ޑރ. މުހައްމަދު އިޔާޒަކީ އަލް ގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން އަށް ތާއިދު ކުރެއްވި ބޭފުޅެއްކަމަށް ވިދާޅުވެ މުކްތަބަ ސަލަފިއްޔާ އިން ދެއްކި ވާހަކަތަކަށް ޑރ.އިޔާޒް ރައްދު ދެއްވައިފިއެވެ.
އިއްޔެ މުކްތަބަ ސަލަފިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝެއިހް މުހައްމަދު ހަސަންވަނީ ނުސީދާ ބަހުން ޑރ.އިޔާޒް އަކީ ހަވާރިޖީއެއްކަމުގައި ވިދާޅުވެފައެވެ. ނިރުބަވެރި ޖަމާއަތެއް ކަމުގައިވާ އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން އަށް ޑރ.އިޔާޒް ތާއިދުކުރައްވާކަމަށް ވިދާޅުވެ ޝެއިހް މުހައްމަދު ހަސަން ވިދާޅުވީ މިހާތަނަށް ދުނިޔެ މައްޗަށް އުފަންވި ހަރުކަށި ފިކުރުގެ އެންމެ ބޮޑު އިމާމަކީ އުސާމާ ބިން ލާދިން ކަމަށް އެއްވެސް އިލްމުވެރިއަކު ދެކޮޅު ނަހައްދަވާނެ ކަމަށެވެ. އަދި އުސާމާ ބިން ލާދިން އަށް ތާއިދު ކޮށް، އޭނާގެ ފިކުރަށް ތާއިދުކުރާ ކޮންމެ މީހަކީ “ހަވާރިޖެއް” ކަމަށް ޝެއިހް ވަނީ ވިދާޅުވެފައެވެ.
ޝެއިހް މުހައްމަދު ހަސަންގެ ވާހަކަތަކަށް ރައްދު ދެމުން ޑރ.އިޔާޒް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސަލަފީ އަކީ މީސްތަކުން “ކެޓަގަރައިޒް” ކޮށް ތިމާމެންގެ ވިސްނުމާއި ފިކުރާ ދިމާ ނުވާ މީހުންނާއި ހަތަރުކަޅި ހަމަނުކޮށް އުޅޭ ބައެއް ކަމަށެވެ.މީގެ އިތުރުން އޑރ.އިޔާޒް ވިދާޅުވީ އެޖަމިއްޔާ އަކީ އެމީހުންގެ މަންހަޖަށް ފެތޭ މީހުންނަށް ފިޔަވައި އެހެން ބަޔަކަށްދަރުސްވެސް ދެވޭ ބައެއް ނޫން ކަމަށެވެ.
ސަލަފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޑރ.އިޔާޒް ވަނީ އެއް މުސްލިމަކު އަނެއް މުސްލިމަކާއި ބައްދަލުވާ ހިނދު ސަލާމްކޮށްފި ނަމަ އެކަމަކުން ވަރަށް މަތިވެރި ދަރުމަ ލިބޭ ކަމަށާއި، އަނެކާގެ މޫނުމަތީގައިވާ ހިނިތުން ވުމަކީވެސް ސަދަގާތެއް ކަމަށް ވިދާޅުވެފައެވެ. “އެމީހުން ވަނީ ބޮޑެތި ކާފަރުންނާއި ހިނިތުންވެ ހުރެ، ވާހަކަ ދައްކާފައި. އެހެން ނަަމަވެސް މުސްލިމުންނަކީ މަންހަޖަށް ނުފެތޭ ބައެއް ކަމަށްބުނެ ސަލާމްވެސް ގޮވައި ނުލެވޭ. އެއީ ހަމަ ރަސޫލާގެ މަންހަޖުތޯ؟” އިޔާޒްގެ ޓުވިޓްގައި ވިދާޅުވިއެވެ.
‘ކުނި މޫނު’ ދައްކައިގެން މީސްތަކުން މަންހަޖުން ބޭރުކޮށް ދީނީ ދައުވަތު ފުނޑާލުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ ޑރ.އިޔާޒް ވަނީ ފިތުނަ ފަސާދަ އުފައްދުމަށް ނޫޅުއްވައި، އިސްލާހުގެ މަގު އިހްތިޔާރު ކުރުމަށް ސަލަފިއްޔާ ޖަމާއަތުގެ ބޭފުޅުންނަށް އިލްތިމާސް ކުރައްވާފައެވެ.