English Edition
Dhivehi Edition
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާ ސަފީރު

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު މިއަދު ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވީ ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފިއެވެ.

މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް މިއަދު ވަޑައިގެންނެވިއިރު، އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އަށް މިއަދު ހެނދުނު ވަނީ ހާޒިރުކޮށްފައެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ސަފީރު މުނޫ މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް މިއަދު ވަޑައިގަތީ އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާ އެކު ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. އަދި މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވަނީ ދެ ގައުމުގެ ގުޅުމާ ދޭތެރޭގައި ކަަމަށް މަހާވަރު ވަނީ ބުނެފައެވެ.

ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމަށް ނިސްބަތްކޮށް ‘ބޭއަދަބީ ބަހުން’ ވާހަކަދެއްކި މައްސަލަ ހޫނުވެފައިވާއިރު، މި ބައްދަލުވުންތަކާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ދެ ގައުމުން ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.