English Edition
Dhivehi Edition
ސައުތު އެފްރިކަން އެއާލައިންސް، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި - ފޮޓޯ: ފޭސްބުކް (އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް)

ސައުތު އެފްރިކަން އެއާވޭސް (އެސްއޭއޭ) އިން އައްޑޫ ސިޓީ އަށް އަނެއްކާވެސް ޗާޓަރު ފްލައިޓްތަކެއް ފަށައިފި އެވެ.

މިއީ ދެކުނު އެފްރިކާގެ އެ އާލައިނުން އައްޑޫ ސިޓީ ގަމަށް ދަތުރުތައް ކުރާ ތިންވަނަ ފަހަރެވެ. އެގޮތުން އެސްއޭއޭގެ ތިންވަނަ ބުރުގެ ފުރަތަމަ ފްލައިޓް ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.

ސައުތު އެފްރިކަން އެއާވޭސް އިން ދެކުނު އެފްރިކާގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ޖޮހަނެސްބާގުން އައްޑޫ ސިޓީ ގަމަށް ސީދާ ފްލައިޓްތައް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ އެއާލައިނަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދިގު ދަތުރުކުރާ ފުރަތަމަ ބައިނަލްއަޤްވާމީ އެއާލައިނެވެ.

ސައުތު އެފްރިކަން އެއާވޭސް އިން ހަފްތާއަކު އެއް ފަހަރު ގަމަށް ދަތުރުތައް ބާއްވާނެ އެވެ. އަދި މި ދަތުރުތައް އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ދެކުނު އެފްރިކާގެ ޤައުމީ އެއާލައިނުން އެފްރިކާ އާއި މެދުއިރުމަތީ ޤައުމްތަކުގެ އިތުރުން އޭޝިއާ އާއި ޔޫރަޕް އަދި އޮސްޓްރޭލިއާ އާއި އުތުރު އަދި ދެކުނު އެމެރިކާ ބައްރުގެ 35 މަންޒިލަކަށް މިހާރުވެސް ދަތުރު ކުރެއެވެ.

އެ އެއާލައިންގެ އިތުރުން އަވަށްޓެރި ސްރީ ލަންކާގެ ޤައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސް އިންވެސް ދަނީ ގަމަށް ޝެޑިއުލް ދަތުރުތައް އަޅަމުންނެވެ. އެގޮތުން 2016 ވަނަ އަހަރު ގަމަށް ދަތުރުކުރަން ފެށި ސްރީލަންކަން އިން ހަފްތާއަކު ތިން ފަހަރު ގަމަށް ދަތުރު އަޅައެވެ.

ސްރީލަންކަން އެއާލައިންއިން ހަފްތާއައަކު މަދުވެގެން 3 ޝެޑިއުލް ދަތުރު ކުރަމުންދާއިރު ދުނިޔޭގެ އެހެން މަންޒިލްތަކުންމިފަދަ އިތުރު އެއާލައިނެއްގެ ދަތުރު އައްޑޫއަށް ހަމަޖެހިގެން ދިއުމަކީ އައްޑޫގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.