ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމާއި ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢައިނާނު ޢަލީ މުޙައްމަދު އާއި ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަދުނާނު ޙުސައިން، ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ވަކިވަކިން ހުށަހެޅި މައްސަލަތައް ދިރާސާކުރަން ކަމޭގުޅޭ ކޮމިޓީ އަށް ފޮނުވައިފި އެވެ.
މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ތިން ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ޖޭއެސްސީ އިން ފޮނުވި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވާފައިވާކަން މިއަދުގެ ޖަލްސާގައި އިއުލާންކުރައްވައިފަ އެވެ.
ހައިލަމް ވަކިކުރަން ޖޭއެސްސީ އިން ނިންމާ މަޖިލީހަށް ފޮނުވާފައި މިވަނީ ސަސްޕެންޑްކޮށްގެން އޭނާގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހުގައެވެ. ރޭ ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހައިލަމް ޚިލާފުވެވަޑައިގެންފައިވާ ކަމަށާއި ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް ހައިލަމް ކުރައްވާފައިވާ ކަމަށެވެ. އަދި ހައިލަމް ފަނޑިޔާރުކަމުން ވަކިކުރަން ނިންމީ ފަނޑިޔާރު ކަމުގެ މަޤާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކުރެއްވި ކަމަށް އޭނާގެ މައްޗަށް ސާބިތުވެފައިވާތީ ކަމަށްވެސް ޖޭއެސްސީ އިން ވަނީ ބުނެފައެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި އެކު ކްރިމިނަލް ކޯޓްގެ ރެކްރިއޭޝަން ކްލަބްގެ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި މެސެޖާއި ގުޅިގެން ހައިލަމް ސަސްޕެންޑްކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދެވި ހައިލަމް ސަސްޕެންޑްކުރުމާއި ގުޅިގެން އޭރު އިދިކޮޅު ފަރާތްތަކުންވަނީ ހައިލަމްގެ ސަސްޕެންޝަނަކީ ޔާމީންގެ ޝަރީއަތާއި ގުޅުންހުރި ކަމެއްކަމުގައި ތުހުމަތުކޮށްފައެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި އެކު ހައިލަމް ކުރި ޕޯސްޓްގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސާއި މަޖިލީހުގެ ރައީސާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއިވަނިކޮށެވެ. އެ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ.
މީގެ އިތުރުން، ޖޭއެސްސީ އިން ބުނީ މެޖިސްޓްރޭޓް ޢައިނާނު ޢަލީ މުޙައްމަދު އާއި އިސްމެޖިސްޓްރޭޓް ޢަދުނާނު ޙުސައިން، ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފުވެވަޑައިގެންފައިވާ ކަމަށާއި ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް އޭނާ ކުރައްވާފައިވާ ކަމަށް ކޮމިޝަނަށް އިއްތިފާގުވެވޭ ކަމަށެވެ. އަދި މި ދެ މެޖިސްޓްރޭޓުން ފަނޑިޔާރުކަމުން ވަކިކުރަން ނިންމީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަންތައްތަކަކީ ޤާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ށ. ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރު ކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށް ތަޙުޤީޤު ކޮމިޓީ އަށް ޤަބޫލުކުރެވޭތީކަމަށް ޖޭއެސްސީ އިންވަނީ ބުނެފައެވެ.
ޖޭއެސްސީ އިން ވަނީ މެޖިސްޓްރޭޓް ޢައިނާނާމެދު ބެލެވުނު ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ފެންނަ ކަމަށާއި، އޭނާގެ މައްޗަށް ހުށަހެޅި ސާބިތުވެފައިވާ މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނަކޮށް، މެޖިސްޓްރޭޓް ޢައިނާނު ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަންޖެހޭ ކަމަށް ފެންނަ ކަމަށް ބުނެ، އޭނާ 60 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކުރުމަށް ވެސް ނިންމައިފަ އެވެ.