English Edition
Dhivehi Edition

ހީނަރުވަމުން އަންނަ މަސްވެރިކަމުގެ ޞިނާޢަތް ފުޅާކޮށް، ރާއްޖޭގެ އިޤްތިޞާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ، ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި، ވިޔަފާރިތައް އަތާ އަތް ގުޅާލައި، އެއް މިސްރާބަކަށް އަމާޒު ހިފައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ހަވީރު ހުޅުމާލޭގައި އަލަށް ޢިމާރާތްކުރި އެންސިސްގެ 100-ޓަނުގެ އައިސް ޕްލާންޓާއި އެންސިސް މަސް ކާރުޚާނާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންސިސްގެ މި ކާރުޚާނާއަކީ މާލެ ސަރަޙައްދުގައި ހުޅުވޭ މިފަދަ ފުރަތަމަ ކާރުޚާނާކަމަށާއި، މި ކާރުޚާނާއާއި އައިސް ޕްލާންޓަކީ، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި ރައްޔިތުންގެ ބައިވެރިވުމާއި، ރައްޔިތުންގެ އިސްނެގުން ދައްކުވައިދޭ ވަރަށް ރީތި މިސާލެއްކަމަށެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އަމިއްލަ ކުންފުނިތައް މިފަދަ ބޮޑެތި ޞިނާޢަތްތަކަށް ވަނުމަކީ، ޤައުމީ ފެންވަރުގައިވެސް އަދި ފަރުދުންގެ ފެންވަރުގައި ވެސް ވަރަށް ބޮޑެތި އިޤްތިޞާދީ ފައިދާތައް ލިބޭނެ ކަމެއްކަމަށާއި މިފަދަ ކޮންމެ މަސައްކަތެއްގެ ސަބަބުން، ވަޒީފާގެ އެތައް ފުރުޞަތުތަކެއް ތަނަވަސް ވެގެންދާނެއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

“ދިވެހި ކަނޑުމަހަށް ރަނގަޅު އަގު ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިގެން ނޫނީ، މަސްވެރިކަމުން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ލިބެންޖެހޭ ޙަޤީޤީ ފައިދާއެއް ނުލިބޭނެ. ތިޔަ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ދިވެހި ކަނޑު މަހަށް ރަނގަޅު އަގު ލިބިގެން މިދަނީ، ދަޅުގައި ބަންދުކޮށްގެން ނުވަތަ ވެލިއު އެޑްކޮށް ޕްރޮސެސްކޮށް އެކްސްޕޯރޓް ކޮށްގެން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހި މަސްވެރިންނަށް ފަހި ގޮތްތައް ހޯދައިދީ، މަސްވެރިންނަށް ދަތިވާ ކަންކަން ޙައްލުކޮށްދިނުމަށް، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންގެންދަވާނެކަމުގައެވެ. އަދި، ދިވެހިން ބާނާ މަހަށް، ވިލާތުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދުމަށާއި، ދިވެހި މަސްވެރިކަން މިހާރަށް ވުރެ ބޮޑަށް އިޝްތިހާރުކޮށް ރަނގަޅު ބާޒާރުތައް ހޯދުމަށް، ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.