މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ވެސް ސަލަފު ޖަމިއްޔާ ވެސް އުވާލައިގެން ނުވާނެ ކަމަށާއި ފިޔަވަޅު އަޅަންވީ ކަން ކުރި މީހުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ މަޖްލިސް އިދާރާ އިން ކުރިއަށް ގެންދެވި “އާސްކް ސްޕީކާ” ޕްރޮގްރާމުގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ފިޔަވަޅު އަޅަންވީ އެ ޖަމިއްޔާތަކަކަށް ނޫން ކަމަށެވެ.
“ތި ދެ ތަން ވެސް އުވާލައިގެން ނުވާނެއޭ އަޅުގަނޑުގެ ވާހަކައަކީ. ސަލަފު ވެސް އުވާލައިގެން ނުވާނެއޭ. އެމްޑީއެން ވެސް އުވާލައިގެން ނުވާނެއޭ. ޖަމިއްޔާއެއް ހުރެފައި ކުށްވެރިއެއް ނުވާނެ. އެ ކަމެއް ކުރި މީހެއްގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނީ،” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކްލަބު ޖަމިއްޔާތަކާއި ޕާޓީތައް އުވާލުމުގެ ވިސްނުމަކީ ވަރަށް ވިޔާނުދާ ވިސްނުމެއް ކަމަށާއި އެއީ ނުރައްކާތެރި ވިސްނުމެއް ކަމަށެވެ. އަދި ސަލަފުން ވެސް، އެމްޑީއެންއިން ވެސް ކުށް ކޮށްފިއްޔާ، އެ ކުށް ކުރި މީހަކަށް ހައްގު އަދަބު ދެވެން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީއެންއަކީ އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް އެ ޖަމިއްޔާއިން 2015 ވަނަ އަހަރު ނެރުނު “ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ރިޕޯޓުގެ މައްސަލައިގައި ސަސްޕެންޑްކޮށްފައިވާ ޖަމިއްޔާއެކެވެ.
ސަލަފަކީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ނެރުނު ތަހުގީގު ރިޕޯޓުގައި ތުހުމަތުތަކެއް ކުރެވޭ ޖަމިއްޔާއެކެވެ..މިދެ ޖަމްޢިއްޔާ އުވާލުމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާ ގައި އަޑު އުފުލަމުން ދެއެވެ.