ތިން ޢިލްމުވެރިއަކު ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް ނިންމައި، އެ ފަރާތްތަކުގެ ނަންތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އާންމުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ތީނީ ތަޤްރީރުކުރުމާއި ވަޢުޡު ބުނުމަށް ތިން މީހަކަށް ރާއްޖޭގައި ދީނީ ތަޤުރީރުކުރުމާއި ވަޢުޡު ބުނުމަށް އެ މިނިސްޓްރީ އިން ދީފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީ އިން ސަސްޕެންޑްކޮށްފައިވާ ޢިލްމުވެރިންނަކީ ޢަބްދުއްރަޙީމް މުޙައްމަދު (މަނަދޫގެ / ނ. ޅޮހި) އާއި ޖަޢުފަރު ފާއިޒު (ދެކުނުގެ / ސ. މީދޫ) އަދި މުޙައްމަދު ޙަސަން (ރެޑްސީ / ގދ. ތިނަދޫ) އެވެ.
އެ މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ޢަބްދުއްރަޙީމް މުޙައްމަދާއި ޖަޢުފަރު ފާއިޒަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައިވަނީ ޢާންމުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެއްދުމާއި އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކަށް މަގުފަހިވާ ގޮތަށް ދީނުގެ ނަމުގައި ވާހަކަދެއްކުމާއި އަދި ރާއްޖެއިން ބޭރުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރު ލިބޭނެހެން ވާހަކަދައްކަމުން އަންނާނީ ކަމަށެވެ.
އަދި މުޙައްމަދު ޙަސަނަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައި ވަނީ އިސްލާމް ދީނުގެ ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލަތަކާއި ބެހޭގޮތުން މުޖުތަމަޢުގައި ބައިބައިވުމާއި ފިތުނަފަސާދައަށް މަގުފަހިވާނޭހެން ވާހަކަދެއްކުމާއި ދީނީ ޢިލްމުވެރިންނާމެދު ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމާއި ދަންނަބޭކަލުންގެ އިޖުމާޢުން އެނގެން ނެތް ކަންކަމުގައި ތިމާ އަމިއްލައަށް ދެކޭގޮތަކީ އިސްލާމް ދީނުގައި ހަމައެކަނި އޮތް ގޮތް ކަމުގައި ހަދައި، އެގޮތަށް ބާރުއަޅައި ވާހަކައްދެއްކުމާއި، އަދި މިމޭރުމުން ސޯޝަލް މީޑިއާގައި މަޢުލޫމާތު ފަތުރަމުންދާކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފާތީ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.
އެ ތިން ޢިލްމުވެރިން ސަސްޕެންޑްކޮށްފައިވާއިރު، 200 ކައުންސިލަރުންނާއެކު ސަރުކާރުން ބޭއްވި “ވިއަވަތި ރާއްޖެ” މަޝްވަރާ ބައްދަލުވުމުގައި ފުލުހުން ވިދާޅުވި ގޮތުގައި މީހުން މެރުމަށް ޖެހިލުންނުވާ މިންވަރަށް ހަރުކަށި ފިކުރަށް ތަބާވާ 1400 މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ.