English Edition
Dhivehi Edition
ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީއޯއޯ)ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއޭސީއެލް އިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ސީއޯއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މި ހިނގާ މާރިޗު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި މަޤާމާއި ގުޅޭ ދާއިރާއަކުން ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު ކޯޕަރޭޓް ސެކްޓަރގައި މަދުވެގެން 15 އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. އޭގެ ތެރެއިން އޭވިއޭޝަން ދާއިރާގައި ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ އަދި ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން ފަސް އަހަރުގެ އޮޕަރޭޝަންސް މެނޭޖްމަންޓްގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

މީގެ އިތުރުން އެ ފަރާތަކީ އެއާޕޯޓް މެނޭޖްމަންޓް އާއި އޮޕަރޭޝަންސް އަދި ޑިވެލޮޕްމަންޓްއާއި ގުޅޭ މަޢޫލޫމާތު ލިބިފައިވާ މީހަކަށްވުމުގެ އިތުރުން، ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ޤާބިލްކަން ހުރި މީހަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެފަރާތަކީ އޯއާރްއޭޓީ ޕްރޮގްރާމްތަކާއި ގުޅޭ މަޢުލޫމާތު ލިބިފައިވާ، އެކަށީގެންވާ ގޮތަކަށް މަސައްކަތްތަކަށް އިސްކަންދީ ނިންމުމުގެ ހުނަރު ލިބިގެންވާ، މީހުންނާއި ގުޅިގެން މަސައްކަތް ކުރަން ދަންނަ އަޚްލާޤް ރަނގަޅު ފަރާތަކަށްވެސް ވާންޖެހޭނެ އެވެ.

އެމްއޭސީއެލް އިން ބުނީ ސީއޯއޯގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރާނީ ތިން އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޤާމަށް މީހަކު ބޭނުންވަ މިންވަރަށާއި އެމީހާގެ މަސައްކަތަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށެވެ.

އަދި ސީއޯއޯގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެ މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ވަނަވަރާއި، ސެޓްފިކެޓްތަކުގެ ކޮޕީ އާއި ފޮޓޯ އަކާއި، ދެ ރިފަރެންސް ލެޓަރ އަދި މިހާތަނަށް ލިބެމުން އައި މުސާރަ އާއި އުއްމީދުކުރާ މުސާރަ ބަޔާންކޮށް ހުށަހަޅަންޖެހޭނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.

އެމްއޭސީއެލް އިން ވަނީ މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަދި ޗީފް ފިނޭންސް އޮފިސަރ (ސީއެފްއޯ)ގެ މަޤާމަށް މީހަކު ހޯދުމަށްވެސް އިއުލާންކޮށްފަ އެވެ. އެ އިއުލާންތަކުގެ މުއްދަތު ހަމަވީ މިދިޔަ ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.