އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާ 1-1 އިން އެއްވަރުވެ ގަދަ ހަތަރެއްގެ ރޭހުގައި ކުރިއެރުމަށް ލިބުނު ފުރުޞަތު އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ނަގާލައިފިއެވެ.
ރޭގެ މެޗު ފެށުމުގެ ކުރީން ލީޑްސް އިން ވަނީ ވޯމްއަޕަށް ނިކުތްއިރު އެ ޓީމުގެ ކުޅުންތެރިން ވަނީ ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގެ އެންމެ ގަދަ ބާރުތައް ހިމެނޭގޮތަށް ދާދިފަހުން އެކުލަވާލި ޔޫރަޕިއަން ސުޕަ ލީގާ ދެކޮޅު މެސެޖެއް ޖަހާފައިވާ ޓީޝާޓެއް ބޭނުންކޮށްފައެވެ. ލިވަޕޫލަކީ އެ ލީގުގެ 12 ފައުންޑަ މެންބަރުންގެ ތެރެއިން ކްލަބެކެވެ.
ލިވަޕޫލުން ރޭގެ މެޗު ކާމިޔާބުކޮށްގެން ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ލިބުނު ފުރުޞަތުގެ ބޭނުންނުހިފުމުގެ ނަތީޖާއެއްގެ ގޮތުން އެ ޓީމު އޮތީ 32 މެޗުން ހޯދީ 53 ޕޮއިންޓާއެކު ތާވަލްގެ ހަވަނައިގައެވެ. އޭގެ އެއް ޕޮއިންޓް ކުރީގައި 31 މެޗު ކުޅެގެން ފަސްވަނައިގައި އޮތް ޗެލްސީ އަށް ލީގުގައި މިރޭ ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު އެބައޮތެވެ. މިވަގުތު ހަތަރުވަނައިގައި އޮތީ 32 މެޗުން ހޯދީ 55 ޕޮއިންޓާއެކު ވެސްޓް ހޭމް ޔުނައިޓެޑެވެ.
ލީޑްސްއާ ދެކޮޅަށް ލިވަޕޫލުން ނިކުތީ އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހުގެ ބަދަލުގައި ޕޯޗުގަލްގެ ޑިއޯގޯ ޔޮޓާ ހިމަނައިގެންނެވެ. މި މެޗަށް ލީޑްސް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމުގެ ކެޕްޓަން ލިއަމް ކޫޕާ އަށް ނުކުޅެވުމެވެ. މީގެއިތުރުން، އެ ޓީމުގެ އެޓޭކްތަކުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ބްރެޒިލްގެ ވިންގާ ރަފީނިއާ އަށް އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ބައިވެރިވެވޭގޮތެއްނުވިއެވެ.
ލީޑްސްގެ އެލަންޑް ރޯޑްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑްނަގައިދިނީ ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. މިއީ އެ ޓީމުގެ އިނގިރޭސި ފުލްބެކް ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ތަނަވަސްކުރި ފުރުޞަތަކުން މާނޭ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، ލިވަޕޫލްގެ ލީޑް ފުޅާކުރުމަށް ރޮބާޓޯ ފިރްމީނޯ އާއި ޔޮޓާގެ އިތުރުން ދެވަނަ ހާފުގައި ކުޅެން ނިކުތް ސަލާހު އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
ލިވަޕޫލަށް ލީޑް ފުޅާކުރުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުމުގެ ނަތީޖާއެއްގެ ގޮތުން ލީޑްސް އަށް ވަނީ އެއްވަރުކުރުމަށް ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން، އެ ޓީމުގެ އިތުބާރު ފޯވާޑް ޕެޓްރިކް ބެމްފޯޑް ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު ޓައިލާ ރޮބަޓްސް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އެވެ.
ނަތީޖާ ހަމަހަމަކުރަން ލީޑްސް އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ސްޕެއިން ޑިފެންޑަރު ޑިއޭގޯ ލޮރެންޓޭ ކާމިޔާބުކުރި ގޯލުންނެވެ. މިއީ މެންޗެސްޓާ ސިޓީގެ ލޯން އެއްބަސްވުމެއްގެ ދަށުން ލީޑްސް އަށް ކުޅެމުން އަންނަ ޖެކް ހެރިސަން ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ލޮރެންޓޭ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، ލިވަޕޫލަށް ދެވަނަ ފަހަރަށް ލީޑްނަގައިދީ މެޗުން ތިން ޕޮއިންޓް ކަށަވަރުކުރުމަށް ފަހު ހާފުގައި ކުޅެން ނިކުތް އަލެކްސް އޮކްސްލޭޑް ޗެމްބަލެއިން އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ލީޑްސްގެ ކީޕަރު އިލާން މެލިއޭ މަތަކުރިއެވެ.
ލީގުގައި ލިވަޕޫލަށް ދެން އޮތީ މި މަހުގެ 24 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ އެއް ދުވަސް ފަހުން ލީޑްސް ނިކުންނާނީ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. މި މުބާރާތުގައި މިރޭ ކުޅެވޭ ހަމައެކަނި މެޗުގައި ރާއްޖޭގަޑިން ދަންވަރު 12 ޖަހާއިރު ޗެލްސީގެ ދަނޑުގައި އެ ޓީމު ނިކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.