ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ހައިލަމް ވަކިކުރަން ޖޭއެސްސީ އިން ނިންމާ މަޖިލީހަށް ފޮނުވާފައި މިވަނީ ސަސްޕެންޑްކޮށްގެން އޭނާގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހުގައެވެ.ރޭ ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހައިލަމް ޚިލާފުވެވަޑައިގެންފައިވާ ކަމަށާއި ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް ހައިލަމް ކުރައްވާފައިވާ ކަމަށް ކޮމިޝަނަށް އިއްތިފާގުވެވޭ ކަމަށެވެ. މިގޮތުން ހައިލަމް ފަނޑިޔާރުކަމުން ވަކިކުރަން ނިންމީ ހައިލަމްގެ މައްޗަށް ސާބިތުވެފައިވާ ކަންތައްތަކަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ށ. ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރު ކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށް ތަހުގީގު ކޮމިޓީ އަށް ގަބޫލުކުރެވޭތީކަމަށް ޖޭއެސްސީ އިންވަނީ ބުނެފައެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި އެކު ކްރިމިނަލް ކޯޓްގެ ރެކްރިއޭޝަން ކްލަބްގެ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި މެސެޖާއި ގުޅިގެން ހައިލަމް ސަސްޕެންޑްކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދެވި ހައިލަމް ސަސްޕެންޑްކުރުމާއި ގުޅިގެން އޭރު އިދިކޮޅު ފަރާތްތަކުންވަނީ ހައިލަމްގެ ސަސްޕެންޝަނަކީ ޔާމީންގެ ޝަރީއަތާއި ގުޅުންހުރި ކަމެއްކަމުގައި ތުހުމަތުކޮށްފައެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި އެކު ހައިލަމް ކުރި ޕޯސްޓްގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސާއި މަޖިލީހުގެ ރައީސާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއިވަނިކޮށެވެ. އެ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ.