ލިއަމް އަހަރެންގެ އަތުގައި ހިފައިގެން ބާރަށް ހިނގައިގަތެވެ. އޭނާ އެދަނީ ކޮންތަނަކަށްތޯ އަހާލާނެ ހިތްވަރެއްވެސް އަހަރެންގެ ކިބައަކު ނެތެވެ. އެހެންނޫނަސްއެގޮތަށް ސުވާލުކުރުން އެއީ އަހަންނަށް މަނާވެސް ކަމެކެވެ.
ލިއަމް އަހަރެން ގޮވައިގެން ގޮސް އެރީ ކާރަށެވެ. އަހަރެން އެވަގުތު ހުރީ ބޭރަށް ދާން ތައްޔާރުވެގެން އެފަދަ ހާލަތެއްގައި ނޫން ނަމަވެސް މަޑުމަޑުން އިނީމެވެ. ތިރީ ތުންފަތުގައި ދަތް އަޅައިގެން އެތެރެއިން ނިކުންނަށް ހުރި އާހުގެ އަޑު ހިފަހައްޓާލައިގެންނެވެ. ދުބާއީގެ ރީތި މަގުތަކުގައި ލިއަމްގެ އަގުބޮޑު ކާރު ދުއްވަމުން ދިޔައިރު އެތަނުގެ ވަށައިގެންވާ ރީތި ކަމުން އަހަންނަށް ކުރި އަސަރެއް ނެތެވެ. އަގުބޮޑު ކާރެއްގެ އަރާމު ސީޓެއްގައި އިނަސް އެއަކުން ލިބުނު އަރާމެއް ނެތެވެ. އަހަރެން އިނީ ހާސްވެ ކަންބޮޑުވެފައެވެ. ކުރިމަތިލާން އުޅޭ ތޫފާނުގެ ކުޑަބޮޑުމިން ނޭނގޭތީއެވެ.
ކާރުގެ ބުރަކި ބާރަށް ޖައްސާލުމާއެކު އެރި ލޮޅުމުގައި އަހަރެން ވަށައިގެން ހޯދާލީމެވެ. ކާރު ހުއްޓާލާފައި އޮތީ ބޮޑު ހޮސްޕިޓަލެއްގެ ކުރިމައްޗަށެވެ. އަނެއްކާ ހޮސްޕިޓަލްގައި އޮތީ ލިއަމްގެ ކޮއްކޮ ނޫން ބާވައޭ ހިތަށް އެރިއެވެ. އޭނާ ހޮސްޕިޓަލުގައި އޮންނަންވީ ކީއްވެގެން ކަމާއި ލިއަމް އެހާ ރުޅި އައިސްގެން އިނީ ކީއްވެގެން ކަމެއް އަހަންނަކަށް ހަމައެއް ގޮތަކަށް ވެސް ނުވިސްނުނެވެ.
ކާރު މަޑުކުރި ގޮތަށް ލިއަމް އަހަރެންގެ އަތުގައި ހިފައި ދަމަމުން ހޮސްޕިޓަލާ ދިމާއަށް ހިނގައިގަތެވެ. ވަށައިގެން ތިބި މީހުން އަހަރެމެންނާ ދިމާއަށް ބަލަމުން ދިޔައެވެ. އެކަންތައް އަހަންނަށް ސިފަކުރެވުނީ ހިންދީ ފިލްމެއްގެ މަންޒަރެއްގެ ގޮތުގައެވެ. އަހަރެންވެސް ބާރު ބާރަށް ހިނގަމުން ލިއަމް އާއި އެއްވަރަށް ދެވޭތޯ ބެލީމެވެ. ލިފްޓުން އަރައިގެން 10 ވަނަ ބުރިއާ ހަމައަށް ގޮސް ޕްރައިވެޓް ވޯޑަކާއި ދިމާއަށް ލިއަމް ހިނގައިގަތެވެ.
އެ ކޮޓަރީގައި ހުރި އެނދުގައި އޮށޯވެގެން ފިރިހެނަކު އޮތެވެ. އޮށޯވެގެން އޮތް ގޮތުން އޭނަގެ މޫނު ރަނގަޅަށް ނުފެނުނު ކަމުގައި ވިޔަސް އެނދާ ކައިރިވުމާއެކު އަހަރެންގެ ކަރުތެރެއިން ބާރު އަޑެއް ނިކުތެވެ. “ނަފާޒު!!”
“އާން މިހާރު އެނގިއްޖެ ދޯ. މީ އަހަރެންގެ ކޮއްކޮ އަކީ” ލިއަމް އަހަރެންގެ އަތުގައި ހިފައިގެން ދަމަމުން އެނދާ ދުރަށް ދިއައެވެ. އަހަރެމެން ދައްކާ ވާހަކައިގެ އަޑު ބަލި މީހާއަށް ނީވޭހައި ދުރަށެވެ.
“ކަލޭ ހީކުރީ އަހަރެން ކަލެއަށް މިހުރިހާ ކަމެއް ކޮށް ކަލޭގެ ބޮޑުބޭބެގެ އަތުން ގަނެގެން ގެނައީ ޕާޓީގައި ކަލޭ ކުރި އަމަލުގެ ސަބަބުންކަމަށްތަ؟ ކަލެއަށް ނޭނގެންޏާ އަޑުއަހާ. އެރޭ ހަމަ އެވަގުތު އަހަރެން ޕާސަނަލް ސެކެޓްރީއަށް ގުޅައިގެން ކަލޭގެ މައުލޫމާތު ހޯދިން. އޭނަ ކިޔައިދިން އިތުރު ވާހަކަތަކުގެ ސަބަބުން އަހަންނަށް ނޭނގި އޮތް ވަރަށް ބޮޑު ކަމެއް އެނގިގެން ދިޔަ. އަހަންނަށް އެނގުނީ އަހަރެންގެ ކޮއްކޮގެ މި އަދުގެ މި ހާލަތުގެ ޒިންމާ ނަގަން ޖެހޭ މީހަކީ ވެސް ކަލޭ ކަމަށް. އޭނަ އެގޮތަށް މިއަދު ބަލި އެނދުގައި އޮތީ ކަލޭގެ ސަބަބުން ކަމަށް. ވަގުތުން އަހަރެން ނިންމީ ކަލޭގެ ކިބައިން ބަދަލު ހިފުމަށް. މިހާރު ކަލެއަށް ވިސްނިއްޖެތަ؟” ލިއަމްގެ ހަށިގަނޑު ރުޅީގެ ސަބަބުން ތުރުތުރުއަޅާކަން އަހަންނަށް އެނގުނެވެ.
“އަހަންނާއި ނަފާޒު އާއި އެއްވެސް ގުޅުމެއް ނެތް. ވީއިރު ނަފާޒުގެ ބަލީގެ ޒިންމާ….” އަހަރެންގެ ޖުމުލަ ފުރިހަމަ ނުވަނީސް ލިއަމް އަހަރެންގެ ދެކޮލުގައި ބާރަށް ހިފެހެއްޓިއެވެ. އަހަންނަށް ހީކުރެވުނީ އަނގައިގެ ހުރި ދަތްތައް ލުހިގެން އެތެރެއަށް ފޭބީ ކަމަށެވެ. ހަމަގައިމުވެސް ލޭގެ ރަހަ އަރުތެރެއަށް ދިޔަކަން އެނގުނެވެ.
“ތިޔަ ކަހަލަ އަންހެނުން އަހަރެން ވަރަށް ގިނައިން ދެކެފިން. ކަލޭ އުޅުނީ އަހަރެންގެ ކޮއްކޮ ކަލޭގެ މަޅީގައި ޖައްސައިގެން އޭނަގެ މުއްސަނދިކަމުން ފައިދާ ނަގާކަށް ނު. އެންމެ ފަހުން އޭނަގެ ދަރިއަކަށް ކަލޭ ބަލިވެ އިންކަން އެނގުމުން ދަރިވެސް ވައްޓާލީ. ކަލޭ އަހަރެންގެ ކޮއްކޮ އަށް ބޭވަފާތެރިވެ ފިލީ” ރުޅި އައިސްފައި ހުރެގެން ލިއަމް ވާހަކަ ދައްކަމުން ދިޔައެވެ.
އެހާ ހިސާބުން ވެގެން އުޅޭ ގޮތް އަހަންނަށް އެނގުނެވެ. ލިއަމް އަށް އެއުޅެނީ އޮޅިގެންނެވެ. ނަފާޒުއާއި ގުޅުން އޮތީ އަހަންނަކާއެއް ނޫނެވެ. ނަފާޒަކީ އަހަރެންގެ އެންމެ ގާތް އެކުވެރި ނެމާގެ ލޯބިވެރިޔާއެވެ. ވީހާ އަވަހަކަށް މި އޮޅުން ލިއަމް އަށް ކިޔައިދޭން ވީއެވެ. ލިއަމް އަހަރެންދެކެ ރުޅި އަންނަނީ އެއްވެސް ސަބަބަކާއި ލައިގެން ނޫންކަން ބުނެދޭން ވީއެވެ.
“ލިއަމް އަށް ލިބިގެން ތިޔަ އުޅެނީ ނުބައި މައުލޫމާތު ތަކެއް. އަހަންނާ ނަފާޒާ އެއްވެސް ގުޅުމެއް ދުވަހަކުވެސް ނެތް” މަޑުމަޑުން ހުރެ އަހަރެން ބުނީމެވެ.
“ރަނގަޅު. ކަލޭ މިއަދު ތިހެން ތި ބުނަނީ. އެކަމަކު އެއް އިރެއްގައި ނަފާޒަށް ވުރެ ވަކި ގާތް މީހެއް ކަލޭގެ ނެތް. މަކަރުވެރިން ތިބެނީ ތިޔަހެން” ލިއަމް އަދިވެސް އަހަންނަށް ބަވަނީއެވެ. އަހަރެން ދައްކާ ވާހަކައެއްގެ އަޑު އަހާކަށް ލިއަމް ބޭނުމެއް ނޫނެވެ.
އަހަރެން ބާރަށް ހިނގާފައި ގޮސް ނަފާޒުގެ އެނދުގެ ކުރިމައްޗަށް ހުއްޓުނީމެވެ. އަދި ނަޒާފުގެ އަތުގައި ހިފާލަމުން ގޮވާލީމެވެ. މަޑުމަޑުން އޭނާގެ ދެލޯ ހުޅުވިއެވެ. ނަފާޒަށް ލިބިފައިވާ އަނިޔާ އަކީ ކޮބައިކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ.
“ސަމަން…ސަމަން!” ފުރަތަމަވެސް ނަފާޒުގެ ދުލުން ބޭރުވީ ނެމާގެ ނަމެވެ.
“ސަމަން ވަރަށް އިންތިޒާރުކުރި. މިހާރުވެސް އިނީ ނަފާޒު އަންނާނެ ދުވަހެއްގެ އިންތިޒާރުގައި. ނަފާޒަށް ވީ ގޮތެއް ނޭނގިގެން” ނަފާޒުގެ އަތުގައި ހިފަހައްޓައިގެން ހުރެ އަހަރެން ބުނީމެވެ.
“އޭނާ އަހަރެންގެ ދަރިފުޅަށް ކީއް ކުރީ؟ އެބޯޓު ކޮށް ވައްޓާލީތަ؟” މަޑުމަޑުން ނަފާޒު ވާހަކަ ދެއްކިއެވެ.
“ނޫން. ސަމަންގެ ބަނޑަށް މިހާރު 6 މަސް. އޭނަ އިނީ ނަފާޒުގެ އިންތިޒާރުގައި ” އަހަންނަށް ރޮވުނެވެ.
އަހަރެން އެނބުރި ލިއަމްގެ މޫނަށް ބަލާލީމެވެ. އެމޫނުމަތިން ހަމަ ދެންމެ ދެންމެ ފެނުނު ރުޅިވެރިކަމުގެ ބަދަލުގައި މިހާރު ފެންނަން ހުރީ ހައިރާން ކަމެވެ.
“ކޮއްކޯ..މިއެއް ނޫންތަ ކޮއްކޮއަށް ލަނޑުދިން އަންހެން ކުއްޖާ އަކީ؟ ” ނަޒާފުގެ އެނދާ ގާތަށް ޖެހިލަމުން ލިއަމް އަވަސް އަވަހަށް އަހާލިއެވެ.
“ބޭބެ. މިއީ ސަމަންގެ ބެސްޓްފްރެންޑް. ރޫބީ އެބުނަނީ އަހަރެންގެ ދަރިފުޅު ދުނިޔޭގައި އެބައޮތޭ. ސަމަންގެ ބަނޑަށް 6 މަހޭ. އަހަރެން ދާން ބޭނުން އޭނަގެ ގާތަށް” ނަޒާފު ރޮމުން ތެދުވަން އުޅުނެވެ.
“އޯހް…..!” ނިތްކުރީގައި އަތުން ހިފަހައްޓާލައިގެން އިނދެ ލިއަމް އެންމެ ކައިރީގައި ހުރި ސޯފާއަށް ވެއްޓިގަތެވެ.