ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި ބެހޭ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިހާތަނަށް ޝަކުވާ ލިބިފައި ވަނީ އައްޑޫ ސިޓީގެ ދާއިރާތަކާއި ގުޅޭ ޝަކުވާތައް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
“ރާއްޖެ ޓީވީ” އިން ރޭ ގެނެސްދިން ‘ފަލަ ސުރުޚީ” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވީ އެ ރިޕޯޓަށް މިހާތަނަށް ނުވަ ޝަކުވާއެއް ލިބިފައިވާ ކަމަށެވެ.
އަކްރަމް ވިދާޅުވީ އެ ޝަކުވާތައް ހުށަހަޅާފައިވަނީ އައްޑޫ ސިޓީ އާއި އައްޑޫ ސިޓީގެ ދާއިރާތައް ބެހުމާއި ގުޅޭގޮތުން ކަމަށެވެ. އަދި ޚާއްސަ ގޮތެއްގައި އެ ޝަކުވާތަކުގެ ތެރޭގައި ގިނައީ އަންހެނުންގެ ގޮނޑި ކަނޑައެޅުމާއި ގުޅޭ ގޮތުން ލިބިފައި ހުރި ޝަކުވާތައް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
މީގެ އިތުރުން އަކްރަމް ވިދާޅުވީ އީސީއަށް ހުށަހަޅާ ޝަކުވާތައް ބާކީ ނުކުރާނެ ކަމަށާއި، އެ ޝަކުވާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު އަންނަ ހަފްތާގެ ތެރޭގައި ފައިނަލް ރިޕޯޓު ނެރޭނެ ކަމަށެވެ. އަދި ފައިނަލް ރިޕޯޓު ނެރުމުގެ ކުރިން ޝަކުވާ ހުށަހަޅާ ހުރިހާ ފަރާތްތަކަށްވެސް، ޝަކުވާތަކުގެ ޖަވާބު އީސީ އިން ދޭނެ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަކްރަމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ހުންނަ ޤައުމްތަކުގައި 150 މީހުން ރަޖިސްޓްރީކޮށްފި ކަމުގައިވާނަމަ، އެތަނެއްގައި ވޯޓުފޮށި ބަހައްޓާނެ ކަމަށެވެ. އަދި 25 މީހުން ރަޖިސްޓްރީކުރާ ޖަލުތަކުގައި އާއި، 50 މީހުން ރަޖިސްޓްރީކުރާ ރިސޯޓުތަކުގައި ވެސް ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2020ގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓު އާންމުކޮށް، އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މާދަމާގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 02:15 އިން ހަވީރު 05:00 އަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިހާބާ ބެހޭ މަރުކަޒު ބާ ޖަމާލުއްދީނުން ނެވެ. އަދި އެ ކޮމިޝަނުގެ އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެކަމަށް އީސީ އިން ބުނެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ 2020 ވަނަ އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ގައެވެ.