ފޮޓޯޖެހި ސިއްޙަތުގެ އިންޒާރާ ނުލާ ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކޮށް އިއްޔެއިން ފެށިގެން ފިޔަވަޅު އަޅަން ފަށައިފިއެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި ރާއްޖޭގައި އުފައްދާ އެބާވަތުގެ ތަކެއްޗާއި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހުންނަން ޖެހޭނީ ފޮޓޯޖެހި ސިއްޙަތުގެ އިންޒާރު ޖަހާފައެވެ. އާދިއްތަ ދުވަހުން ފެށިގެން މިނޫންގޮތަކަށް ދުންފަތުގެ ބާވަތްތައް ވިއްކާނަމަ ފިޔަވަޅު އަޅާނެކަމަށް ހެލްތް ޕްރޮޓެކްޗަން އޭޖެންސީ އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ޤަވާއިދާ ޚިލާފަށް މިފަދަ މުޢާމަލާތެއް ހިންގައިފިނަމަ އެފަރާތަކުން ޤަވާއިދާ ޚިލާފަށް ވިއްކި ދުންފަތުގެ ބާވަތުގެ އަގާއި އޭގެ ޓެކްސް ފައިސާއާއި އެހެނިހެން ފީތަކުގެ ޖުމްލަ ޢަދަދުގެ 10 ގުނައިން ޖޫރިމަނާކުރާނެއެވެ. އަދި ދެވަނަ ފަހަރަށް މިކުށް ތަކުރާރުކޮށްފިނަމަ ފީތަކުގެ 10 ގުނައިގެ އިތުރުން 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި 3 ވަނަ ފަހަރުނަމަ ފީތަކުގެ ދިހަ ގުނައިގެ އިތުރުން 10000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި 4 ވަނަ ފަހަރުނަމަ ފީތަކުގެ ޖޫރިމަނާގެ ދިހަ ގުނައިގެ އިތުރުން 20000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. ކުށް ތަކުރާރުކުރާ 5 ވަނަ ފަހަރުނަމަ ޤާނޫނުގައި ޖޫރިމަނާ ކުރެވޭނެ އެންމެ މަތީ ޢަދަދަކުން ޖޫރިމަނާކުރެވޭނެކަމަށްވެސް މިޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ލޭބަލްޖެހުމާއިބެހޭ ޤަވާއިދުގެ ދަށުންވަނީ ދުންފަތުގެ ބާވަތްތައް ބަންދުކުރެވޭ އެންމެ މަދު މިންވަރުވެސް ބަޔާންކޮށްފައެވެ. އެގޮތުން ސިނގިރޭޓުނަމަ އެންމެ މަދުވެގެން 20 ސިނގިރޭޓު އަދި ބިޑި ނަމަ މަދުވެގެން ބޮނޑިއެއްގައި 50 ބިޑިކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ދުންފަތާއި ދުންފަތް ހިމެނޭ އެހެންބާވަތެއްނަމަ މަދުވެގެން 30 ގުރާމު ހުންނަންވާނެކަމަށްވެސް ގަވާއިދުގައި ބަޔާންކުރެއެވެ.
ހެލްތު މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މިގަވާއިދު ތަންފީޒުކުރުމުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ފައިދާ ތަކުގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރަންފެށުން ދުރުހެލިކުރުން، ދުންފަތުގެ ނުރައްކަލާއި މެދު ޢާއްމުކޮށް ހުރިހާ އެންމެންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުން، ފޮޓޯއިން ދުންފަތުގެ ނުރައްކަލުގެ މަޢުލޫމާތު ލިބުމުގެ އިތުރަށް ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަށް ހިތްވަރު ލިބުން ހިމެނެއެވެ.