English Edition
Dhivehi Edition

ކަންތައްތައް ވަމުން ދިޔައީ އަހަންނަށް އެއްވެސް ބާރެއް ފޯރުވެވެން ނެތް ގޮތެއްގައެވެ. މަށީގެ ބުދެއް ފަދައިން ހަމަ ހިމޭނުން އިނުން ފިޔަވައި އިތުރު ގޮތެއް އަހަންނަކަށް ނެތެވެ. އަމިއްލަ ދިރިއުޅުމުގެ އެއްވެސް ކަމެއް އަމިއްލައަށް ނިންމުމުގެ ހައްގެއް ވިޔަސް އަހަންނަށް ނެތީއެވެ. އަހަރެން މިއީ ބޮޑުބޭބެ މެން ބޭނުންހައި ގޮތަކަށް ނައްޓުވަން ހަދާފައި ހުރި މޭގެތެރޭގައި ހިތެއް ނެތް ބުދަކަށް ހެދިތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް މިފަދައިން އަހަރެން ނީލަން ކިޔާނެ ކަމަކަށް ދުވަހަކުވެސް އަހަރެންގެ ހިތަކަށް އަރާފައެއް ނެތެވެ.

ކޮޓަރިތެރޭގައި ހުރި އަރާމު ނޫން އެނދެއްގައި އޮށޯވެގެން އޮތް އިރު ލައްކަ އެއްޗެތި ހިތައް އަރައި ފައިބަމުން ދިޔައެވެ. މަންމަމެންގެ މަތިން ހަނދާންވެ ދެލޯފުރި އަރުތެރެ ބާރުވެ ހިތުން ލޭކަރުނަ އޮހެމުން ދިޔައެވެ. ކުއްލިއަކަށް އެކުވެރި ސަމަން ގެ މަތިން ހަނދާންވިއެވެ. ސަމަން އާއި ދިމާނުވާތާ ހާދަ ދުވަހެކެވެ. ސަމަން އަކީ ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާއެވެ. އުފަލާއި ހިތާމަ ހިއްސާކުރަމުން އައި ހެޔޮ އެދޭ މިތުރެވެ. ނަމަވެސް ހަޔާތުގައި ދިމާވި ގިނަ ހާދިސާތަކަކާއެކު ސަމަން އާއި ބައްދަލުވާނެ ފުރުސަތު ވެސް އޮތީ ހަނިވެފައެވެ. އެކަނި ގެއިން ބޭރަށް އެންމެ ފިޔަވަޅެއްވެސް އެޅުމަށް އޮތީ އަހަންނަށް މަނާ ވެފައެވެ. ނަމަވެސް މިހާރު އެކުވެރިޔާއާއި ބައްދަލު ކުރުމަށް މާ ބޮޑަށް ވެސް ހިތް އެދެން ފަށައިފިއެވެ. ސަމަންގެ ކުރިމަތީގައި ހިތުގެ އުދާސްތައް ބަންޑުން ކޮށް އޭނަގެ ކޮނޑުގައި ބޯއަޅާލައިގެން ރުއިމަށް ހިތް ބޭނުންވާން ފަށައިފިއެވެ.

ކުޑަގޮތަކަށް ތައްޔާރުވެލައިގެން އަހަރެން ބޭރަށް ނިކުތީމެވެ. ހުއްދަ ލިބޭނެ ކަމުގެ ޔަގީންކަން ނެތް ނަމަވެސް ބޭރަށް ދާން ބޭނުންވީއެވެ. ނަސީބު ކިތަންމެހައިވެސް ރަނގަޅެވެ. ސިޓިންރޫމުގައި އިނީ ބޮޑުބޭބެ އެކަންޏެވެ. ބެސްޓްފްރެންޑާ ބައްދަލުކޮށްލާފައި ވަރަށް އަވަހަށް އަންނާނަމޭ ބުނުމުން އިތުރު ސުވާލެއް ނުކޮށް ހުއްދަ ދިނެވެ. އެހެންކަމުން ބޮޑުދައިތައަށް ފެނުމުގެ ކުރިން ދެފަޔަށް ލެވުނުހައި ބާރެއް ލާފައި ގެއިން ނިކުތުމަށް ހިނގައިގަތީމެވެ.

އަހަރެމެންގެ ގެއާއި ސަމަން މެންގެ ގެ މާކަ ދުރެއް ނޫނެވެ. އެގެއާއި ޖެހިގެން ހުންނަ ކޮފީ ޝޮޕަކީ ސަމަންގެ މަންމަގެ ތަނެކެވެ. ސަމަން އެވަގުތު އުޅޭނީ އެތަނުގައި ކަން ޔަގީންކޮށް ކޮފީޝޮޕާ ދިމާއަށް އަހަރެން ހިނގައިގަތީމެވެ. އަހަންނަށް ހީވީ ހަމަ ރަނގަޅަށެވެ. ސަމަން އާއި އޭނަގެ މަންމަވެސް އެތަނުގައި ތިއްބެވެ.

ދުވަސްތަކަކަށް ފަހު އެކުވެރިޔާއާއި ދިމާވުމުން އަހަރެން އުފާވިއެވެ. ނަމަވެސް ސަމަން އަށް އައިސްފައިވާ ބަދަލު އަހަންނަށް ފާހަގަ ކުރެވުނެވެ. މާ ބޮނޑަށް ފަލަވެ މީހާ ތަފާތު ވެފައިވާކަން އެނގުނެވެ. އަހަރެން އިތުރަށް ހައިރާންވީ ކައުންޓަރުގެ ފުރަގަހުން ނިކުމެގެން އައި ސަމަންގެ ބޮޑުވާން ފަށާފައިވާ ބަނޑު ފެނުމުންނެވެ.

“ސަމަން..! ކިހިނެއް…؟!!” ދެވަނަ ސިކުންތުގައި އޭނާ އަހަރެންގެ އަނގަމަތީގައި އަތް އަޅައިގެން ދުރަށް ހިނގައިގަތެވެ.

“ހުރިހާ ވާހަކައެއް ކިޔައިދޭނަން. ހިނގާ އެފަރާތަށް” ސަމަން އަހަރެން ގޮވައިގެން ދުރުގައި ހުރި ހުސް މޭޒަކާ ދިމާއަށް ދިޔައެވެ. ކަޅި ޖަހާ ނުލައި އޭނަގެ މޫނަށް ބަލަން އަހަރެން ހުރީމެވެ. މިހުރިހައި ކަމެއް އަހަންނަށް ނޭނގުނީތީ އަޖައިބުވެ އަންތަރީސްވެ ބަސް ހުއްޓިފައެވެ.

“ހޫމް..ދެން ބުނެބަލަ..ކިހިނެއް ވެފައި ތިހިރީ؟ ސަމަން މެރީ ކުރީތަ؟ ނުވެސް ބުނަމެއްނު؟ ” އެއް ނޭވައިން އަހަރެން ފަތިވަރު އަމުނާލީމެވެ.

ޖަވާބު ދިނުމުގެ ބަދަލުގައި ސަމަން ފޮހެލީ ދެލޮލުން އޮހެން ތައްޔާރުވެފައި ހުރި ހޫނު ކަރުނައިގެ ތިކިތަކެވެ.

“މެރީ އެއް ނުކުރަން. މެރީ ކުރިނަމަ އެންމެފުރަތަމަ ދައުވަތު ދާނީ ރޫބީ އަކަށް ނު” ހިނިތުން ވެވޭތޯ ބަލަމުން ސަމަން ބުންޏެވެ.

“ދެން…ތިޔޯ…ކޮބާ ނަފާޒު؟” އަނެއްކާވެސް އަހަންނަށް އަހާލެވުނެވެ.

“މިއީ އަހަރެންނަށް ހެދުނު މިސްޓޭކެއް ކަމަށް ގަބޫލު ކުރަން. އެކަމަށްޓަކައި ތައުބާވެސް ވަން. އަހަންނަކަށް ނޭނގެ ނަފާޒު ވީތަނެއް. އޭނައަށް ވެސް އެނގޭނެ އަހަރެން ބަލިވެ އިންކަން. އަހަރެމެން ދެމީހުން އުޅުނީ ގެއިން ފިލައިގެން ލަންކާއަށް ގޮސް މެރީކޮށްގެން އަންނަން. ފުރަން އޮތް ދުވަހު ނަފާޒުގެ ޚަބަރެއް ނުވި. އަހަރެން ލައްކަ އިންތިޒާރު ކުރިން. އެއާޕޯޓަށް ވެސް ދިޔައިން. އެކަމަކު ނަފާޒުގެ ފޯނަކަށް ނުގުޅޭ. އެންމެ ފަހުން އެނބުރި ގެއަށް އައިސް މަންމައަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނީ” ސަމަން ކިޔައި ދިނެވެ.

“މަންމަ ރުޅިއެއް ނާދޭތަ” އަހަރެން ސުވާލުކޮށްލީމެވެ.

“ރުޅިއެއް ނާދޭ. އެކަމަކު ދެރަވި. ރޮއި ވެސް ހެދި. ރުޅިއައިސްގެން ކުރާނެ ފައިދާއެއްވެސް ނެތްތާދޯ. ހިތްވަރުކޮށްގެން ދެންވެސް ރަނގަޅު ދިރިއުޅުމެއް އުޅުމަށް ބުނީ. މަންމަ ހިތްވަރު ނުދިންނަމަ އިތުރު ފާފައެއް އަހަންނަށް ކުރެވުނީސް ކަން ނޭނގެ” ސަމަންގެ ވާހަކަތައް އަޑުއިވުމުން އަހަރެން ހަމަ ހައިރާންވިއެވެ. ނަފާޒާއި ސަމަން ލޯބިން އުޅޭތާ ކިތަންމެ ދުވަހެކެވެ. ބަލާ ބެލުމަށް ނަފާޒު ސަމަން ދެކެވީ ހަގީގީ ލޯތްބެވެ. ފަހަރެއްގައި ވެސް އޭނާ ސަމަން އަށް ލަނޑެއް ދީފާނެ ކަމަކަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ. ނަމަވެސް ދުނިޔެ އަކީ މި ހީކުރާކަހަލަ ތަނެއް ނޫން ވިއްޔާއެވެ.

އަހަރެން ސަމަން އާއި ބައްދަލުކުރަން އައީ އަހަރެންގެ އަމިއްލަ ހިތުގެ އުދާސްތައް ސަމަންގެ ކުރިމަތީގައި ބަންޑުންކޮށް ހިތަށް ކުޑަނަމަވެސް ލުއިކަމެއް ހޯދައިދޭން ކަމަށް ވިޔަސް މިހާރު އަހަންނަށް ޖެހިފައި އޮތީ ސަމަންއަށް ހިތްވަރުދީ އޭނާ އުފާކޮށް ދިނުމެވެ.

އަހަރެމެން ވާހަކައިގައި ތިއްބާ ސަމަންގެ މަންމަ އައިސް ވަރަށް މީރު ކޮފީ އާއި ކުކީސް އަހަރެމެންގެ ކުރިމަތީގައި ބަހައްޓާލަ ދިނެވެ. އަދި ހާލު އަހުވާލު އަހާލުމަށްފަހު އަމިއްލަ މަސައްކަތާގެން މަޝްއޫލުވިއެވެ.

“ދެން ބުނެބަލަ..ރޫބީގެ ލައިފް ކިހިނެއް؟ ބޮޑު ބޭބެމެން ހެޔޮތަ؟” ސަމަންގެ އެ ސުވާލަށް ދޭނެ ޖަވާބެއް އަހަރެންގެ އަތުގައި ނެތް ކަހަލައެވެ. ބޮޑުބޭބެ އަހަރެންގެ ދިރިއުޅުން ނީލަން ކިޔައި އަހަރެން މީހަކަށް ވިއްކާލަން އުޅެނީކަން ސަމަން އަށް ބުނެދޭނީ ވެސް ކިހިނެއް ހެއްޔެވެ؟

“އަހަރެން މިއުޅެނީ މެރީ ކުރަން.” ކޮފީ ފޮދެއް ބޯލަމުން މަޑުމަޑުން ބުނެލީމެވެ.

“ވާވް..އެއީ ކާކު؟ ބޯއިފްރެންޑެއް ނެގިކަމެއްވެސް ނުބުނަމެއްނު” ސަމަންގެ އަޑުގައި ހުރީ އުފާވެރިކަމެވެ.

ސަމަންގެ މޫނަށް ބަލަހައްޓައިގެން އިނދެ ލަސްލަހުން ހުރިހައި ވާހަކަތަކެއް އެކުވެރިޔާއަށް ކިޔައި ދިނީމެވެ. މަންމަމެންގެ ހިތާވެރި ވެރި ވަކިވުމަށް ފަހު އަހަރެން ދިރިއުޅެމުންދާ ނަރަކައިގެ ބިރުވެރިކަމުގެ ވާހަކައެވެ. އަދި އެއަށް ވުރެ ވެސް ބޮޑަށް އަހަންނާ މެދު ކުރި ވިޔަފާރިއެވެ. އަޅު އަންބެއްގެ ގޮތުގައި މުއްސަންޖަކަށް އަހަރެން ވިއްކާލަން އުޅޭ ވާހަކައެވެ. އެވާހަކަތައް އަޑުއިވުމުން ސަމަން ވެސް އިނީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ. ނަމަވެސް ރަހްމަތްތެރިޔާއަށް ހިތްވަރު ދިނުމަށްޓަކައި އޭނަ ބުނެލި ދެތިން ޖުމުލައިން ވެސް އަހަރެންގެ ހިތްހަމަޖެހިގެން ދިޔައެވެ…!