ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ‘ޓިކްޓޮކްގެ’ ޖާދޫގައި އައްޑޫ ސިޓީގެ ޒުވާނުންވެސް މިވަނީ ޖެހިފައެވެ. ދިވެހި ސިނަމާއިން ފެނިގެން ދިޔަ، ހުނަރުވެރި ގިނަ ތަރިންތަކެއް އުފެދިފައިވާ އައްޑޫ ސިޓީ މަރަދޫ މަރިޔަމް ރަޝީދާ މެން ފަދަ ހުނަރުވެރި ތަރިންނާއި އެއް ހަމައެއްގައި ފައި ސާބިތުކޮށްލެވޭތޯ މަސައްކަތްކުރަމުންދާ ޒުވާނުން މިހާރު މަދެއް ނޫނެވެ. މި ޒުވާނުންގެ ހުނަރު އެންމެ ބޮޑަށް ފެނިގެންދަނީ ‘ޓިކްޓޮކް’ އިން ކަން ޔަގީނެވެ. އައްޑޫ ސިޓީގެ ގިނަ ޒުވާނުން އެމީހުންގެ މޮޅު ހުނަރު ޓިކްޓޮކް އިން ދައްކަމުން އަންނައިރު ‘ހަސަން ނިޒާރު’ އަކީ މިހާރު ‘އައްޑޫ ޓިކްޓޮކް ތަރި’ އެއްކަމާއި މެދު ދެ ބަސްވެވޭކަށް ނެތެވެ.
ޓިކްޓޮގް ގައި ވަރުގަދަ ފޭން ބޭސް އެއް އޮތް ސ.ފޭދޫ ހަސަން ނިޒާރު ނުވަތަ ޓިކްޓޮކްގެ ނަމުން ނަމަ ހަސޭ އަކީ މުޅި ރާއްޖެވެސް މިހާރު ދަންނަ މަޝްހޫރު މޫނަކަށް ވަނީ ވެފައެވެ. ޓިކްޓޮކް ވީޑިއޯތަކުގައި ހަސޭގެ މޫނު މައްޗަށް ގެންނަ ކުަލަވަރާއެކު ހަސޭގެ މޮޅު ނެށުންތަކަކީ އެހެން މީހުންނަށް ފާޑު ކިޔޭވަރަށް ވުރެވެސް މާ ފުރިހަމަ ހަރަކާތްތަކެކެވެ. ޓިކްޓޮކާއެކު ކެމެރާ ކުރިމަތީ ފަރިއަށް ނަށާލައި ސޯޝަލް މީޑިއާއަށް ކޮންމެ ދުވަހަކު އެތައް ވީޑިއޯ އެއް ދޫކުރަމުންދާ ހަސޭ ބުނީ އެންމެ ފުރަތަމަ ޓިކްޓޮކެއް ހެދީ ރައްޓެހިން ބަލަމުން ދިޔަ ޓިކްޓޮކް ވީޑިއޯ އަކަށްފަހުގައި ކަމަށެވެ. “ކޮފީއެއްގައި ރައްޓެހިންނާއެކު ޓިކްޓޮކް ވީޑިއޯ އެއް ބެލުމަށްފަހު މަޖަލަކަށް ޓިކްޓޮކް ހަދަން ފެށުނީ” ‘އޭއޯ ނިއުސް’ އަށް ދިން އިންޓަވިއުއެއްގައި ހަސޭ ބުންޏެވެ. މަޖަލަކަށް ހަސޭ ހެދި ފުރަތަމަ ޓިކްޓޮކާއި އެކު ގިނަ ބައެއްގެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައިރު އެ ޓިކްޓޮކް ވެގެން ދިޔައީ މިކަމުގައި ކުރިއަށް ދިއުމަށް ހަސޭއަށް ލިބުނު އިތުރު ހިތްވަރަކަށެވެ. “އެންމެ ފުރަތަމަ ޖެއްސީ ޑާންސް ޓިކްޓޮކެއް. އެ ޓިކްޓޮކަށް ވަރަށް ގިނަ ބައެއްގެ ފަރާތުން ފޮޒިޓިވް ކޮމެންޓްސްތައް ލިބިގެންދިޔަ. “ހަސޭ ބުންޏެވެ
ހަސޭގެ ގިނަ ވީޑިއޯތަކުގައި އައްޑޫ ސިޓީ ގަމުގެ ރީތި މަންޒަރުތައް ދައްކަމުން އަންނައިރު ހަސޭ ބުނީ ޓިކްޓޮކް ހަދާއިރު ލޮކޭޝަނަށްވުރެ ބޮޑަށް އިސްކަންދެނީ އެކްޓިންއަށް ކަމަށާއި އަބަދުވެސް ފޮލޯވާސް އަށް ކަމުދާ ކަހަލަ ޓިކްޓޮކެއް ހެދޭ ތޯ މަސައްކަތްކުރަމުންދާ ކަމަށެވެ. “ފޮލޯވާސްއަށް ކަމުދާކަހަލަ މޮޅު ޓިކްޓޮކެއް ހެދުމަށް ބައެއް ފަހަރު ފަސް ފަހަރުވެސް ޖައްސާ އެތި، ޖައްސަން ޖެހޭ. ބޭނުންވަނީ ނަމެއްގަ އެއްޗެއް ލުމުގެ ބަދަލުގައި މޮޅު ރީތި ޓިކްޓޮކްތައް ބެލުންތެރިންނަށް ދޫކޮށްލަން. “ހަސޭ ބުންޏެވެ. ‘އެކްޝަން’ މަންޒަރުތަކާއި އެއްވަރަށް ހަސޭގެ ޓިކްޓޮކް ވީޑިއޯ ތަކުން ފެނިގެންދާ ޑާންސްތަކުންވެސް އޭނާގެ މޮޅު ހުނަރު ފެނިގެންދެއެވެ. “ބޮޑަށް ފަސޭހައީވެސް ޑާންސް ވީޑިއޯތައް. އެކަމަކު ފޭނުންނަށް ހުރިހާ ވައްތަރެއްގެ ޓިކްޓޮކްވެސް ކަމުދޭ” ހިންދީ ލަވަތަކަށް ލޯބިކުރާ ހަސޭ ބުންޏެވެ.
މިހާރު އައްޑޫ ގައި ވެސް ‘ޓިކްޓޮކް ފެމިލީ’ އެއް އުފެދިފައިވާއިރު ޓިކްޓޮކްގައި ހަރަކާތްތެރިވާ ޓިކްޓޮކް ތަރިންނާއި އެކު ހަސޭވަނީ މަސައްކަތްކޮށްފައެވެ. މި ހުރިހާ ތަރިންގެ ތެރެއިންވެސް ހަސޭ އަށް މަސައްކަތްކޮށްލަން އެންމެ ފަސޭހައީ ތީބާ އަދި މަލްދާ އާއި އެކުގައި ކަމަށް ހަސޭވަނީ ބުނެފައެވެ.މިހާތަނަށް ހަސޭއަށް އެންމެ ހިތްހަމަޖެހޭ ގޮތަށް ހެދުނު ވީޑިއޯ އަކީ ވެސް މަލްދާ އަދި ތީބާ އާއި އެކު ހެދުނު ޓިކްޓޮކް ކަމަށް ހަސޭވަނީ ބުނެފައެވެ. ” ތިން މީހުންގެ އެ ވީޑިއޯއަށް 5.4 މިލިއަން ވިއުސް ލިބުނު. އެ ވީޑިއޯ އިން ދައްކައިދެނީ އަންހެނުންގެ ބާރުވެރިކަމާއި، އެކުވެރިކަމާއި، އެކަކު އަނެކަކަށް ދޭ ސަޕޯޓް” ހަސޭ ބުންޏެވެ.
އެމްޕީއެލް ސަދަން ޓްރާންސްޕޯޓް ލިންކްގައި ވަޒީފާ އަދާކުރަމުންދާ ހަސޭ ބުނީ ވަޒީފާގައި އުޅެމުން ޓިކްޓޮކް ހަދަން ލިބޭ ދުވަހަކީ ހަމައެކަނި ލިބޭ އޮފް ދުވަސްކަމަށެވެ. “އާންމުކޮށް ޑިއުޓީގައި އުޅޭ ދުވަސް ދުވަހު ޓިކްޓޮކް ހަދަން އެހާ ވަގުތެއް ނުވޭ. ދެން ހަދާ ގޮަތަކީ ލިބޭ އޮފް ދުވަހު ބޭނުންވާ ވަރަށް ޓިކްޓޮކް ވީޑިއޯތައް ޖައްސަނީ. ބައެއް ދުވަސް ދުވަހު ތިނެއް ނުވަތަ ހަތަރު ވީޑިއޯ ވެސް ހަދަން”ހަސޭ ބުންޏެވެ.
މާލޭގައި އުޅުނު ދުވަސްވަރު ފިލްމީ ދާއިރާއިންވެސް ފުރުސަތު ލިބިފައިވާ ހަސޭ ބުނީ އޭރު ކެމެރާ ކުރިމައްޗަށް އަރަން އެއްގޮތަކަށްވެސް ބޭނުން ނޫންކަމަށެވެ. އެހެންނަމަވެސް މިހާރު އައްޑޫގައި ކުޅެފައިވާ ކުރު ފިލްމެއްގެ ލީޑް ރޯލު ހަސޭ ކުޅެފައިވާއިރު ހަސޭ ބުނީ އައްޑޫގައި ފިލްމެއް، ލަވައެއް ނުވަތަ އިޝްތިހާރެއް ކުޅެން ލިބިއްޖެ ނަމަ އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށެވެ. މިހާރުވެސް ޓިކްޓޮކް ތަރިންނަށް އެކިއެކި ޝޯތަކުން ފުރުސަތުތައް ލިބެމުން އަންނައިރު ހަސޭއަށްވެސް އެކަހަލަ ގިނަ ފުރުސަތުތަކެއް އަންނަނީ ލިބެމުންނެވެ. “ވަރަށް ގިނަ ރަށްރަށުން އެކި މުނާސަބަތްތަކާއި އެކު ޝޯތަކަށް ގުޅާ. އެކަމަކު ވަޒީފާގައި އުޅޭތީ އެހެން ރަށްރަށް ގޮސް މަޑުކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން” ހަސޭ ބުންޏެވެ.
ހަސޭ އަށް ޓިކްޓޮކް ގައި ދެ ގޮތެއް ނުވެ ފައިތިލަ ސާބިތުކޮށްގެން ހުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދޭ ފަރާތަކީ މަންމަ އާއި ދައްތަ ނުސްރާ ކަމުގައި ހަސޭ ބުންޏެވެ. ” އެހީތެރިވެދޭ ހުރިހާ ފަރާތްތަކަށާއި ފޭނުންނަށް ބުނަން ބޭނުންވަނީ ތިދޭ ހިތްވަރާއި ލޯތްބާއި އިހްތިރާމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ” ހަސޭ ބުންޏެވެ.މީގެ އިތުރުން ހަސޭ ބުނީ އޭނާ އަށް އެމްޕީއެލް އިން ދޭ އެއްބާރުލަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.”ހަސޭ ކުރާ މިފަދަ އެކި ކަހަލަ ކަންކަމަށް އެމްޕީއެލްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ. އެކަމަށްޓަކައި އެމްޕީއެލްގެ މެނޭޖްމެންޓަށާއި އެސްޓީއެލްގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރުވެރި ވަން.”ހަސޭ ބުންޏެވެ. “ޓިކްޓޮކް ގައި އުޅޭ ކުދިންނަށް ބުނެލަން ބޭނުންވަނީ ގޮން ޖެހުންތަކާއިވެސް ދިމާވާނޭ. އެކަމަކު ކެރިގެން ހިތްވަރާއެކު ހުނަރުތައް ދައްކާލުމުގައި ސާބިތުވެ ތިބޭށޭ”
ހަސޭ އަކީ ޓިކްޓޮކް ގެ އިތުރުންވެސް އައްޑޫގައި ހިންގާ ކުޅިވަރުގެ ގިނަ ހަރަކާތްތަކުގައިވެސް ފެންނަ މޫނެކެވެ. މި ގޮތުން ވޮލީ ކުޅުމުގެ އިތުރުން ނެޓްބޯޅަ އަމްޕަޔަރުކަން ކުރުމާއެކު ލައިފް ގާޑެއްގެ ގޮތުގައިވެސް ހަސޭ އަންނަނީ އޭނާގެ ފަރާތުން އެހީތެރިކަން ބޭނުންވާ އެހެން ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. “އޭއޯ ނިއުސް” އިން އެދެނީ ހަސޭ ކުރާ ހުރިހާ މަސައްކަތަކުން ކާމިޔާބީ އާއި ކުރިއެރުމެވެ،