English Edition
Dhivehi Edition

ސައުދީ އަރަބިއްޔާ އަކީ ހަރުކަށި ފިކުރު އާލާކުރާ ގައުމެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކްރޮސް ރޯޑުގައި ކުރިޔަށް ގެންދިޔަ “ވިއަވަތި” މަސާހިންތާގައި މިހާރު ރާއްޖެ އަށް ކުރިމަތިވެފައި އޮތް ޓެރަރިޒަމްގެ ހާލަތާއި ބެހޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ސައުދީ އަރަބިއްޔާގެ އިތުރުން އެހެން ޤައުމުތަކުންވެސް ހަރުކަށި ފިކުރު އާލާކުރާ ކަމަށެވެ. އަދި އެ އެ ޤައުމުތަކުން ދިވެހި ދަރިވަރުން ތައުލީމު އުނގެނިގެން އެނބުރި ގައުމަށް އަންނަނީ ރާއްޖެއަށް ބޭނުންވާ ތައުލީމު އުނގެނިގެންތޯ ބަލަންޖެހޭ ކަމަށެވެ.

ނަޝީދު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ޝެއިހް ޝަހީމް އަރަބި ބަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައުދީ އަރަބިއްޔާ އިން ހަރުކަށި ފިކުރެއް ނުފަތުރާކަމަށާއި އެހެން ނަމަވެސް ހަރުކަށި ފިކުރު ނައްތާލަން މަސައްކަތް ކުރާކަމަށެވެ.

ސައުދީ އަރަބިއްޔާ އަށް ކުދިން ކިޔަވަން ނުފޮނުވަން ނަޝީދު އިންޒާރު ދެއްވާފައި ވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ޝެއިހް ޝަހީމް ވިދާޅުވީ ސައުދީ އަރަބިއްޔާގެ ޔުނިވަސިޓީތަކުން ތައުލީމް ފޯރުކޮށްދޭ ގޮތް އޭނާ އަށް އަމިއްލަފުޅަށް ވެސް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އަދި ނަޝީދު ކުރެއްވީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކަމަށް ޝެއިހް ޝަހީމްވަނީ ވިދާޅުވެފައެވެ. “ސައުދީ އަރަބިއްޔާގެ ޔުނިވަސިޓީތަކުން ދަސްވެނިވެފައިވާ ބޭފުޅުން ރާއްޖޭގައި ވެސް އިސް މަގާމުތަކެއް ފުރުއްވާފައިވޭ. އަދި އެބޭފުޅުންނަކީ ދިވެހިންގެ އިހްތިރާމް ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ” ޝެއިހް ވިދާޅުވިއެވެ.