“ފަހަރެއްގައި ވެދާނެ އެއްނު ތިޔައީ ރޫބީގެ ނަސީބު ކަމަށް ވެސް. ކޮންމެ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަށޭ ބުނާ އަޑު އަހަމެއްނު. އެއްވެސް މީހަކާ މެދު ދެރަ ގޮތެއް ނުވާނެ. ހިތްވަރު ގަދަކޮށްގެން ތަގުދީރުގައި ގެންދާ ހިސާބަކަށް ދެވެންދެން ކެތްކުރޭ” އަހަރެންގެ އަތުގައި ހިފަހައްޓައިގެން އިނދެ ސަމަން ބުނެލި އެ ދެތިން ޖުމުލައިން އަހަރެންގެ ހިތަށް ތަސައްލީއެއް ލިބިގެން ދިޔައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ އިންތިޒާރު ކުރާނެ އިތުރު ކަމެއް ނެތިއެވެ. ބޯމަތިވަމުން ގާތް ވަމުން އައި އަހަރެންގެ ކައިވެންޏަކަށް އަހަރެން ފޮނި އިންތިޒާރެއް ނުވަތަ އުއްމީދެއްވެސް ނުކުރަމެވެ. އަހަންނަކީ ޗާބީ ދީފައި ހުރި ބުދެކޭ އެއްފަދައެވެ. އެކައިވެންޏާ ދެކޮޅަށް އަޑުއުފުލީ ލިއުޝާ ދައްތަ އެކަންޏެވެ. ސަބަބަކީ ލިއަމް ފަދަ މުއްސަނދި އަދި ރީތި ފިރިއަކު ހައްގުވަނީ އޭނައަށް ކަމަށް ބުނެއެވެ. އަދި އަޅުއަންބެއްގެ ގޮތުގައި ލިއަމްގެ ގަނޑުވަރަށް އަހަރެންގެ ބަދަލުގައި ލިއުޝާދައްތަ ފޮނުވަން އެދި ބޮޑާހޭކިއެވެ. ލިއަމް އަށް އެކަމަށް އެދި އަމިއްލައަށް ހުށަހެޅިއެވެ. ނަމަވެސް ލިއަމް ކަތިލާން ބޭނުންވީ އަހަރެންގެ ފުރާނައެވެ. އަނިޔާދޭން ބޭނުންވީ އަހަރެންގެ ޒަމީރަށެވެ!
ކުއްލިއަކަށް ސިހިގެން ދިޔައީ ފާޚާނާގެ ދޮރުގައި ބާރަށް މީހަކު ތަޅައިގަތުމުންނެވެ. އެވަގުތު ހަނދާންވީ އަދި މިއިނީ ލިއަމްގެ ގޭގައި ކަމެވެ. ލިއަމް އަށް ފިލަން ވެގެން ފާޚާނާއަށް ވަން ގޮތަށް އެތަނުގައި އިނދެވުނީ ކިހާއިރަކުކަން ހަނދާވީ ކިރިޔާއެވެ.
“މި ނިކުންނަނީ” އަވަސް އަވަހަށް އަހަރެން ބުނެލީމެވެ.
“ދަބަހަށް އެއްޗެތި އަޅައިގެން ތައްޔާރުވޭ. 2 ގަޑި އިރުތެރޭގައި ފުރަން އެއާޕޯޓަށް ދާން ޖެހޭ” ލިއަމްގެ އަމުރުވެރި އަޑު އަނެއްކާވެސް އިވުނެވެ.
ޖަވާބުގައި އަހަރެން ބުނާނެ އެއްޗެއް ނެތެވެ. އަހަންނަށް އޮންނާނީ އޭނާ އެންގި ގޮތަކަށް ކަންތައްތައް ކުރުމެވެ. އަހަންނަކީ އޭނާ ގަނެފައިވާ އަޅު އަންބެކެވެ.
ތައްޔާރުވެލައިގެން ބޭރަށް ނިކުތް އިރު ބޭރުގައި މާމައިނެވެ. މާމައާއި ޖެހިގެން ކަހަލަ ގޮތަކަށް ލިއަމް އިނެވެ. ހިނިތުން ވެލައިގެން މާމައާއި ވާހަކަ ދައްކާށެވެ. އަހަރެމެން ހަނީމޫނަށް ދުބާއީ އަށް ދަނީކަމަށް ލިއަމް މާމައަށް ކިޔައިދިނެވެ. މާމަ އަހަންނަށް ބަލާފައި ހިނިތުން ވެލަމުން ލިއަމް ރަނގަޅަށް ބަލައިދޭށޭ ބުންޏެވެ. މާމަގެ އެޖުމުލައިގައި ފޮރުވިފައިވާ އެތައް މާނައެއް އެކުލެވޭކަން އެނގެނީ އަހަންނަށް އެކަންޏެވެ.
ކައިވެންޏަށް ފަހު ހަނީމޫން ދަތުރެއްގައި ދިއުމަކީ ކޮންމެ އަންހެން ކުއްޖަކުވެސް ދެކޭނެ ހުވަފެނެކެވެ. އަދި ވަކިން ޚާއްޞަކޮށް ބިޒްނަސް ކުލާހުގައި ރީތި، މުއްސަނދި ފިރިއަކާއެކު ދަތުރުކޮށްލުމަށް ހިތް އެދޭނެއެވެ. ބޭރުފުށުން ފެންނަ މިހުރިހައި ކަމެއް އަހަންނަށް އޮތީ ލިބިފައެވެ. އެހެނަސް އެތެރެހަށީގައި ވާ އިންސާނާ އޮތީ ޒަޚަމްވެފައެވެ. ހިތާމަ އާއި ހިތްދަތިކަން ފިޔަވައި އިތުރު ކަމެއްނެތެވެ.
ދުބާއީގައި ތިބެން ހަމަޖެހިފައި ހުރި އެޕާޓްމަންޓު ވެސް ނުހަނު ރީއްޗެވެ. ދުބާއީ މެރީނާގައި ހުރި 25 ބުރީގެ އެ އިމާރާތުގެ މަތީގައި ހުރެގެން ބޭރު ބަލާލުމުން މުޅި ދުބާއީ އޮތީ ފެންނާށެވެ. ގޭގައި ހުރިހާއެއްޗެއް ހަމައެވެ. ފެންވަރުގެ މުއްސަނދި ގެއެކެވެ. ހަމައެކަނި މަދީ ހިނިތުންވުމާއި އުފާވެރިކަމެވެ. ހިތްހަމަ ޖެހުމެވެ.
އެތަނަށް އައިފަހުން އަހަންނަކަށް ލިއަމް އެއް ނުފެނެއެވެ. ދެދުވަސް ހޭދަވެގެން ދިޔައީ އެކަނި ގޭގައި ވަގުތު ހޭދަކޮށްގެންނެވެ. އެކަމަކާއި އަހަރެން ކަންބޮޑެއް ނުވެއެވެ. ލިއަމް ފެންނަން ނެތިއްޔާ އަހަރެން މާ ބޮޑަށް ހިތްހަމަޖެހޭނެތީއެވެ. ގޭގައި ކެއުމާއި ބުއިމަށް ބޭނުންވާނެ ހުރިހާ އެއްޗެއް ހަމައެވެ. ސާފުކޮށް ގެ ބަލަހައްޓާނެ މެއިޑަކު ހެނދުނު އައިސް ހަވީރުވަންދެން އުޅެއެވެ.
އެރޭ ރޭގަނޑު ލިއަމް ގެއަށް އައެވެ. އަހަރެން އޮތީ ސޯފާގައި ނިދާ ކަމަށް ހެދިގެންނެވެ. ލިއަމް ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކާ އަޑުއިވެއެވެ. އެވާހަކަތަކުން އެނގުނީ ލިއަމްގެ ގާތް މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮތްކަމެވެ.
“މަންމަގެ ވާހަކަ ނުދައްކާ. އެއީ އަހަރެމެންނަށްޓަކައި ވަގުތު ދެވޭނެ މީހެއް ނޫން. މަންމަގެ އަމިއްލަ ކަންތައްތައް މާގިނަވާނެ. އެނގެއެއްނު ކުޑައިރުއްސުރެ ކަންތައް ވަމުން އަންނަ ގޮތް. އަހަރެމެންގެ ޚާއްޞަ އެއްވެސް ކަމެއްގައި މަންމަގެ ބައިވެރިވުން މިހާތަނަށް ލިބުނުތަ؟ މާމަ ނެތް ނަމަ މަންމަގެ ލޯތްބަކީ ކޮބައިކަމެއްވެސް އަހަރެމެންނަކަށް ނޭނގޭނެ. އެހެންނޫންތަ؟” ލިއަމްގެ އަޑު މައިތިރެވެ. ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަމުން އޭނާ ވާހަކަ ދައްކަމުން ދިޔައީ އަހަންނަށް އެވާހަތަކަށް އަޑު އިވޭނެ ކަމަކަށް ނޫނެވެ. ނަމަވެސް އެވާހަކަތަކުން އަހަންނަށް އެނގިގެން ދިޔައީ އެންމެ ފުރަތަމަ ރޭ މާމަ ދެއްކި ވާހަކަތަކުގެ ތެދުކަމެވެ.
“އަހަރެންގެ ލިއަމް އަކީ ގޯސް ކުއްޖެއް ނޫން. އޭނާގެ އެތެރެހަށީގައި އޮތީ ވަރަށް ރީތި ހިތެއް. އޭނަގެ ހަށިގަނޑުގައި ފޮރުވިފައިވާ ރީތި އިންސާނާ ނެރެދިނުމަކީ ރޫބީގެ މަސައްކަތެއް. ހަޔާތުގައި ދިމާވި ތަފާތު ގިނަ ހާދިސާތަކުގެ ސަބަބުން އޭނާ އެވަނީ ބަދަލުވެފައި” މާމަގެ އެޖުމުލަ އަހަރެންގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ.
ދެލޯމަރާލައިގެން އޮވެ އަހަރެން ވިސްނަމުން ދިޔައީމެވެ. އަހަރެން ކަންތައް ކުރާނެ ގޮތަކާ މެދުގައެވެ. ލިއަމްގެ އެހާ ނުބައި މީހަކަށް ވީ ކީއްވެގެން ކަމާމެދުގައެވެ. އެކަންތައްތަކުން ލިއަމް ސަލާމަތް ކުރާނީ ކިހިނެއް ކަމާމެދުގައެވެ.
ކުއްލިއަކަށް އަހަރެން ސިހިގެން ދިޔައީ ލިއަމްގެ ހަޅޭކުގެ އަޑަށެވެ. އެ އަޑާއެކު ދެވަނަ ސިކުންތުގައި އަހަރެން ހުރީ ލިއަމްގެ ކުރިމަތީގައި ތެދުވެ ހުއްޓިގެންނެވެ. އެވަގުތު ލިއަމްގެ ބަދަލުވެފައިވާ ބިރުވެރި މޫނު އަނެއްކާވެސް އަހަންނަށް ފެނުނެވެ. ކައިވެނީގެރޭ ފަދައިންނެވެ. އެހާ ހިސާބުން ހަމަ ދެންމެ ދެންމެ ލިއަމް އާ ގުޅުވައިގެން ޚިޔާލުކުރެވުނު ހުރިހާ ރަނގަޅު ކަމެއް ފިލައިގެން ދިޔައެވެ. ލިއަމް ރަނގަޅު ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަން ވިސްނުނެވެ.
އަހަރެންގެ ކުރިމަތީގައި ސިފަވެގެން ދިޔައީ ހަމަ އެރެއެވެ. ލިއަމްގެ އަނިޔާވެރިކަމެވެ. މިފަދަ ގޮތަކަށް ތަކުރާރުކޮށް ޝިކާރަވާން ވެއްޖެނަމަ އަހަރެން މޮޔަވާނެއެވެ. މިއީ ކެތްކުރަން ދަތި އިމްތިޙާނެކެވެ.
“ކަލޭ ދެކެ އަހަރެން ނަފްރަތު ކުރާ ސަބަބުތައް ބައިވަރު. މުޅި އުމުރަށް ކަލެއަށް ހިތްދަތިކަން ދިނުމަކީ އަހަރެންގެ އަޒުމެއް. ދުވަހަކުވެސް ކަލެއަށް އުފަލެއް ލިބިގެން ނުވާނެ. ކަލޭ އަހަރެންގެ ކޮއްކޮއަށް ދިން ހިތާމައިގެ ބަދަލު އުމުރަށް ކަލެއަށް ދޭނަން” އަހަރެންގެ އސްތަށިގަނޑުގައި ހިފައި ކުއްލިއެއް ޖަހަމުން ލިއަމް ބުންޏެވެ.
އެވަގުތު އަހަރެން ހައިރާންވެ އަންތަރީސް ވިއެވެ.
“ކޮއްކޮ؟؟؟ އެއީ ކާކު؟” ބިރުން އިނދެ ނަމަވެސް އަހަރެން އެސުވާލު ކުރީ އެއީ އަހަންނަށް އެނގޭ ކަމަކަށް ނުވާތީއެވެ.
“އާން..އަހަރެންގެ ކޮއްކޮ..ކަލޭ އޭނައަށް ދިން ލަނޑު އަހަރެންގެ ހިތަކުން ނުފިލާނެ. އަހަރެންގެ ހުރީ އެންމެ ކޮއްކޮ އެއް. އޭނާދެކެ އަހަރެންގެ އަމިއްލަ ފުރާނައަށް ވުރެންވެސް ބޮޑަށް ލޯބިވަން” ލިއަމްގެ އަޑު ފަޅައިގެން ދިޔަކަހަލައެވެ. އަހަރެން ހުރީ ވާ ނުވާ ނޭގިއެވެ. ލިއަމްގެ ކޮއްކޮއާއި އަހަންނާއި އޮތީ ކޮންގުޅުމެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. އެއީ އަންހެނެއްކަމެއް ނުވަތަ ފިރިހެނެއް ކަމެއްވެސް އަހަންނަކަށް އެނގިފައެއް ނެތެވެ. އަމުދަކުން ލިއަމްގެ ކޮއްކޮއެއް ހުންނަކަމެއް ވެސް އަހަންނަކަށް ނުމެ އެނގޭމެއެވެ.