English Edition
Dhivehi Edition
ވީއައިއޭގެ އިރުމަތީ އޭޕްރަންގައި ޕާކްކުރި ފުރަތަމަ ޖެޓް - ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ފްލައިޓްތައް ޕާކްކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ތަރައްޤީކޮށްފައިވާ އިރުމަތީ އޭޕްރަން ބޭނުންކުރަން ފަށައިފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ވީއައިއޭގެ އިރުމަތީ އޭޕްރަންގައި މިއަދު ފުރަތަމަ ފަހަރަށް ޖެޓެއް ޕާކުކޮށްފައިވާ ކަމަށެވެ. އިރުމަތީ އޭޕްރަންގެ ބޮޑުމިނުގައި 55000 އަކަމީޓަރު ހުރެއެވެ.

އެ އޭޕްރަންގެ މަސައްކަތް މިހާރު ނިމިފައިވާއިރު، އަދި ރަސްމީކޮށް އެ އޭޕްރަން ނުހުޅުވައެވެ. ނަމަވެސް އެމްއޭސީއެލް އިން ބުނީ ފަތުރުވެރިކަމުގެ “ޕީކް” ސީޒަންގައި ވީއައިއޭ އަށް އަންނަ ޖެޓްތައް އިތުރުވުމާއެކު، ޖެޓްތައް ޕާކުކުރުމުގައި ފަސޭހަކުރުމަށް އިރުމަތީ އޭޕްރަން ނުރަސްމީކޮށް ހުޅުވާފައިވާ ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ފަހުކޮޅު ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ވީއާއިއޭ އަށް ބާރުބޮޑުވެ، ޕްރައިވެޓް ޖެޓްތައް ޕާކްކުރުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެއެވެ. އެމައްސަލަ ޙައްލުކުރުމުގެ ގޮތުން ވީއައިއޭގައި ފްލައިޓް ޕާކްކުރުމަށް ދެ އޭޕްރަންއެއް ވަނީ ޤާއިމްކޮށްފަ އެވެ.

އެގޮތުން ވީއައިއޭގައި ޤާއިމްކުރާ އޭޕްރަންތަކުގެ ފުރަތަމަ ފިޔަވަހި ނިމި ރަސްމީކޮށް ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ޖުލައި މަހު ހުޅުވި ހުޅަނގު ދެކުނު އޭޕްރަންގައި ފުރަތަމަ ޕާކުކޮށްފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓެކެވެ. އެ އޭޕްރަންގައި ގާތްގަނޑަކަށް 70،000 އަކަމީޓަރުގެ ޕާކްކުރުމުގެ ޖާގަ އޮވެއެވެ.