިއްޓާ)، އެ ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އިޔާޒު ޖާދު ﷲ ނަސީމަށް ތާއީދު ކުރައްވަން ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.
މީދޫގައި ހުންނަ އިޔާޒުގެ ކެމްޕޭނު ޖަގަހައިގައި 29 މާރޗް 2024 ވަނަ ދުވަހުގެރޭ ބޭއްވި ޚާއްސަ އިހުތިފާލެއްގައި ވާހަކަފުޅު ދައްކަވަމުން ހިޝާމް އަހުމަދު ވިދާޅުވީ އޭނާ ރަސްމީގޮތުން މި ގޮނޑިއަށް ވާދަ ނުކުރައްވަން ނިންމަވައި އިޔާޒަށް ތާއީދު ކުރައްވަން ނިންމެވީ މިވަގުތު ރަށާއި ގައުމިއްޔަތަށް އެންމެ ފައިދާބޮޑު ގޮތަކީ މި ގޮނޑިއަށް އިޔާޒު އިންތިޚާބުވުން ކަމަށް ގަބޫލުކުރެއްްވޭތީ ކަމުގައެވެ. ދާއިރާއަށް ބޭނުންވާ ކަންކަން ހާސިލްކުރުމަށް އޮތް ފާލަމަކީ ސަރުކާރާއި ރައްޔިތުން ގުޅުވައިދޭ ފާލަން ކަމަށާއި އެ ފާލަމަކީ މިވަގުތު އިޔާޒު ކަމަށްވެސް ހިޝާމް ވިދާޅުވިއެވެ.
ހިޝާމް އަހުމަދު ވަނީ މިފަހަރު އެމްޑީޕީގެ ޕްރައިމަރީގައިވެސް ވާދަކުރައްވައިފައެވެ. އަމިއްލަ ގޮތުން ގޮނޑިއަށް ވާދަކުރައްވަން ނިންމެވީ އެމްޑީޕީގެ ޕްރައިމަރީއަށްފަހުގައެވެ. ހިޝާމް އަހުމަދަކީ 2014 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބުގައިވެސް މީދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާފައިވާ ބޭފުޅެކެވެ. އެފަހަރު އެމްޑީޕީގެ ރޮޒައިނާ އާދަމް ގޮނޑި ކާމިޔާބު ކުރެއްވީ ވަރަށް ކުޑަ ތަފާތަކުން ހިޝާމް ފަހަތަށް ޖައްސަވައިފައެވެ.
މީދޫ ދާއިރާގެ ގޮނޑިއަށް މިފަހަރު އިޔާޒު ޖާދު ﷲ ނަސީމް އެންޑޯޒް ކުރައްވަމުން ހިޝާމް ވިދާޅުވީ މިދާއިރާގެ ތަރައްގީއަށްވެސް އަދި މުޅި ގައުމުގެ ތަރައްގީއަށްވެސް އެންމެ ފުރިހަމަ ތަސައްވުރެއް އޮތީ ސަރުކާރުގައި ކަމަށާއި މި ދާއިރާގައި އެ ތަސައްވުރު ހަގީގަތަކަށް ހަދައި ދިވެހިރާއްޖޭގެ ދުވެލި ހަލުވިކުރެވޭނީ މި ގޮނޑިއަށް އިޔާޒު ހޮވައިގެން ކަމުގައެވެ. އެހެންވީމާ ހިޝާމުގެ ފަހަތުގައި ތިއްބެވި އެންމެހައި ބޭފުޅުންވެސް މިފަހަރު އިޔާޒަށް ވޯޓު ދެއްވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.