އިހަކަށް ދުވަހު އަޅުގަނޑު މަރަދޫގައި އޮތް ޕާޓީއެއް ނިންމާލާފައި އެނބުރި ގެއަށް އައުމަށް ޓެކްސީއެއް ހޯދަން އެތާ ތިބި މީހުން ކައިރީ އެދެފީމެވެ. ފޯނުން އެކިދިމަދިމާލަށް ގުޅުމުންވެސް ޓެކްސީއެއް އަތުޖެހޭ ވަރެއް ނުވިއެވެ. ބުނާތި އިވުނެވެ. އެރަށުގައި މުޅީންވެސް ދުއްވަނީ ޕްރައިވެޓް ކާރެވެ. ދެން ހަދާނެ ގޮތެއް ނޭނގިހުރެ ފޯނު ހާވަމުން ދަނިކޮށް ފަހިކެބް އެޕްލިކޭޝަން ލޮލުގައި އަޅައިގަތެވެ. ބަލާކަށް ނުހުރެ ހުޅުވާލައިފީމެވެ. އޭގައިވާ ޗާޓުގެ އެހީގައި ދާން ބޭނުންވާ މަންޒިލް ފާހަގަ ކުރުމާއެކު އެންމެ ކައިރިން ލިބެންއޮތް ޓެކްސީ ހަނާ އަޅާތަން ފެނިއްޖެއެވެ. އެހާހިސާބުން އެކާރުގެ ޑްރައިވަރާއި އަޅުގަނޑާއި ފުރިހަމައަށް މުޢާމަލާތު ކުރެވެމުން ދިޔައެވެ. ކާރަށް އަރާ އިށީނދެވުމުން މިއީވާ ފަސޭހަ ޚިދުމަތެކޭ ހިތަށް އެރިއެވެ.
ދުނިޔޭގެ ކުރިއެރުމާއެކު ފަހުގެ ޓެކްނޮލޮޖީ މިއޮތީ ނޭފަތު ކުރިއާއި އަރާ ހަމަކޮށްފައެވެ. މޯބައިލް ފޯނާއި ލޭންޑްލައިން ތަޢާރަފް ވުމާއެކު އައި ބޮޑު އިންގިލާބަށްފަހު ގެންގުޅޭ ފޯނުން ކޮންމެ ކަމެއް ކޮށްލެވޭ ގޮތް ހެދުމަކީ މިއަދުގެ އާދައެކެވެ. އެކަމަށްޓަކައި ކޮންމެ ޚިދުމަތަކަށް މުނާސަބު އެޕްލިކޭޝަނެއް ހަދާ ،އިންތާ އިނދެގެން އޭގެން ބޮޑެތި ކަންކަން ފަސޭހަކަމާއެކު ނިންމާލެވެއެވެ.
އައްޑޫއަށް ފަހިކެބް އެޕްލިކޭޝަންގެ ޚިދުމަތް ތަޢާރަފް ކުރިތާ އަދި މާގިނަ ދުވަހެއް ނުވާނެއެވެ. އެހެންނަމަވެސް މިޚިދުމަތް ވައިގައި ހިފައިފި ކަން އެނގެނީ ފަހި ކެބްގެ ޑްރައިވަރުން އިތުރު ވަމުންދާ ޢަދަދާއި ލިބޭ ދަތުރު ތަކުގެ ނިސްބަތުންނެވެ. މާލެއާއި ހުޅުމާލެއަށް ޓެކްސީގެ ޚިދުމަތް ދެމުން އައި ކެބް އެމްވީ އިން “ފަހިކެބް” ގެ ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށް އެޚިދުމަތް ވަނީ ރާއްޖޭގެ އެކި ކަން ކޮޅުތަކަށް ފޯރުކޮށްދޭން ފަށާފައެވެ. ” އަޅުގަނޑުމެން މިބަލަނީ 10 ޑްރައިވަރުންގެ ގްރޫޕަކުން އެދެފިނަމަ މިޚިދުމަތް އެބަޔަކަށް ފޯރުކޮށްދޭން . އެގޮތުން އަޖުމަ ބެލުމަށް ޓަކައި ކުޅުދުއްފުއްޓާއި ފުއައްމުލަކާއި އައްޑުއަށް މި ތަޢާރަފްކުރީ. ކެބްއެމްވީގެ ފައުންޑަރ އަޙްމަދު ހަބީބު ވިދާޅުވިއެވެ. ޙަބީބު އިތުރަށް ވިދާޅުވީ އައްޑޫގައި މިޚިދުމަތަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށާއި އެންމެ ގިނައިން ދަތުރު ލިބެނީ ގަމަށް ކުރާ ދަތުރުތަކާއި ގަމުން އެހެން ރަށްރަށަށް ކުރާ ދަތުރުތަކަށް ކަމަށެވެ. އައްޑޫސިޓީ ގަމަކީ ބައިނަލް އަޤްވާމީ ވައިގެ ބަނދަރަކަށް ވުމުން އެއަރޕޯޓަށް އައިސް ގޮސް ހަދާ ޕަސެންޖަރުންނަށް ފަހިކެބްގެ ބޭނުން ވަރަށް ބޮޑަށް ޖެހޭނެކަމުގައި ގަބޫލު ކުރެވެއެވެ.
“އައްޑޫގެ ވަރަށް ގިނަ ގޭގޭގައި ޕްރައިވެޓް ކާރު ހުރޭ މިހާރު. އެހެންވީމަ ގިނަ މީހުން އަމިއްލަ ކާރުގަ ދަތުރު ކުރާނީ. އެކަމަކު ސިޓީއަށް އަންނަ މެހެމާނުންނާއި އެނޫންވެސް ޢާއްމު އެތައް ބަޔަކަށް ޓެކްސީ ނުލިބިގެން އެއަރޕޯޓުގައި މަޑުކޮށްގެން ތިބޭ ތިބުމަށް މިއެޕްލިކޭޝަންގެ ސަބަބުން ނިމުން އަންނާނެ. އެއީ އެމީހުން ފްލައިޓަށް އަރަމުން ބުކިން ހަދާލާމިހާރު.” ފަހިކެބްގެ ޓެކްސީ ޑްރައިވަރަކު އޭއޯ ނިއުސް އާއި ވާހަކަ ދައްކަމުން ވިދާޅުވިއެވެ. ފަހިކެބްގެ އެންމެ “ސަޅި” ތަންކޮޅަކީ ވެސް މިއީ އެވެ. ޝެޑިއުލްކޮށް ބުކިން ހަދާލެވޭތީ ކިތައްމެ ބާރު ބޮޑު ވިއަސް ބަރާބަރު ގަޑިއަށް ކާރު އޮންނާނީ ދޮރުމަތީގައިކަން ޔަޤީން ކުރެވެއެވެ.
މި އެޕްލިކޭޝަނުން ޚިދުމަތް ހޯދާއިރު ކަސްޓަމަރުންނަށް މިފަދަ ގިނަ ފަސޭހަތަކެއް ލިބިގެން ދެއެވެ. އޭގެ ތެރޭގައި ޑިލޭ އެއް ނެތި ދަތުރުގެ ހުރިހާ ރެކޯޑެއް ވަގުތުން ފެންނަން ހުރުމާއި ކުރެވުނު ހުރިހާ ދަތުރެއްގެ ތަފްސީލު ބަލާލެވޭ ގޮތަށް ހުރުމާއި ދަތުރު ބުކް ކުރުމާއި ކެންސަލް ކުރުން ހިމެނެއެވެ. އަދި މަންޒިލަށް ވާސިލްވާނެ ވަގުތާއި ދަތުރުގެ ދިގުމިނާއި ދަތުރު ކުރާ ރޫޓު އެނގެން ހުރުމުގެ އިތުރަށް ޑްރައިވަރުގެ މަޢުލޫމާތާއި ޓެކްސީ ނަމްބަރު އެންގެން އޮވެއެވެ. މިޚިދުމަތް ހޯދާ ފަރާތްތަކުން މިވަގުތު ފައިސާ ދައްކާގޮތަށް ހަމަޖެހިފައިވަނީ ކޭޝް އިން އެކަނި ކަމުގައި ވިއަސް ކައިރި ކުރިމަގެއްގައި ކޭޝްކާޑު އަދި މޯބައިލް ވޮލެޓްގެ އެހީގައި ފައިސާ ދެއްކުމުގެ ކަންތަކަށް ލުއި ގޮތްތަކެއް ފަހި ކުރުމަށްޓަކައި ދަނީ މަސައްކަތް ކުރެވެމުންނެވެ. ފަހިކެބްގެ ޚިދުމަތާއި މެދު ޚިޔާލު ފާޅު ކުރުމަށްޓަކައި ހުޅުވާލެވިފައިވާ ޑްރައިވަރ ރޭޓިން އެންޑް ފީޑްބެކް ސިސްޓަމަކީ ހަމަ ގައިމުވެސް ކަސްޓަމަރުންނަށް މުހިއްމު އެއްޗަކަށް ވާނެއެވެ. ޓެކްސީގައި ދިމާވާ ހިތްހަމަ ނުޖެހޭ ހުރިހާކަމެއް އަންގައިދިނުމަކީ ޚިދުމަތް އިތުރަށް ތަރައްޤީކުރުމުގައި ފަހިކެބަށް ކޮންމެހެންވެސް ބޭނުންވާނެ މަޢުލޫމާތު ތަކެކެވެ.
އަލަށް ތަޢާރަފްވާ ކޮންމެ ކަމެއް އާކޮޅުގައި ތަޖްރިބާ ކޮށްލުމަކީ އެންމެންވެސް ކުރާ ހިތްވާ ކަމަކަށް ވެއެވެ. ފަހިކެބްގެ ޚިދުމަތް ހޯދާ ކަސްޓަމަރުންވެސް އެޕްލިކޭޝަން އަޅައިގެން ފުރަތަމަ ދަތުރު ނަގަނީ އަޖުމަ ބަލާލުމަށެވެ. އެހެނަސް އޭގެ ފަހުން ކުރާ ހުރިހާ ދަތުރެއް ފަހި ކެބާއި އެކު ކުރާ ހިތްޖެހެނީ ލިބޭ ހިތްހަމަ ޖެހުން ހަމަ ރަނގަޅުވީމައެވެ.
Android customer app : https://t.co/ige79PYmAR pic.twitter.com/fH7EpwCDG0
— CabMv (@Cabmaldives) December 11, 2019