ފީފާ އިން އަހަރު ފަހުކޮޅުގައި އެކި ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ބާއްވަމުން އަންނަ ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ ލިވަޕޫލް ހޯދައިފި އެވެ.
ލިވަޕޫލް އިން ކްލަބް ވޯލްޑް ކަޕްގެ ތަށި އުފުލާލީ ރޭ ގަތަރުގެ ވެރިރަށް ދޯހާގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ދެކުނު އެމެރިކާގެ އެއް ވަނަ ޓީމް ކަމަށްވާ ބްރެޒިލްގެ ފްލަމެންގޯ ބަލިކުރުމަށްފަހުއެވެ. ރޭގެ މެޗު ލަވަޕޫލް ކާމިޔާބު ކުރީ 1 ލަނޑު 0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ފްލަމެންގޯ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު އެ ޓީމުން ވަނީ ލިވަޕޫލްގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާފައެވެ. މެޗުގެ ދެވަނަ ހާފްގައި ލިވަޕޫލް އިން ކުޅުން ވަރުގަދަ ކޮށްފައިވާއިރު އެ ޓީމަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެޓީމަށް ވެސް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު މެޗުގައި ލިވަޕޫލް މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތު ލިބުނު ފުރުސަތެއްގައި ރޮބާޓޯ ފިރްމީނޯ އެވެ.
މުބާރާތުގެ ފައިނަލުން ލިވަޕޫލް ޖާގަ ހޯދީ ސެމީ ފައިނަލްގައި 1-2 އިން މެކްސިކޯގެ މޮންޓެރޭ ބަލިކުރުމަށްފަހު އެވެ. ފްލެމެންގޯ ފައިނަލުން ޖާގަ ހޯދީ ސައޫދީ އަރަބިއްޔާގެ އަލްހިލާލް ސެމީ ފައިނަލްގައި 1-3 އިން ބަލިކުރުމަށް ފަހު އެވެ.
18 ލީގު ޓައިޓްލް ހޯދުމުގެ އިތުރުން ހަފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގް ތަށި ހޯދައިފައިވާ ލިވަޕޫލަށް މީގެ ކުރިން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރެވިފައިނުވާއިރު 2005 ވަނަ އަހަރުގެ އެ ޓީމު ވަނީ ފައިނަލުގައި ބްރެޒިލްގެ ސައޮ ޕައޮލޯ އަތުން 1-0ބަލިވެފަ އެވެ.މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނީ ކްލަބް ވޯލްޑް ކަޕް އެމީހުންނަށް ކާމިޔާބުވެގެން ދިއުންވާނީ ހަނދުގައި ފައި ބީއްސާލުން ފަދަ ކަމަކަށްކަމުގައެވެ.
މުބާރާތުގެ ފައިނަލަށްފަހު ތަށި އުފުލާލަމުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނީ އޭނާއަށް ކުރެވެނީ ތަފާތު އިހްސާސެއްކަމަށާއި މި ތައްޓަކީ މިހާތަނަށް އެ ކްލަބަށް ކާމިޔާބުކުރެވިފައިނުވާ ހަމައެކަނި ތަށިކަމަށެވެ.