ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ އުސޫލާ އެއްގޮތަށް، ކުރިއަށް އޮތް ތަނުގައިވެސް އެ ބައްދަލުވުންތައް ބާއްވަވާނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ދެއްވައިފިއެވެ.
ހީނާ ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ސީދާ މަޢުލޫމާތު މީޑިއާތަކަށް ފޯރުކޮށްދިނުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ބާއްވާ ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށެވެ. މިއަދުގެ ބައްދަލުވުން ތާވަލުކުރެވިފައި ނުވި ނަމަވެސް، ރަސްމީ ދަތުރުފުޅެއް ނުވަތަ ބަންދު ދުވަހެއް ފަދަ ޒަރޫރީ ސަބަބެއް ދިމާނުވާނަމަ، މި އުސޫލު ދެމިއޮންނާނެ ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
މާރިޗު މަހުން ފެށިގެން ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް މުޢިއްޒު އިޢުލާނު ކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މި ބައްދަލުވުންތަކަކީ ސަރުކާރުގެ ހާމަކަން ބޮޑުކުރުމަށާއި، ނޫސްވެރިންގެ ސުވާލުތަކަށް ސީދާ ރައީސް ޖަވާބުދެއްވުމަށް ހުޅުވާލެވިފައިވާ މުހިންމު ފުރުސަތެކެވެ.
Romanised Dhivehi: