“ރޫބީ……!!” ބޮޑުބޭބެގެ ބިރުވެރި ހަޅޭކުގެ އަޑު އަހަންނަށް އިވުނީ ގެއަށް އައިތާ ގަޑިއެއްގެ އިރުފަހުންނެވެ.
ސިޓިންގ ރޫމުގެ ގޮނޑިއެއްގައި ބިރުން ވިރިވިރި އިން އަހަންނަށް ސިހިގެންގޮސް ކޮޅަށް ތެދުވެ ފާރަށް ލެނގިލެވުނެވެ.
“ކަލޭ މިރޭ ތިކުރީ ވަރަށް ދަށް ފެންވަރެއްގެ އަމަލެއް. ތިޔަ ކުރި ކަމަކުން އަހަރެމެންގެ ހުރިހާ ހުވަފެނެއް ވެއްޔަށް ވެއްޖެ. ލިބެން އުޅުނު އެއޮތް ރަނގަޅު ޕްރޮޖެކްޓް ގެއްލުނީ. އަދި ކުރިއަށް އޮތީ ކޮންކޮން ގެއްލުންތަކެއް ކަމެއް ނޭނގެ. މިއީ ހަމަ ބޮޑު ސުންޕާގަނޑެއް” ދުރުގައި ހުރެގެން ބޮޑު ބޭބެ ހަޅޭލެވިޔަސް ސައިނާ ދައްތަ ގެއަށް ވަދެ އަހަންނަށް އަނިޔާކުރާނެ ކަން އަހަންނަށް އެނގެއެވެ. އަދި ނުވިތާކަށް ލިއުޝާ ދައްތަގެ ހަމަލާއަށް ވެސް ތައްޔާރުވާން ޖެހޭނެ ކަމަށް އަހަރެން ހުރީ ވިސްނައި އެކަމަށް ތައްޔާރުވެގެންނެވެ.
ކަންތައްތައް ވީވެސް އަހަރެން ހީކުރި ގޮތަށެވެ. ދެމީހުން ވެގެން އަހަރެންގެ ގަޔަށް ބޮލަށް އަރައި ލޭ ކޮށާލި އިރުވެސް ބޮޑުބޭބެ އިނީ ހިމޭނުންނެވެ. އަހަރެން ސަލާމަތް ކުރާކަށް އެވަގުތު ބޮޑުބޭބެއެއް ނާދެއެވެ.
“މީނަ ވީ މަރާލާފަ މީހަކަށް ނޭނގޭ ތަނެއްގައި ވަޅުލާން. ކިހާބޮޑު ބަލާއެއް މިއޮތީ އަހަރެމެންނަށް ޖެހިފައި. މަރުވަމުން އެމީހުންނާ އެކު މީނަވެސް ގެންދިޔަ ނަމަ ނިމުނީއެއްނު” ސައިނާ ދައްތަގެ އެންމެ ފަހު ޖުމުލަ ވިހަ ތީރެއް ފަދައިން އަހަރެންގެ މޭ ފޫއަޅުވަމުން ދިޔައެވެ.
އެރޭގެ ހަތަރުދަން އަހަރެން ހޭދަކުރީ ކަރުނައިގެ ތެރޭގައެވެ. މަންމައާއި ބައްޕަގެ މަތިން ވަރަށް ބޮޑަށް ހަނދާންވިއެވެ. އެ ލޮބުވެތި ފިރުމުންތަކަށް ހިތް އެދ ގިސްލައި ރޮވުނެވެ.
ހެނދުނު ހޭލެވުނު އިރު އަހަރެންގެ ދެ ލޯއޮތީ ދުޅަވެ އަރާފައެވެ. ރޮވުނުލެއް ގިނަ ކަމުންނެވެ. ބޮލުގައި ރިއްސާވަރުން އެނދުން ތެދުވާހިތް ނުވިޔަސް ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަކީ އަހަރެންގެ ޒިންމާއެއްކަމުން އެނދުގައި އޮންނާކަށް ނުކެރުނެވެ. ފަތިސް ނަމާދުކޮށްގެން އަހަރެން ވަނީ ބަދިގެއަށެވެ. ނޯކަރެއް ހެން މިގޭގައި ކުރަން ޖެހޭ ހުރިހައި މަސައްކަތެއް ކުރުމަކީ އަހަންނަށް މަޖުބޫރު ކަމަކަށް އޮންނަނީ ވެފައެވެ.
ސައިގެ ކަންތަކުން ނިމިގެން ކޮޓަރިއަށް ދަނިކޮށް ސިޓިންރޫމުގައި ތިބެގެން ބަޔަކު އަހަރެންގެ ނަން ކިޔަމުން ވާހަކަ ދައްކާއަޑަށް އެދިމާއަށް ކަންފަތް ދެވުނެވެ. އެހެން މީހުންގެ ވާހަކަތައް ސިއްރުން ހުރެ އަޑުއެހުމަކީ ނުރަނގަޅު ކަމެއް ކަމަށް ވިޔަސް އަހަންނާ ގުޅުން ހުރި ވާހަކައަކަށް ވުމުން އަޑު އަހާލަން ބޭނުންވިއެވެ. ބޮޑުބޭބެގެ އިތުރުން ސައިނާ ދައްތަގެ އަޑުވެސް އިވެއެވެ. ދެން ވާހަކަ ދައްކަނީ ފިރިހެނެކެވެ. ކޮންމެވެސް ވަރަކަށް ދަންނަ އަޑަކަށް ވިޔަސް އެއީ ކާކުކަމެއް އަޑަކުން ފާހަގައެއް ނުކުރެވުނެވެ.
“ރޭގެ ކަންތައްތަކާ އަހަރެން ވަރަށް ލަދުގަނެ ދެރަވަން. ރޫބީ އަކީ އަދި ހަމަ ވަރަށް މޮޔަ ކުއްޖެއް. އެ ހާދިސާގެ ސަބަބުން އަހަރެމެންގެ މި ޕްރޮޖެކްޓަށް އަސަރު ނުކުރާނެ ކަމަށް އުއްމީދުކުރަން” ބޮޑުބޭބެ ބުނާ އަޑު އިވުނެވެ.
“އިޓްސް އޯކޭ. އައިކޭން އަންޑަސްޓޭންޑް” އެއިވުނީ ލިއަމް ފިޔަވައި ދެވަނަ މީހެއްގެ އަޑެއް ނޫނެވެ. އެއީ ހަމަ ރޭގައި އަހަންނާ ވާހަކަ ދެއްކި އަޚުލާގު ދަށް ފިރިހެންމީހާގެ އަޑެވެ. އޭނާ މިގެއަށް އައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
“އަހަރެން ނިންމައިފިން މި މަސައްކަތް ތި ކުންފުންޏަށް ދިނުމަށް. ބަދަލުގައި އަހަރެންވެސް ކަމެއް ބޭނުން. ވިޔަފާރިއެއް ކޮށްލަން އަހަރެން ބޭނުމީ. ކަލޭމެންގެ އަންހެން ދަރިފުޅު އަހަންނަށް ވިއްކާ” ޖެހިލުމެއް ނެތި ލިއަމް ބުނި އަޑު އިވުނެވެ. އެއަޑަށް އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހަމަގައިމުވެސް ޕްރޮޖެކްޓަކަށް ޓަކައި އެމީހުން ލިއުޝާ ދައްތަ ލިއަމް އަކަށް ނުވިއްކާނެއެވެ.
“އަންހެން ދަރިފުޅު ގަންނަން؟؟ ” ބޮޑުބޭބެ އާއި ސައިނާ ދައްތަ އެކީ އެއް އަޑަކަށް ބުނެލިއެވެ.
“އާން..އަހަރެން ބޭނުމީ އޭނާއާއި ކައިވެނިކުރަން…..މި ޕްރޮޖެކްޓްގެ އަގަކަށް އަހަރެން ބޭނުމީ ރޫބީ ގަންނަން…!” ލިއަމްގެ އެ ޖުމުލައިގެ އަޑު އަހަންނަށް އިވުނީ ހޮނު ގުގުރީގެ އަޑު ފަދައިންނެވެ. ލިއަމް އެ ދައްކަނީ ލިއުޝާ ދައްތަގެ ވާހަކަ ނޫން ކަމާއި ޚުދު އަހަރެންގެ އަމިއްލަ ވާހަކަކަން އެނގުމުން ދެފައިން ވާގި ހުސްވެ ބިންމައްޗަށް ތިރިވެވުނެވެ.
“އާން… ތިކަން ހަމަޖެހުނީ ކަމަށް ބަލާ” ބޮޑުބޭބެގެ އަޑުގައި ވާ އުފާވެރިކަން އަހަންނަށް އިހުސާސް ކުރެވުނެވެ.
“އެހެންވީމާ ޑީލް ހަމަޖެހުނީ ކަމަށް ބަލާ. ހުރިހާ ލިޔެކިޔުންތައް ހިފައިގެން އަހަރެން މި އައީ. ކަރުދާސްތަކުގައި ސޮއި ކުރެވޭ ހިސާބުން ވިޔަފާރި ނިމުނީ ކަމަށް ބަލަނީ” ލިއަމްގެ އަޑު އިވުނެވެ.
ފާރަށް ލެނގިލައިގެން އިނދެ އަހަރެން އެވާހަކަތައް އަޑުއަހަމުން ދިޔައީމެވެ. ބޭރުގައި ތިބެގެން އެމީހުން އަހަރެން ވިއްކުމުގެ ވިޔަފާރި ކުރަމުންދާއިރު އަހަރެންގެ ނަފުސަކީ ހަމަ އެހާ އަގެއްނެތް އެއްޗަކަށް ވަނީ ބާވައޭ ހިތަށް އެރިއެވެ. ލިއަމް އަހަރެން ގަންނަން ބޭނުންވަނީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގެއެވެ. އަދި އަހަރެންގެ އަމިއްލަ ބޮޑުބޭބެ ފައިސާއަށް ޓަކައި އަހަންނާ ދޭތެރޭ އެފަދަ ނިކަމެތި ގޮތެއް ހަދާކަން އެނގުމުން އިތުރަށް ހިތުގައި ޖެހުނެވެ. އެންމެ ދެރަވީ އަހަރެން ކިތަންމެ ދެކޮޅު ހެދިކަމުގައި ވިޔަސް މިކަން ކުރަން ޖެހޭނެ ކަން އެނގޭތީއެވެ.
“ދަރިފުޅާ ރޫބީ. ވަރަށް އަވަސްކޮށްލައިގެން ސިޓިންރޫމަށް އާދެބަލަ. މީހަކު އެބަހުރި ބައްދަލުކުރަން އައިސް”
ބޮޑު ބޭބެގެ އަޑު އިވުނެވެ.
ކުރިމަތިލާން ޖެހޭނީ ބޮޑު ހަނގުރާމައަކާއި ކަން އަހަންނަށް އެނގެއެވެ. އެހެންކަމުން މަށީގެ ބުދެއްފަދައިން ހިނގާލާފައި ބޭރަށް ނިކުތީމެވެ.
“އާދޭ. މިތާ ބޮޑުބޭބެ ކައިރީގައި އިށީނދޭ” ބޮޑުބޭބެ އިށީނދެގެން އިން ދިގު ސޯފާއިން ތަން ދައްކަމުން ކައިރީގައި އަހަރެން ބެއިންދިއެވެ.
އަހަރެން ލޮލުގެ ހަނިދިމާއިން ކުރިމަތީގައި އިން ލިއަމް އަށް ބަލާލީމެވެ.
“އަހަރެމެންގެ ރޫބީއަށް އަދި ދެހަފްތާ ފަހުން 18 ފުރޭނެ. ދޯ ރޫބީ. އޭރުން މިއީ ބޮޑު ކުއްޖަކަށް ވީ” އަހަރެންގެ ބޮލުގައި ފިރުމާލަމުން ބޮޑުބޭބެ ބުންޏެވެ.
“އެހާ ހިސާބަށް ހުރިހާ ފޯމަލިޓީސްތައް ފުރިހަމަ ކޮށްލެވޭނެ އެއްނު” ލިއަމްގެ އަޑުގައިވަނީ ބޮޑާ ގޮތެވެ. މި މީހުން އަހަރެންގެ ހަޔާތުގެ ގޮތް ނިންމައި ޗާޓުކުރަހަމުން ދަނީ އަހަރެންގެ ގާތުން ހޭ ވެސް އެހުމެއް ނެތިއެވެ. އެފަދަ ބޮޑު ނިންމުމެއް ނިންމުމުގައި އެމީހުންނަށް އޮތީ ކޮން ހައްގެއް ބާވައޭ ހިތަށް އެރިއެވެ.
“ބޮޑު ބޭބެމެން ތިއުޅެނީ އަހަރެން ވިއްކާލަންތަ؟ އަހަރެން ތިކަމާ ދެކޮޅު” ހިތްވަރުކޮށްފައި އެންމެފަހުން އަމިއްލަ ނަފުސުގެ ދިފާއުގައި ތެދުވީމެވެ.
“ރޫބީ..ދަރިފުޅާ.. ލިއަމް އަކީ ރަނގަޅު ކުއްޖެއް. މުއްސަންޖެއް. ލިއަމް އައީ ދަރިފުޅުގެ ކައިވެންޏަށް އެދިގެން. ލިއަމް އާއި އެކީގައި ދަރިފުޅަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ. ކޮންމެ ކަމަކާ މެދު ރަނގަޅު ވިސްނުމުން ވިސްނަން ޖެހޭނީ” ބޮޑުބޭބެ އަހަރެންގެ ބޮލުގައި ފިރުމާލަމުން ކިޔައިދިނެވެ.
“އެކަމަކު އަހަރެން އަދި ކައިވެންޏެއް ކުރާކަށް ބޭނުމެއް ނޫން. އަހަރެން ގެ ކިޔެވުން ވެސް އަދި ފުރިހަމައެއް ނުވޭ” ނަފްރަތު އެކުލެވޭ ލޮލަކުން ލިއަމް އަށް ކަޅި އަޅާލަމުން އަހަރެން ބުނީމެވެ.
“ކައިވެންޏަށް ފަހު ވެސް ބޭނުން ވަރަކަށް ކިޔެވޭނެ. އެއީ އެއްވެސް މައްސަލައެއް ނޫން. ލިއަމް އަށް ދުނިޔޭގެ ކޮންމެ ޔުނިވަރސިޓީއަކަށް ވެސް ދަރިފުޅު ފޮނުވައިގެން ކިޔަވައިދެވިދާނެ. މާލޭގައި ކިޔެވުމަށް ވުރެ އެގޮތް މާ ރަނގަޅެއްނު” އެ ދެމެދަށް ސައިނާ ދައްތަ އަނގަބޭނިއެވެ.
“އެހެން ވިޔަސް މިއީ އަހަރެން ކުރަން ބޭނުން ކަމެއް ނޫން!” އަޑަށް ބާރުލަމުން އަހަރެން ބުނީމެވެ.
“ރޫބީ ޖެހޭނީ މި ކައިވެނި ކުރަން. މިހާރު މި ޑީލް މިއޮތީ ނިމިފައި” ބޮޑާކަން އެކުލެވޭ އަޑަކުން ލިއަމް ސްޓޭޓްމެންޓެއް ދިން ކަހަލައެވެ…!