ނަފާޒު އޮތްތަނުން ތެދުވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އޭނާގެ އުނަގަނޑުން ތިރި އޭނަގެ އެ އެދުން ފުރިހަމަކޮށެއް ނުދިނެވެ. ކަރުނަވީ ލޮލަކުން އަހަރެން އެމަންޒަރު ބަލަމުން ދިޔައީމެވެ. ނަފާޒަށް މިހާލު މެދުވެރިވާން ޖެހުނީ ކިހިނެއް ހެއްޔެވެ؟ ސަމަން އަށް މިކަންތައް އެނގިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ސަމަން އޭނާއަށް ބޭވަފާތެރިވީ ކަމަށާއި މިއީ ސަމަންގެ ސަބަބުން ނަފާޒަށް ކުރިމަތިވި ހާލަތެއް ކަމުގައި ލިއަމް ބުނަންޖެހޭ ސަބަބަކީ ކޮބައިބާވައެވެ. ސަމަން އާއި ނަފާޒުގެ ދަރިފުޅު ސަމަން މަރާލީ ކަމަށް ނަފާޒު ގަބޫލު ކުރަނީ ކީއްވެގެން ބާވައެވެ. ގިނަ ސުވާލުތަކެއް އަހަރެން ނަފާޒާ ކުރަން ބޭނުންވިއެވެ. ނަމަވެސް ލިއަމް އަށް ބިރުން ހަނު ހުރީމެވެ.
ތަނަށް ވެރިވެފައި އޮތީ މަރުފަދަ ހަމަހިމޭން ކަމެވެ. ކިރިޔާވެސް އިވޭ އަޑަކީ ނަފާޒުގެ ގިސްލުމުގެ އަޑެވެ. އެ ހަމަހިމޭންކަން ފޫދުއްވާލީ ލިއަމް އެވެ. އެވަގުތު އަހަންނަށް ލިއަމް ފެނުނީ ދުވަހަކު ވެސް ނުދެކޭފަދަ މައުސޫމް ގޮތެއްގައެވެ. އޭނާ ހުރީ ހަމަ ރަނގަޅަށް ވެސް ދެރަވެފައޭ މޫނަށް ބަލާލުމުން އެނގެއެވެ.
“ސޮރީ ރޫބީ. އަހަންނަށް އޮޅުނީ. ލިބުނު ނުބައި މައުލޫމާތަކަށް ބިނާކޮށް ލައްކަ ގިނަ އަނިޔާ ރޫބީއަށް ދެވިއްޖެ. އަހަރެން ބޭނުން ސަމަން ގެ މައުލޫމާތު. އަހަރެންގެ ކޮއްކޮގެ ދަރިފުޅު ސަލާމަތް ކުރަން އަހަރެން ބޭނުން” ލިއަމް މަޑުމަޑުން ބުންޏެވެ.
އަހަންނާއި އެންމެ ފަހުން ސަމަން ބައްދަލުވި ދުވަހުގެ ވާހަކަތައް ލިއަމް އާއި ނަފާޒަށް ކިޔައި ދިނީމެވެ. އެވާހަކަތައް އަޑުއަހާފައި ނަފާޒު އަޑުން އަޑުނަގައި ރޯން ފެށިއެވެ.
“ކީއްވެ އަހަންނަށް ސަމަން އާ ދޭތެރޭ އެގޮތަށް ވިސްނުނީ. އަހަރެން އެއާޕޯޓަށް ދިޔައިން އެކަމަކު ސަމަން ނުފެނުނު. ފޯނު އޮތީ ޗާޖު ހުސްވެގެން ނިވިފައި. އަހަރެން އޭނައަށް އިންތިޒާރު ކުރިން. އެންމެ ފަހު ގަޑިޖެހެން ގާތް ވުމުން އޭނާ ބަލާ އަލުން މާލެ ދިޔައީ. ސައިކަލް ގައި ބުރިޖް މަތިން ބާރަށް ދިޔަކަން އެނގުނު. ދެންވީ އެއްޗެއް އަހަންނަކަށް ނޭނގެ. ހޭވެރިކަން ވީ އިރު އޮތީ މިތަނުގައި” ރޮމުން ރޮމުން ނަފާޒު ކިޔައި ދިނެވެ.
“ދެން ކީއްވެ ސަމަން ބޭވަފާތެރިވީ އޭ އަދި ދަރިފުޅު އެބޯޓްކޮށްލީއޭ ތިޔަ ބުނަނީ” އަހަރެން ސަމަންގެ ދިފާއުގައި ވާހަކަ ދެއްކީމެވެ.
“އެއީ މައުލޫމާތު ލިބުނު ގޮތް. އަހަރެންގެ ސަމަންއާއި ބެހޭ މައުލޫމާތު ލިބޭތޯ މީހަކާ ހަވާލު ކުރީ. އޭނަ ބުނެދިން ގޮތް އެއީ. އަހަރެން ބޭނުންވީ އޭގެ ބަދަލު ހިފަން. އަހަރެން ހީކުރީ ރޫބީ އަކީ ސަމަން ކަމަށް. އަހަންނަށް ލިބުނު ފޮޓޯގައި ނަފާޒް އާއި އެކީ އެންމެ ކައިރީގައި ހުރީ ރޫބީ . ” ލިއަމް ކިޔައިދިނެވެ. އަދި ފޯނުގައި ހުރި ފޮޓޯ ރޫބީއަށް ދައްކާލިއެވެ.
އެއީ ކްލާސް ޕާޓީއެއްގައި ނަގާފައި ހުރި ފޮޓޯއެކެވެ. އެ ފޮޓޯގައި އަހަރެން ހުރީ ނަފާޒަށް ކޭކު ކާން ދޭށެވެ. ދުރުގައި ބަލަހައްޓައިގެން ހެވިފައި ސަމަން ވެސް ހުއްޓެވެ. ކުލާސްކުއްޖަކު ނެގި އެފޮޓޯ ނަފާޒުގެ ފޭސްބުކަށް ޓެގް ކޮށްފައި ލީ އަހަންނެވެ. ފޮޓޯ އާއެކު ކެޕްޝަނަކަށް “މިސް ޔޫ ލޯޑްސް ލަވް” އޭ އަހަރެން ޖެހީ މަޖަލަކަށެވެ. އެދުވަހުގެ މަޖާ މިފަދަ ގޮތަކަށް ވިހަވާނެ ކަމަށް އަހަރެން ހިއްޔެއް ނުކުރަމެވެ.
ލިއަމް ކިޔައިދިން ގޮތުގައި އެއާޕޯޓުން މާލެ ދިޔަ މަގުމަތީގައި ނަފާޒު އެކްސިޑެންޓްވީއެވެ. ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ހޯދުމަށް ވަގުތުން ފުރައިގެން ދުބާއީ އަށް އައީއެވެ. އެއީ ލިއަމްގެ ވިޔަފާރި ގާއިމު ވެފައި އޮންނަނީ ދުބާއީގައި ކަމުން މިތަނަށް ގެނެސް ފަރުވާ ކުރިއަށް ގެންދިއުމަށް ފަސޭހަ ވުމުން ކަމަށެވެ. އަދި ވޭތުވެ ދިޔަ 6 މަސްދުވަހުގެ ފަރުވާއިން މިހާރު ނަފާޒުގެ ހާލަތު މަޑުމަޑުން ރަނގަޅު ވަމުން އަންނަ ކަމަށާއި އަދި އެއްކޮށް ރަނގަޅުވުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
ނަފާޒު ބޭނުންވީ ވަގުތުން ސަމަން އަށް ގުޅުމަށެވެ. އެދެމީހުންގެ ދެމެދުގައި އުފެދިފައި އޮތް ޝައްކުތައް ނައްތާލުމަށެވެ. އެހެންކަމުން ވަޓްސް އަޕްއިން އަހަރެން ސަމަން އަށް ގުޅައިދިނީމެވެ. އަދި ވެގެން އުޅޭގޮތް ކުޑަކޮށް ބުނެދިނުމަށް ފަހު ނަފާޒާއި ސަމަން ވާހަކަ ދައްކަން ފުރުސަތު ދީފައި އަހަރެމެން ނިކުތީ ބޭރަށެވެ.
“ކޮބާ ލިއަމްގެ މަންމައާއި ބައްޕަ؟ ނަފާޒު ދެކިލާކަށް ނާދޭތަ؟ ފުރަތަމަ ފަހަރަށް އަމިއްލަ ސުވާލެއް ލިއަމް އާއި ކޮށްލާނެ ހިތްވަރު އަހަންނަށް ލިބުނެވެ.
“މަންމަ އާއި ބައްޕަ…” ދުރު ބަލަހައްޓައިގެން ހުރެ ލިއަމް މަޑުމަޑުން ކިޔާލިއެވެ.
“އަހަރެމެން ކުޑަ އިރު މަންމައާއި ބައްޕަ ވަކި ވެއްޖެ. ދެމީހުންނަކީ ވެސް މުއްސަނދި ދެ ވިޔަފާރިވެރިން. އެމީހުންނަށް ދަރިންނަށް ވުރެ މުހިއްމީ އެމީހުންގެ ވިޔަފާރި. އަހަރެމެންގެ މާމަ ދުނިޔޭގައި ނެތް ނަމަ އަހަރެމެންނަކީ ޔަތީމު މިސްކީނު މީހުންނެކޭ ވަކި ތަފާތެއް ނޯންނާނެ. އަހަރެމެންގެ އެއްވެސް އުފަލެއްގައި އަދި ހިތާމައެއްގައި ބައިވެރިވެލާނެ ފުރުސަތުވެސް މަންމައާއި ބައްޕައަކަށް ނުލިބޭ. ދެމީހުން ދެމީހުންނަށް ރުޅި އައިސްގެން އެއްޗެތި ގޮވުން ނޫން ކަމެއް ނޯވޭ. ލޯބި އެއީ އަހަރެމެންގެ ހަޔާތުގައި ނުފެންނަ އެއްޗެއް” ދެރަވެފައި ހުރެ ލިއަމް ބުންޏެވެ. މިހާރު ހަމަ ގައިމު ވެސް އަހަރެންގެ ކުރިމަތީގައި ހުރީ މީގެ ދެތިން ގަޑިއިރު ކުރިން އަހަންނަށް ފެނުނު ލިއަމް އެއް ނޫނެވެ. އަހަރެން މަޑުމަޑުން އޭނަގެ އަތުގައި ހިފާލީމެވެ. އެ ބީހިލުމަށް ޖަވާބު ދީ ލިއަމް އަހަރެންގެ އަތަށް ފިތާލިއެވެ. އަހަންނަށް އުފަލުންގޮސް ދެލޯ މަރާލެވުނެވެ.
ޖެހިގެން އައި ދުވަހު ލިއަމް ބޭނުންވީ ސަމަން އާއި ބައްދަލުކުރުމަށް މާލެ ދާށެވެ. އެއީ ނަފާޒުވެސް އެދޭ ގޮތްކަމަށް ވުމާއި އަދި ސަމަން ދުބާއީ އަށް ގެނެސްދިނުމަށް ނަފާޒު އެދުމުންނެވެ. އަހަރެމެން މާލެ ގޮސް ސަމަން އާއި ބައްދަލުކުރީމެވެ. ސަމަންގެ މޫނުމަތިން ފެނުނީ އުފާވެރި ކަމެވެ. ރޫބީގެ ހަށިގަނޑުގައި އޮޅުލައިގެން އޮވެ ރޮމުން އެތައްފަހަރަކު ޝުކުރު އަދާ ކުރިއެވެ. ލިއަމް އެމަންޒަރު ބަލަން ދުރުގައި ހިނިތުންވެފައި ހުއްޓެވެ.
“ލިއަމް އަކީ ކިހާ ރީތި ސްމާޓް ފިރިއެއް. ރޫބީ އުފަލުގައި ގެންގުޅެވޭނެ ފިރިއެއްކަން ޔަގީން” އަހަރެންގެ އަތުގައި ވިކައިގަންނަމުން ކަންފަތް ދޮށުގައި ސިއްރު ސިއްރުން ސަމަން ބުނެލި އެޖުމުލަ އަހަންނަށް ކަމުދިޔައެވެ.
އަލުން އެނބުރި ދުބާއީ އަށް ފުރުމުގެ ކުރިން އަހަރެން އަމިއްލަ ގެއަށް ދިޔައީމެވެ. މިހާރު އެގެއާއި އަދި މުދަލުގެ ފުރިހަމަ ހައްގުވެރިއަކީ އަހަރެންކަން އެނގި ހުރެގެންނެވެ. މިހާރު އަހަރެން ބިރުގަންނަން އަދި ޖެހިލުން ވާން ޖެހޭ ބޮޑުބޭބެއެއް ނުވަތަ ދައްތައެއްވެސް ނުހުންނާނެކަން އަހަންނަށް އެނގެއެވެ.
ގެއަށް ވަދެ އަހަރެން އެމީހުންނާ ސަލާން ކޮށް ހާލު އަހުވާލު އޮޅުން ފިލުވީމެވެ. އަދި ލިއުޝާ ދައްތަ ފެންނަން ނެތުމުން ކޮބައިހޭ އަހާލީމެވެ. އެސުވާލަށް ދެރަވެފައި ހުރެ ބޮޑު ބޭބެ ބުނީ އީރާނުގެ މުސްކުޅި ފިރިހެނަކާ ކައިވެނިކޮށް ގެއިން ނިކުމެގެން ގޮސްފިކަމަށެވެ.
“އަހަރެމެން ވަރަށް އާދޭސް ކުރިން އެކަހަލަ މީހަކާ ކައިވެނި ނުކުރުމަށް ބުނެ. ލިއުޝާ ބޭނުންވީ މުއްސަންޖަކާ ކައިވެނި ކުރަން. އެކަންކޮށް ގެން އަހަރެމެން ދޫކޮށް އޭނަ ގޮއްސި” ބޮޑުބޭބެގެ އެވާހަކަތައް އަޑުއިވުމުން އަހަރެން ކުޑަނަމަވެސް ދެރައެއް ނުވެއެވެ. އެމީހުންނަށް މިއަދު އެލިބެނީ އެމީހުން އަހަންނަށް ދިން އަނިޔާގެ ޝަޒާ ކަމަށް ގަބޫލު ކުރީމެވެ.
“ރޫބީ ބޭނުންވަނީ މި ގެ ރޫޅާލައިގެން އަލުން ބޮޑުކޮށް އިމާރާތް ކުރަން. ރޫބީ ބުނީ އެއީ ރޫބީގެ ބައްޕަ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށް. މިހާރު ރޫބީއަކީ ލީގަލީވެސް ބޮޑު މީހެއް ކަމުން ވިޔަފާރިއާއި ހުރިހާކަމެއް އަމިއްލަ އަށް ކުރަން ބޭނުންވަނީ. ބޮޑުބޭބެމެން ކޮށްދިން ކަންތައްތަކަށް ވަރަށް ޝުކުރުވެރިވަން” އަހަރެންގެ ފަރާތުން އިއްވަން ޖެހޭ ހުރިހާ ވާހަކަތަކެއް ދެއްކީ ލިއަމް އެވެ. ބޮޑުބޭބެމެން ހިނދުކޮޅަކަށް ނަމަވެސް މި ފުރާޅުގެ ދަށުގައި ބައިތިއްބަން އަހަރެން ބޭނުން ނުވީއެވެ.
އަމިއްލަ ގެއިން ނިކުމެގެން އަހަރެމެން ދިޔައީ ލިއަމްގެ ގެއަށެވެ. މާމަގެ އުފަލުން ފޮޅިފައިވާ މޫނު ފެނުމުން އަހަރެންވެސް ވަރަށް އުފާވިއެވެ. މާމަ އަހަރެމެން ދެމީހުން އެކީގައި ގެނެސް ބައްދާލީ އުފަލުން ފޮޅެމުންނެވެ..! އެ ބައްދާލުމުން އަހަންނަށް އިހުސާސް ކުރެވުނީ އަހަންނަކީ މިހާރު ލިއަމްގެ އަޅު އަންބެއް ނޫންކަމާއި އަހަރެންނަކީ ލިއަމްގެ ލޯބިވާ އަނބިމީހާ ކަމެވެ!! މާމައަށް ވީ ވައުދު އަހަންނަށް ފުރިހަމަކޮށްދެވިއްޖެ ކަމެވެ!
-ނިމުނީ-