English Edition
Dhivehi Edition
ކްރިސްޓަލް ޕެލަސް ކޮޅަށް ލަނޑުޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް އަތުން ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓާ ސިޓީ ބަލިވިއިރު، ގަދަ ހަތަރެއްގެ ޖާގައަކަށް ވާދަކުރަމުން އަންނަ ލިވަޕޫލާއި ޗެލްސީން މޮޅުވެއްޖެއެވެ.

ސިޓީގެ ދަނޑުގައި 2-1 އިން ލީޑްސް އަތުން ބަލިވިއިރު، ޗެލްސީން ވަނީ ރަށުން ބޭރުގައި 4-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. ލިވަލޫން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން އެސްޓަން ވިލާ ބަލިކޮށްފައެވެ.

ރޭގެ މެޗުތަކަށްފަހު ތާވަލްގެ އެއްވަނައިގައި އަދިވެސް އުޅެނީ ސިޓީ އެވެ. އެ ޓީމަށް 32 މެޗުން 74 ޕޮއިންޓް ލިބިފައިވާއިރު، އޭގެ 14 ޕޮއިންޓް ފަހަތުން ދެ މެޗު މަދުކުޅެގެން ދެވަނައިގައި އޮތީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 30 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތީ 31 މެޗުން ހޯދީ 54 ޕޮއިންޓާއެކު ޗެލްސީ އެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީވެސް ލީޑްސް އިންނެވެ. މެޗުގެ 42 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ސްޓުއާޓް ޑަލާސް އެވެ. މިއީ އެ ޓީމުގެ ފޯވާޑް ޕެޓްރިކް ބެމްފޯޑް ދިން ބޯޅައަކުން ޑަލާސް ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ލީޑްސްގެ ކެޕްޓަން ލިއަމް ކޫޕާ އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން މި ހާފު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. ވިއޭއާރްގެ އެހީ ހޯދުމަށްފަހު ކޫޕާ އަށް ރެފްރީ ރަތް ކާޑު ދެއްކީ ސިޓީގެ ގެބްރިއެލް ޖެސޫސް އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

ލީޑްސް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ދެވަނަ ހާފުގައި ސިޓީން ކުޅުން އިތުރަށް ރަނގަޅުކޮށް މެޗު ނިމެން 14 މިނެޓަށްވެފައިވަނިކޮށް ފެރާން ޓޮރެސްގެ ގޯލުން ނަތީޖާ ހަމަހަމަކޮށްފައިވަނިކޮށް މެޗުގެ އިތުރުވަގުތުގައި ލީޑްސް އިން ދެވަނަ ފަހަރަށް ލީޑްނަގައި، މެޗުން ތިން ޕޮއިންޓް ކަށަވަރުކުރީ އެޒްޔަން އަލިއޯސްކީ ދިން ޕާހަކުން ޑަލާސް ވައްދާލި ލަނޑުންނެވެ. މިއީ މި މެޗުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.

ލީގުގައި ރޭ ލިވަޕޫލުން ވަނީ މި އަހަރުގެ ތެރޭގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދާފައެވެ. އެ ޓީމު ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު ލީގުގައި އެންފީލްޑްގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން މޮޅުވިފަހުން އަމިއްލަ ދަނޑުގައި ކުޅުނު 8 މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފައެވެ. ދެ މެޗުން އެއްވަރުވެފައިވާއިރު އެންމެ މެޗަކުން ވެސް މޮޅުވެފައެއްނުވެއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އެސްޓަން ވިލާ އިންނެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ޖޯން މެކްގިން ދިން ބޯޅައަކުން އެ ޓީމަށް މިލަނޑުޖަހައިދިނީ އޮލީ ވަޓްކިންސް އެވެ. ރޭގެ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން 12 ވަނަ މިނެޓުގައި ލިވަޕޫލަށް އެއްވަރުކޮށްދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މިއީ އެ ޓީމުގެ އެންޑީ ރޮބަޓްސަން ފޮނުވާލި ހަމަލާއެއް އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ސަލާހު އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އެސްޓަން ވިލާގެ ގޯލަށް ލިވަޕޫލްގެ ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް (ވ) ބޯޅަ ފޮނުވާލަނީ. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ލިވަޕޫލުން އެއްވަރުކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެސްޓަން ވިލާގެ ޓްރެޒެގޭ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާ ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވާއިރު، ދެވަނަ ފަހަރަށް އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ. މެޗުގެ އިތުރުވަގުތުގައި ލިވަޕޫލްގެ ތިއާގޯ އަލްކަންތާރާ ފޮނުވާލި ބޯޅައެއް އެސްޓަން ވިލާގެ ކީޕަރު މާޓިނޭޒް މަތަކުރުމުން ރީބައުންޑްގައި ލިވަޕޫލްގެ ފުލްބެކް ޓްރެންޑް އެލެގްޒެންޑާ-އާނޯލްޑް ވަނީ ރީތި ގޯލެއް ކާމިޔާބުކޮށް އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ގަދަ ހަތަރެއްގެ ޖާގައަކަށް ވާދަކުރަމުން އަންނަ ޗެލްސީން ވަނީ ޕެލަސްގެ ދަނޑުގައި ފުރަތަމަ 30 މިނެޓުގެ ތެރޭގައި ތިން ލަނޑުޖަހާފައެވެ. މި މެޗު ފެށިގެން 8 ވަނަ މިނެޓުގައި ކާއި ހާވާޓްޒްގެ ލަނޑުން އެ ޓީމު ލީޑްނެގިއިރު އޭގެ ދެ މިނެޓުފަހުން ކްރިސްޓިއަން ޕުލިސިޗް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އަދި މެޗުގެ 30 ވަނަ މިނެޓުގައި މޭސަން މައުންޓް ދިން ބޯޅައަކުން ކާޓް ޒޫމާ ވަނީ ޗެލްސީ އަށް ތިން ލަނޑުގެ ލީޑެއް ނަގާފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ކުރީކޮޅު ޕެލަސްގެ ބެލްޖިއަމް ފޯވާޑް ކްރިސްޓިއަން ބެންޓެކޭގެ ލަނޑުން އެ ޓީމު ފަރަގު ކުޑަކުރިއެވެ. އެކަމަކު މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ޕުލިސިޗް މި މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑާއެކު އޭނާ ވަނީ ޗެލްސީގެ ތިން ލަނޑުގެ ފަރަގު ދަމަހައްޓާފައެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު ޓޮޓެންހަމްގެ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ބައްދަލުކުރާ މެޗާއި، ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ލެސްޓާ ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ. އަދި ޝެފީލްޑް ޔުނައިޓެޑްގެ ދަނޑުގައި އާސެނަލްއާ ދެކޮޅަށް މެޗު ހިމެނެއެވެ.