English Edition
Dhivehi Edition
evvegen thibi bidheyseen thakeh.

ދިވެހި ރާއްޖޭގެ ހުރިހާ ދިމާލަކުން ބަލައިލި ކަމަށްވިއަސް ބިދޭސީ މަސައްކަތު މީހުންގެ ކަންކަން މިއަންނަނީ ހައްދުންނެއްޓި ދިވެހިންގެ ބިމުގައި ދިވެހީންނަށް ވުރެން އެބައިމީހުން ގަދަފަދަ ވަމުންނެވެ. މިއީ ހިތާމައިގެ ކޮޅެއްނެތް ކަމެކެވެ. ރާއްޖޭގައި މިހާރު ހަލުވިކޮށް ފެތުރެމުން އަންނަ ކޮވިޑު-19އިގެ ބަލިމަޑު ކަމުގެ ތެރޭގައި މިމީހުން ކޮންޓުރޯލް ކުރެވޭނޭ ބޭހެއް ނެތެވެ. ރާއްޖޭގައި އުޅޭ ބިދޭސީން ޚާއްސަކޮށް ބަނގުލަދޭޝްއަށް ނިސްބަތްވާ މީހުންނަކީ، މުޅިންވެސް ބައި ހަދާލާފައި އެކުގައި އުޅޭ ބައެކެވެ. މިމީހުންގެ ދިރިއުޅުމުގެ ވަށްޓަފާޅިއަށް ބަލާއިރުވެސް މިމީހުންގެ ތެރެއިން އެކަކުވެސް ޕޮސިޓިވު ވެއްޖެއްޔާ އެމީހާގެ ފަރާތުން މުޅިގައުމަށް ބަލި ފެތިރިދާނޭ ކަހަލަ ގޮތަކަށް އުޅޭ ބައެކެވެ. ކުޑަކުޑަ ކޮޓަރިއެއްގައި އެތައް މީހުން އެކުގައި ނިދައި، ކައި، ބޮއި އުޅުމާއި، މަސައްކަތް ކުރުމަށާއި، މަސައްކަތް ހޯދުމަށް މުޅި ރަށުގެ އެތަން މިތާ ހިނގުމާއި، އެއްވެސް ގާނޫނެއް، ގަވާއިދަކަށް ބޯލެނބުމެއްނެތި ހިތުހުރި ގޮތަކަށް އުޅުން ހިމެނެއެވެ. މިމީހުންނަކީ މިމީހުންގެ އާންމު ދިރިއުޅުމުގައި ސާފުތާހިރުކަމަށް އެއްވެސް ވަރަކަށް ލޯބިކުރާ ބައެކޭ ދެންނެވޭކަށް ނޯވެއެވެ. އެހެނީ އަބަދު މަގުމައްޗަށާއި އުޅޭ ހުރިހާ ތަނަކަށް ކުޅުޖެހުމަކީ ވެސް އާންމުކޮށް މިމީހުންގެ ފަރާތުން ފެންނަ ކަމެކެވެ. ހިފައި ގެންގުޅޭ ތަކެއްޗާއި، އުޅޭތަން ސާފު ތާހިރުކޮށް ގެންގުޅުމަކީ މިމީހުން ދަންނަ ކަމެއްނޫނެވެ. ކަންމިހެން އޮތަސް، މުޅި އޮޑީގައި ހަސަނުގެ ދެފައޭ ބުނެ އުޅޭ ބީދައިން މުޅި މިގައުމުގައި ބިދޭސީންނެވެ. ފިހާރައަކަށް ވަނަސް ބިދޭސީއެކެވެ. ޑެލިވަރީއެއް ގެއަށް ލިބުނަސް ގެންނަނީ ބިދޭސިއެކެވެ. ގާޑިޔާއެއް ދޮށަށް ދިޔަޔަސް އެތާވެސް ބިދޭސީއެކެވެ. ގޭގޭގައި ކައްކައި، ފޮޅައި ސާފުކޮށް ހަދަނީ އެމީހުނެވެ. ގެދޮރު އިމާރާތް ކުރަނީ މިމީހުނެވެ. ހޮޓާ ރެސްޓޯރެންޓުތަކުގައި މުޅިންވެސް އެމީހުނެވެ. ދިވެހީންނަށް ބަތާއި ގަރުދިޔަ ކައްކާގޮތް މިހާރު ކިޔައިދެނީ ބިދޭސީއެކެވެ. މިމީހުންނަކީ އެއް މަސައްކަތް ކޮށްގެން ލިބޭ ފައިސާއިން ފުއްދާލައިގެން އުޅޭ ބައެއްނޫނެވެ. މަސައްކަތް ނުލިބިގެން މުޅި ގައުމުގައި އެނބުރޭބައެކެވެ. މިއިން މީހަކީ މިހާލަތުގައިވެސް މާސްކެއްވެސް އަޅައިގެން އުޅޭ މީހެއްނޫނެވެ. މުޅި ގައުމު އަބަދު ކުރާ ޝަކުވާއަކީ ދިވެހީންނަށް ވުރެން ބިދޭސީންގެ އަތް މިތާ ގަދަވެއްޖެ ކަމަށެވެ.

ކޮވިޑު-19އިގެ އާލަމީވަބާގައި ދިވެހީން ހަނާވެ ހުނިވަމުން ދާއިރުވެސް މިއިވޭ އަޑަކީ މިބައްޔަށް ފައްސިވާ އަދި ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ ބިދޭސީން އެއްބާރުލުން ނުދޭވާހަކައެވެ. އެކި ރަށްރަށުން ވަކިތަރުތީބެއް ނެތި ނެގޭ ސުންކުތަކުން ގިނަ އަދަދެއްގެ ބިދޭސީން ބައްޔަށް ފައްސިވަމުން އަންނައިރު ކަނޑައެޅިގެން އެމީހުން ފައްސިކަން އެނގިތިބެ ގޭގައި މަޑުނުކުރާ ބިދޭސީން އެބައުޅެއެވެ. ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތު ހޯދަން ގުޅުމުން، ދޮގު މައުލޫމާތު ދިނުމާއި، އޮޅުވައިލުމަކީ މިމީހުން ކުރާކަމެއްކަން އެންމެނަށްވެސް އެނގެއެވެ. ބަލިން ރައްކާތެރިވެ، ފެތުރުން ކުޑަކުރުމަށްޓަކައި، މާސްކު އެޅުމާއި، އަތްދޮވުން އަދި ސެނިޓައިޒުކުރުމަކީ ކުރަން އަންގާ ކަމެކެވެ. ނަމަވެސް ބައްޔަށް ފައްސިވެފައި ހުންނަ މީހާއަށް، ފިހާރައިން ސާމާނު ގެނެސްދީ ހަދާއިރު، ޑެލިވަރީގައި އުޅޭ ބިދޭސީމީހާގެ އަމަލުތައް ހުންނަގޮތް ފެނުމުން ގައިން ހީބިހި ނަގާވަރުވެއެވެ. ފައްސިވެފައިވާ މީހާއަތަށް ފިހާރައިން ގެނސްދޭ ތަކެއްޗާއި، ފައިސާގެ މުއާމަލާތް ނިންމާލާފައި ދެއަތް ގައިގައި ފޮޅާލާފައި ދަނީއެވެ.އެހާވެސް އެމީހުން ފަރުވާ ކުޑައެވެ. މިމީހުންގެ މަކަރާއި ހީލަތަކީ މިހާރު ހުރިހާ ދިވެހީންނަށްވެސް އެނގޭ ކަމެކެވެ. ކަންކަން އޮޅުވައިލުމާއި، ދައުލަތުގެ މުއައްސަސާ ތަކަށް އެއްބާރުލުން ނުދިނުމަކީ މިހާރު ޖެހިލުމެއްނެތި ބިދޭސީންނަށް ކުރަން ކެރޭކަމަކަށް ވެއްޖެއެވެ. ކަންމިހެން އޮތުމުން މިކަމަށް ހައްލެއް ހޯދަންނުވޭތޯއެވެ. ފައްސިވާ މީހުންގެ ބަބުލް ކުޑަކޮށް، ބަލިން އަރައިގަތުމަށް ފިޔަވަޅުތައް އިތުރުކުރަމުން ދާއިރު، ގޭގައި ބަންދުވެގެން ހުންނަން މިޖެހެނީ ދިވެހި ރައްޔިތު މީހާ އެކަނިތޯއެވެ؟. މިތާ ހިތުހުރި ގޮތަކަށް އުޅޭ ބިދޭސީ މީހާއަށް، ކޮށްލާ ޖޫރިމައިނާއަކުން ކުރާ އެއްވެސް އަސަރެއް ނެތެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ކަހަރުވަކެކޭވެސް އެއިން މީހެއްގެ ހިތަށް އަރާ ހެނެއް ހިއެއްނުވެއެވެ.

މިކަން ނުދަންނަ ހަމަ އެކަކުވެސް މިގައުމުގައި ނުއުޅެއެވެ. އެހެންކަމުން މި ހައްސާސް ދަނޑިވަޅުގައި، މިކަމާއި މެދު އިތުރަށް ވިސްނައި، ފިޔަވަޅުތައް ހަރުދަނާ ކުރަން ނުވޭތޯއެވެ. ވަރުބަލިވީކީ ކުރިމަތީ ސަފުގައި މަސައްކަތް ކުރާމީހުން އެކަންޏެއްނޫނެވެ. ހުރިހާ ދިވެހީންވެސް ވަރުބަލިވެއްޖެއެވެ. ހަތަރު ފާރުގެ ތެރޭގައި ބަންދުވެގެން ތިބުމަކީ އިންސާނާއަށް އަދަބެއް ލިބޭކަމުގެ އިހުސާސްވާ ކަމެކެވެ. އަދި މިކަމުން ނޭގިނަމަވެސް އެހާމެ ގިނަގުނަ ގެއްލުންވާ ކަމެކެވެ. ނަމަވެސް ބަސްއަހައިގެން އަހަރެމެން ބަންދުވެގެން މިތިބީ ގައުމު މިކަމުން އަރައިގަތުމަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. ދިވެހީންނަށް އޮތީ ގޭގައި މަޑުކުރަން އަންގާފައެވެ. ބިދޭސީންނަށް އޮތީ ހުޅުވިފައި ހެއްޔެވެ؟