English Edition
Dhivehi Edition

މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލި ޓެކްސީ ޑްރައިވަރު ޤާސިމް ހަސަންގެ ޤާތިލްގެ ވަނަވަރު އާންމުވެއްޖެ އެވެ. އޭނާގެ ވަނަވަރު އާންމުވެފައި ވަނީ ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރަން ކުރި އަމުރުގެ ކޮޕީ އާންމުވުމާއި ގުޅިގެންނެވެ.

އެ ކޯޓު އަމުރުން ހާމަވެފައިވާ ގޮތުގައި ޤާސިމް މަރާލާފައި ވަނީ އުމުރުން 21 އަހަރުގެ އަދުޙަމް މުޙައްމަދު (ބޮޑުހިޔާގެ / ޅ. ހިންނަވަރު) އެވެ. އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ކްރިމިނަލް ކޯޓުން ބުނީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ އޭނާ މީހަކަށް ވަޅިން ހަމަލާދިންކަމަށް ބަންދާއިމެދު ގޮތެއް ނިންމި މަޖިލީހުގައި އިޢުތިރާފްވެ ކަން ހިނގި ގޮތް ކިޔައިދީފައިވުމާއެކު އަނިޔާ ލިބިފައިވާ މީހާ މަރުވެފައިވުމާއެކު ކަމުގެ ބާވަތުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމާއުގެ ސަލާމަތާއި އަމަން އަމާންކަމަށް ބުރޫއަރާފާނެތީ ކަމަށެވެ.

އަދި ގާސިމް ޙަސަން މަރާލިކަމަށް އަދުޙަމް މުޙައްމަދު ބަންދާއިމެދު ގޮތެއް ނިންމި މަޖިލީހުގައި އިޢުތިރާފުވި ބަޔާންލިޔެ ސޮއިކުރެވިފައިވާ ކަމަށްވެސް ކްރިމިނަލް ކޯޓުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޤާސިމްގެ ޤާތިލުގެ ނަން ހާމަނުކޮށް މިދިޔަ ހުކުރު ދުވަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޤާސިމް ޙަސަންގެ މަރުގެ މައްސަލައިގައި ބުރާސްފަތި ދުވަހުގެ ހައްޔަރު ކުރި މީހާއަކީ ޤާސިމްގެ ޤާތިލް ކަމަށާއި އޭނާ ކުށަށް އިއުތިރާފްވެފައިވާ ކަމަށެވެ.

ޤާސިމްގެ ތަހުގީގާ ގުޅޭ ފަހުގެ މައުލޫމާތު އާންމު ކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކުރި މީހާ ވަނީ ޤާސިމް ގަތުލުކޮށްލި ކަމަށް އަމިއްލައަށް އެއްބަސްވެ ތަޙުޤީޤަށް އެއްބާރުލުން ދޭން ފަށާފައި ކަމަށެވެ. އަދި ބަންދުގެ މުއްދަތު ޖަހަން އޭނާ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން މިހާރު ޖަހައިދީފައިވާ ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ، އޭނާ އަތުލައިގަތުމަށް ބޭނުންކުރީ، ފުލުހުން ހޯދި ފޮރެންސިކް ހެކި ކަމަށެވެ. މީގެ ިއތުރުން ޤާސިމް މަރާލިރޭ، އޭނާގެ ގާތިލު ލައިގެން ހުރި އަންނައުނު ފެނިފައިވާ ކަމަށާއި، އެ އެއްޗެހި ހުރީ ގާސިމް މަރާލާފައި އޮތްވާ ފެނުނު ސަރަހައްދާއި ކައިރި ހިސާބެއްގައި ފޮރުވާފައި ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ޤާސިމް މަރާލާފައި އޮތްވާ ފެނުނުތާ ދެ ހަފްތާ ވެފައިވާއިރު، ފުލުހުން ވަނީ ޤާސިމް މަރާލާފައި އޮއްވާ ފެނުނު ސަރަޙައްދުން ފިންގާޕްރިންޓާއި ޑީއެންއޭ ފަދަ ފޮރެންސިކް ހެކި އަދި އޭނާ މަރާލަން ބޭނުންކުރި ހަތިޔާރުވެސް އޭނާ މަރާލާފައި އޮއްވާ ފެނުނު ތަނުގެ 300 އެއްހާ މީޓަރު ދުރުން މަގު ކައިރީ ހުރި ގަސްތަކުގެ ތެރެއިން ހޯދާފައެވެ. އަދި ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުތައް އެނެލައިޒްކޮށް، ޤާސިމް ދުއްވި ޓެކްސީ ދަތުރު ކޮށްފައިވާ މަގުތައް ވެސް ދެނެގެންފައެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޤާސިމް މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލޭ މަގުމަތިންނެވެ.