English Edition
Dhivehi Edition

އިރުޝާދިއްޔާ ސްކޫލްގެ “ސްކޫލް މީޑިއާ” ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. “އޭއޯ ނިއުސް” ގެ ފަރާތުން އައްޑޫގެ ހުރިހާ ސްކޫލެއްގައި ގާއިމު ކުރާ ސްކޫލް މީޑިއާ ޕްރޮގްރާމުގެ ދަށުން އިރުޝާދިއްޔާ ސްކޫލުގެ ސްކޫލް މީޑިއާގެ ފަށާފައިވަނީ އިއްޔެގައެވެ.

ސްކޫލް މީޑިއާ ޕްރޮގްރާމަކީ ސްކޫލުތަކުގައި ހިނގާ ހަރަކާތްތައް އެސްކޫލެއްގެ ދަރިވަރުން އަމިއްލަ އަށް ކަވަރޭޖް ހަދައި މީޑިއާއަށް ފޮނުވުމުގެ މަސައްކަތް ކުރާނެ ގޮތް ދަސްކޮށްދީ ނޫސްވެރިކަމުގެ ދާއިރާއަށް ސްކޫލުތަކުގެ ދަރިވަރުން އަހުލުވެރިކުރުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެކެވެ. އޭއޯ ނިއުސް ގެ ފަރާތުން ހިންގާ މި ޕްރޮގްރާމުގައި ސްކޫލް މީޑިއާގެ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން އޭއޯނިއުސް އިން ދޭނެއެވެ.

އިރުޝާދިއްޔާ ސްކޫލްގެ ސްކޫލް މީޑިއާގެ އެޑިޓަރަކީ މަރިޔަމް އީޝާއެވެ. އީޝާ އަކީ އޭއޯއިން ހިންގި ބޭސިކް ޖާނަލިޒަމް ކޯސް ފުރިހަމަކޮށްފައިވާ ދަރިވަރެކެވެ. އެސިސްޓެންޑް އެޑިޓަރުންނަކީ މަރިޔަމް ސަރާ ސާދިރު އަދި ޚަދީޖާ އަނާ އެވެ. މިދަރިވަރުންގެ އިތުރުން ފޮޓޯ ޖާނަލިސްޓުންގެ ގޮތުގައިވެސް އިތުރު ދަރިވަރުންވަނީ މި ޓީމުގައި ބައިވެރިވެފައެވެ.

އޭއޯގެ ފަރާތުން ކުރިއަށްގެންދާ ސްކޫލް މީޑިއާ ޕްރޮގްރާމެއްގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ ސްކޫލެއް ހޮވައި އެސްކޫލަކަށް “ސްކޫލް މީޑިއާ އެވޯޑް” ގެ ނަމުގައި އެވޯޑެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އޭއޯ ނިއުސް އިން ކުރިއަށް ގެންދާ ސްކޫލް މީޑިއާ ޕްރޮގްރާމުގައި މިހާތަނަށް އައްޑޫގެ 5 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އެއީ ސ.އަތޮޅު މަދުރަސާ، ޝަމްސުއްދީން ސްކޫލް، ހުޅުދޫ ސްކޫލް އަދި ފޭދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލެވެ.