ޗައިނާއަކީ އެހެނިހެން ގައުމުތައް ކުރިއަރާ ދިއުމަށް އެހީވެދޭ ގައުމެއް ކަމަށާ، އެއްވެސް ހާލެއްގައި ‘ދަންތުރަ’ ތަކެއް ޖަހާ ގައުމެއް ނޫންކަމަށް ޗައިނާއިން ރާއްޖެކަނޑައަޅާފައިވާ ސަފީރު ޒިއާންގް ލިޒޯންގްވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ ބައެއް މީޑިއާއަށް ދެއްވަމުން ގެންދަވާ ބަސްދީގަތުންތަކާ ގުޅިގެން އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ކުރެއްވެވި ޓްވީޓްތަކެއްގައި ޗައިނާ ސަފީރު ވިދާޅުވީ ޗައިނާގެ ދަރަނީގެ ‘ދަންތުރާގައި’ ދިވެހިރާއްޖެ ޖެހިފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ވާހަކަތަކެއް ކަމަށެވެ. އަދި ޗައިނާއަކީ ކުރިއަރާ ދިއުމަށް އެހީވެދޭ ގައުމެއް ކަމަށާ، އެއްވެސް ހާލެއްގައި ‘ދަންތުރަ’ ތަކެއް ޖަހާ ގައުމެއް ނޫންކަމަށެވެ. ހަމައެއާއެކު ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ ގިނަ މީހުން އެއްބާރުލުން ދޭ ގައުމުކަންވެސް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ސޯލިހުއާއި ނަޝީދު އަދި ޝާހިދުގެ ރަސްމީ ޓްވިޓާ ހޭންޑްލް ޓެގް ކުރައްވަމުން ސަފީރު ޒިއާންގެ ވިދާޅުވީ، ދިވެހި ސިޔާސީ ބޭފުޅަކު އަނެއްކާވެސް ޗައިނާއާ ބެހޭ ގޮތުން އެއްވެސް އަސާސެއް ނެތް، ހައްސާސީ ވާހަކަތަކެއް ދައްކަވާފައިވާކަމަށެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ ފްރީޓްރޭޑް އެއްބަސްވުން ކުރިއަށް ނުގެންދަވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާތީ އެކަމަށްވެސް ސަފީރުގެ ޓްވީޓްތަކުގައި ރައްދު ދެއްވާފައިވެއެވެ. ސަފީރު ވިދާޅުވީ އެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު އަދި ވިސްނަންޖެހޭ އެތައް ކަމަކަށް ވިސްނުމަށްފަހު ކަމަށެވެ. އެއީ ދެ ގައުމުގެ ފައިދާއަށް އޮތް އެއްބަސްވުމެއްކަން ފާހަގަ ކުރައްވާ ސަފީރު ވަނީ އިތުރު ނިންމުންތަކެއް ސަރުކާރުން ނިންމާނަމަ އެ ނިންމާ ނިންމުމަކީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ނިންމާ ރަނގަޅު ނިންމުމަކަށްވާން ޖެހޭނެ ކަމަށެވެ.
ސަފީރު ވިދާޅުވީ، ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންނަކީ ދޭދޭ ގައުމުތަކުގެ ގުޅުންތަކާ ގުޅުންހުރި ކަންކަމުގައި މިހާރަށްވުރެ ޒިންމާދަރު ފިކުރެއް ގެންގުޅުއްވާ ބޭފުޅުންނަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާ، އަދި އެ ބޭފުޅުންގެ ފިކުރަކީ ވަކި ގައުމަކަށް ނުބަލާ، ސީދާ ކަމަށް ބަލާ ފިކުރަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެ-ޗައިނާ ގުޅުމާ ގުޅޭގޮތުން “ލޮކް ސަބާ ޓީވީ” ގައި ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ސަރުކާރުން ޗައިނާ މެދުވެރިކޮށް ގައުމަށް ގެނައި އިންވެސްޓްމަންޓްތަކުގެ ސަބަބުން ރާއްޖެ ދަރަނީގެ އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.