English Edition
Dhivehi Edition
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އެކިއެކި ސިޔާސީ މަޤާމްތަކުގައި ތިއްބަވާ ހުރިހާ ބޭފުޅުންގެ މާލީ ބަޔާން އަންނަ އަހަރުގެ ކުރީކޮޅު ހާމަކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އަދި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު، އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

ހޫދު މިހެން ވިދާޅުވީ މިނިސްޓަރުންގެ މާލީ ބަޔާން ހާމަނުކުރުމާއި ގުޅިގެން ޓްވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވައި ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ހޫދު ވިދާޅުވެފައި ވަނީ ސިޔާސީ މަޤާމްތަކުގައި ތިއްބަވާ ބޭފުޅުންގެ ފާއިތުވި އަހަރުގެ މާލީ ބަޔާން މި ފެށޭ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން އާންމުކުރައްވާނެ ކަމަށެވެ.

ހޫދު މިހެން ވިދާޅުވިއިރު، މި އަހަރުގެ ކުރީކޮޅުވެސް ރައީސް އާއި ނައިބު ރައީސްގެ އިތުރުން ކެބިނެޓްގެ މިނިސްޓަރުން ވަނީ އެ ބޭފުޅުންގެ މާލީ ބަޔާން އާންމުކުރައްވައިފަ އެވެ. އެއީ މުޅި ރައްޖޭގެ ތާރީޚުގައިވެސް ރައީސް އާއި ނައިބު ރައީސް އަދި ކެބިނެޓުން ބާލީ ބަޔާން އާންމުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ރައީސް އޮފީހުން ވަނީ ސިޔާސީ މަޤާމްތަކަށް ޢައްޔަންކުރާ ފަރާތްތަކުގެ މާލީ ބަޔާނާއި ކުށުގެ ރެކޯޑް ސާފުކުރުމަށް ޚާއްސަ ފޯމެއްވެސް އެކުލަވާލައިފަ އެވެ.

ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާވެސް އަހަރަކު އެއް ފަހަރު މާލީ ބަޔާން ހުށަހެޅުއްވުމަށް ޤާނޫނު އަސާސީ އިން ލާޒިމުކޮށްފައިވީ ނަމަވެސް، އެހެނިހެން ސިޔާސީ މަޤާމްތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން ހުށަހެޅުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމެއް ނޫނެވެ.