ބިންވެރިޔާ ސްކީމުން ގޯތި ހައްގު ނޫން ބަޔަކަށް ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ގޮތަށް 20 މީހުންގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
މި 20 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ 20 މީހަކު ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވަނީ ފުލުހުން ތަހުގީގުކުރަމުންގެންދާ ބިންވެރިޔާ ހައުސިން ސްކީމާ ގުޅުންހުރި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒީލް ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ އާންމުވެފައެވެ. އޭނާއަށް ލިބުނު ގޯތީގެ ވަށާ ފާރު ވެސް މިހާރު ހުރީ ރާނައިފައެވެ. އެކަމަކު، މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރުނު “ބިންވެރިޔާ” ސްކީމްގެ ލިސްޓުގައި ފަޒީލް ހިމެނުނީ ޝަރުތު ހަމަނުވާ މީހެއްގެ ގޮތުގައެވެ. އޭގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ސަރުކާރުން ހިންގައިފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އޭނާއަށް ކުރިން ގޯއްޗެއް ލިބިފައި އޮތުމެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުން ވަނީ ފަޒުލް އާއި ފަޒީލްގެ އިތުރުން އެޗްޑީސީ އާއި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ އިސްވެރިންތަކެއް ސަސްޕެންޑްކޮށްފައެވެ.
މި މައްސަލާގައި ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ބިންވެރިޔާ ސްކީމުން ކަމަށް ބުނެ ނުހައްގުން ގޯތި ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުރިއަށްގެންދާ ތަހުގީގުގައި، ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލީ ބަޔެއްގެ އަތުގައި ވެސް ގޯތި ލިބުނު ކަމުގެ ލިޔުން އޮތްކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ފަޒުލް ރަޝީދަށް އަދި އެއްވެސް ތުހުމަތެއް މިހާތަނަށް ނުކުރެވޭ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލަ ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި އޭސީސީ ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.