ކްރިމިނަލް ކޯޓުގެ އިސްގާޟީ އަހްމަދު ހައިލަމް، ގާޟީކަމުން އިސްތިއުފާދެއްވަން ނިންމަވައި އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަންގަވައިފި އެވެ.
އެނގިފައިވާ ގޮތުގައި ހައިލަމް އިސްތިއުފާ ދެއްވާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެގޮތުން ހައިލަމް ޖޭއެސްސީ އަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީ އިން ނިންމާފައި ވަނީ އޭނާ އެ ކޮމިޝަނަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކަށް ރިޢާޔަތް ކުރުމެއް ނެތި، ޤާނޫނު އަސާސީ އާއި ޖޭއެސްސީގެ ޤާނޫނާވެސް ޚިލާފަށް ކަމަށެވެ.
ހައިލަމް ތުހުމަތުކުރެއްވި ގޮތުގައި ޖޭއެސްސީ އިން މަސައްކަތްކުރަނީ ޝަރުޢީ ދާއިރާ އިސްލާހުކުރުމަށްވުރެ ބޮޑަށް ސިޔާސީ ގޮތުން ވަކި ބައެއްގެ މުށުތެރެއަށް ޝަރުޢީ ދާއިރާ ލުމަށެވެ.
އެ ސިޓީ ނިންމަވާލައްވަމުން ހައިލަމް ވިދާޅުވީ އެނާ ސަސްޕެންޑްކޮށްފައި ވަނީވެސް އަދި މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީވެސް ގާނޫނީ ހަމަތަކާއި އުސޫލުތަކުން ބޭރުން ކަމަށާއި، ޖޭއެސްސީ އިން މަސައްކަތް ކުރަމުން ދަނީ ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ ބަދަލުގައި ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރު ގޭގެ ބާރުތައް ޖަމާކުރުމުގެ ވިސްނުމުގައި ކަމަށެވެ. އަދި އެކަމާމެދު ހިތާމަކުރައްވާ ކަމަށްވެސް ހައިލަމް ވަނީ ވިދާޅުވެފަ އެވެ.
ހައިލަމް އިސްތިއުފާދެއްވާފައި މިވަނީ ޖޭއެސްސީ އިން އޭނާ ސަސްޕެންޑްކޮށް ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމައި އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް އިއްޔެ ފޮނުވާފައިވާއިރު، އެ ކޮމިޓީ އިންވެސް ވަނީ ޖޭއެސްސީގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.
ހައިލަމް ވަކިކުރަން ޖޭއެސްސީ އިން ނިންމާ މަޖިލީހަށް ފޮނުވީ އޭނާ ސަސްޕެންޑްކޮށްގެން އޭނާގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހުގައެވެ. ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހައިލަމް ޚިލާފުވެވަޑައިގެންފައިވާ ކަމަށާއި ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް ހައިލަމް ކުރައްވާފައިވާ ކަމަށެވެ. އަދި ހައިލަމް ފަނޑިޔާރުކަމުން ވަކިކުރަން ނިންމީ ފަނޑިޔާރު ކަމުގެ މަޤާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކުރެއްވި ކަމަށް އޭނާގެ މައްޗަށް ސާބިތުވެފައިވާތީ ކަމަށްވެސް ޖޭއެސްސީ އިން ވަނީ ބުނެފައެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި އެކު ކްރިމިނަލް ކޯޓްގެ ރެކްރިއޭޝަން ކްލަބްގެ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި މެސެޖާއި ގުޅިގެން ހައިލަމް ސަސްޕެންޑްކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދެވި ހައިލަމް ސަސްޕެންޑްކުރުމާއި ގުޅިގެން އޭރު އިދިކޮޅު ފަރާތްތަކުންވަނީ ހައިލަމްގެ ސަސްޕެންޝަނަކީ ޔާމީންގެ ޝަރީއަތާއި ގުޅުންހުރި ކަމެއްކަމުގައި ތުހުމަތުކޮށްފައެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި އެކު ހައިލަމް ކުރި ޕޯސްޓްގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސާއި މަޖިލީހުގެ ރައީސާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއިވަނިކޮށެވެ. އެ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ.