އޮސްޓްރޭލިއާގެ މަޝްހޫރު އެކްޓަރ ލިއާމް ހެމްސްވޯތް އާއި އެމެރިކާގެ ލަވަކިޔުން ތެރިޔާ މައިލީ ސައިރަސްއާ އެކު އޮތް 10 އަހަރުގެ ގުޅުން ނިމުމާއެކު އޭނަ ވެސް އާ ބައިވެރިޔަކު ހޯދައިފިއެވެ.
ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައި ވާގޮތުގައި ލިއަމް މިހާރު އޮސްޓްރޭލިޔާގައި ދިރިއުޅެނީ އޭނަގެ އާލޯބިވެރިޔާ ގެބްރިއެލާ އާއެކު އެވެ. ގެބްރިއެލާ އަކީ އުމުރުން 21 އަހަރުގެ މޮޑެލްއެކެވެ. ހަބަރު ލިބޭގޮތުގައި ލިއަމް ވަނީ އޭނަގެ އާއިލާ އަށް ގެބްރިއެލާ ތައާރަފް ކޮށްދީފައެވެ. އަދި އޭނަގެ އާއިލާއިން ގެބްރިއަލާ ވަނީ ބަލައިގެންފައިކަމަށް މީޑިއާރިޕޯޓްތައް ބުނެއެވެ.
މައިލީއާއި ލިއަމްގެ ކައިވެނީގައި މައްސަލަތަކެއް ޖެހުނީ މިދިޔަ އޯގަސްޓްމަހު 10ވަނަ ދުވަހު މައިލީ އޭނަގެ އަންހެން ރައްޓެއްސެއްކަމަށްވާ ކެއިޓްލީން ކާޓާރ އާއި އެކު އިޓަލީއަށް ކުރި ޗުއްޓީ ދަތުރެއްގައި އޭނައާއެކު މާގައިގޯޅިކޮށް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް މީޑިއާގައި ދައުރުވުމާއެކު އެވެ. ލިއަމް އާއި މައިލީ މައްސަލަޖެހުނުތާ 11 ދުވަސްފަހުން ލިއަމް ވަނީ ވަރިވާން ކޯޓަށް ފޯމްލައިފައެވެ.
2009 ވަނަ އަހަރު ރިލީޒްކުރި “ދަ ލާސްޓް ސޯންގް”އިން ފެނިގެންދިޔަ މައިލީ ސައިރަސްއާ ލިއަމް ހެމްސްވޯތްގެ ލޯބީގެ ގުޅުން ފެށިގެން ގޮސް 2012 ވަނަ އަހަރު ކައިވެނި ކުރަން އެންގޭޖްވުމަށްފަހު ދެ މީހުންވަނީ 2013 ވަނަ އަހަރު ވަކިވެފައެވެ. އެއަށްފަހު، 2016 ވަނަ އަހަރު އަނެއްކާވެސް ދެ މީހުން ގުޅި، ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
މިދެތަރިންގެ ވަރިއަށްފަހު މައިލީވަނީ ސޯޝަލްމީޑިއާގައި ލިއަމް އަށް ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ. މައިލީ ބުނާގޮތުން އޭނަ ލިއަމް އާދުރަށް ދާންޖެހުނީ ލިއަމްގެ އުޅުންހުންނަ ގޮތުންނެވެ. ނަމަވެސް ވަރިވުމަށްފަހު ލިއަމް އުޅުނީ ސޯޝަލްމީޑިއާއާއި ދުރުގައެވެ. އަދި މައިލީގެ ބަސްތަކަށް އޭނަ އެއްގޮތަކަށްވެސް ރައްދުދީނަހަދައެވެ.
މިއަހަރުގެ އޮގަސްޓް މަހު މައިލީ އާއި ލިއަމް ވަކިވެފައިވާއިރު މައިލީ މިހާރު އުޅެނީ ކޯޑީ ސިމްސަންއާ ރައްޓަހިވެގެންނެވެ.