English Edition
Dhivehi Edition

މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރާ ގުޅިގެން އިއްޔެ ހައްޔަރު ކުރި މީހާއަކީ، ގާސިމްގެ ގާތިލު ކަމަށް ފުލުހުން ބުނެފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވީ ގާސިމް ހަސަންގެ މަރުގެ މައްސަލައިގައި ރޭ ހައްޔަރު ކުރި މީހާއަކީ ގާސިމްގެ ގާތިލް ކަމަށާއި އޭނާ ކުށަށް އިއުތިރާފްވެފައިވާ ކަމަށެވެ.

ގާސިމްގެ ތަހުގީގާ ގުޅޭ ފަހުގެ މައުލޫމާތު އާންމު ކުރައްވަމުން ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭ ހައްޔަރު ކުރި މީހާ ވަނީ ޑްރައިވަރު ގާސިމް ގަތުލުކޮށްލި ކަމަށް އަމިއްލައަށް އެއްބަސްވެ ތަހުގީގަށް އެއްބާރުލުން ދޭން ފަށާފައި ކަމަށެވެ. އަދި ބަންދުގެ މުއްދަތު ޖަހަން އޭނާ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން މިހާރު ޖަހައިދީފައިވާ ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ، އޭނާ އަތުލައިގަތުމަށް ބޭނުންކުރީ، ފުލުހުން ހޯދި ފޮރެންސިކް ހެކި ކަމަށެވެ. މީގެ ިއތުރުން ގާސިމް މަރާލިރޭ، އޭނާގެ ގާތިލު ލައިގެން ހުރި އަންނައުނު ފެނިފައިވާ ކަމަށާއި، އެ އެއްޗެހި ހުރީ ގާސިމް މަރާލާފައި އޮތްވާ ފެނުނު ސަރަހައްދާއި ކައިރި ހިސާބެއްގައި ފޮރުވާފައި ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ގާސިމް މަރާލާފައި އޮތްވާ ފެނުނުތާ ދެ ހަފްތާ ވެފައިވާއިރު، ފުލުހުން ވަނީ ގާސިމް މަރާލާފައި އޮއްވާ ފެނުނު ސަރަހައްދުން ފިންގާޕްރިންޓާއި ޑީއެންއޭ ފަދަ ފޮރެންސިކް ހެކި އަދި އޭނާ މަރާލަން ބޭނުންކުރި ހަތިޔާރުވެސް އޭނާ މަރާލާފައި އޮއްވާ ފެނުނު ތަނުގެ 300 އެއްހާ މީޓަރު ދުރުން މަގު ކައިރީ ހުރި ގަސްތަކުގެ ތެރެއިން ހޯދާފައެވެ. އަދި ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުތައް އެނެލައިޒްކޮށް، ގާސިމް ދުއްވި ޓެކްސީ ދަތުރު ކޮށްފައިވާ މަގުތައް ވެސް ދެނެގެންފައެވެ.

ތޫނު އެއްޗަކުން ހަމަލާދީ ގާސިމް މަރާލާފައި އޮއްވާ ފެނުނީ، ހުޅުމާލޭ މަގުމަތިންނެވެ.