English Edition
Dhivehi Edition

ރާއްޖޭގައި 24 ގަޑިއިރު ހިދުމަތްދޭ ހުރިހާ ސިއްހީ މަރުކަޒުތަކަށް ދެ ޑޮކްޓަރުން ހަމަވެގެން ދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ތަޅުމަށް އަމީން ހާޒިރު ކުރީ ތިމަރަފުށީގައި އަޅަން ނިންމަފައިވާ ހޮސްޕިޓަލާ ބެހޭ ގޮތުން ސުވާލު ކުރުމަށް އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެދިވަޑައިގެންނެވެ. މަޖިލީހުގައި ތަޅުމުގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ބައެއް ސިއްހީ މަރުކަޒުތަކުގައި ޑޮކްޓަރުންގެ ދަތިކަން ހުރިކަން ސަރުކާރަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. މި ގޮތުން އެ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ފެށި މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް އައިއިރު 24 ގަޑިއިރު ހިދުމަތްދޭ ގިނަ ތަންތަނަށް ދެ ޑޮކްޓަރުން ހަމަޖެއްސިފައިވާ ކަން އަމީން ވަނީ ފާހަގަކުރައްވާފައެވެ.

“މެމްބަރުންވެސް އިސްކަމެއް ދޭންވީ ރަށްރަށުގައި ސިއްހީ ހިދުމަތްދޭ ބޮޑެތި އިމާރާތްތައް އެޅުމުގެ ބަދަލުގައި ތަނުން ދެވޭ ހިދުމަތް ގިނަކޮށް ފެންވަރު ރަނގަޅު ކުރުމަށް” އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ވިހަން އަތޮޅު ހޮސްޕިޓަލަށް ދާންޖެހުމަށް ހައްލެއް ހޯދުމަށް އައުޓްރީޗް ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާބަނޑު މީހުންނަށް ސްކޭން ކުރުމުގެ ހިދުމަތްވެސް ރަށުގައި ތިބެގެން ކުރެވޭ ގޮތަށް ހަމަޖެއްސުމަށް އެ ޕްރޮގްރާމުގެ ތެރެއިން މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.