English Edition
Dhivehi Edition

މި ވެރިކަމަށްވީ އެއް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފެނިގެން ދިޔައީ ދައުލަތުގެ ތިން ބާރު މިނިވަންވެފައިވާ މަންޒަރުކަމަށް ވިދާޅުވެ ރައީސް މުހައްމަދު އިބްރާހީމް ސޯލިހް ދެއްކެވި ވާހަކަތަކާއި މެދު ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ސުވާލު އުފައްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ މި ސަރުކާރަށް މިވީ އަހަރެއްހާ ދުވަހާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިވީ އަށެއްކަ މަސް ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފެނިގެން ދިޔައީ ދައުލަތުގެ ތިން ބާރު މިނިވަންކަމާއެކު މަސައްކަތްކޮށް އެއް ބާރުން އަނެއް ބާރަށް އެހީތެރިވެ ފާރަވެރިވުމާއި ޒިންމާދާރުކުރުވުމުގެ ވަރަށް ރީތި މިސާލެއްކަމުގައެވެ. އަދި ޑިމޮކްރެސީގެ މި އުޞޫލުތައް ނެގެހެއްޓުމުން އެކަމުގެ ހުރިހާ ލާބަޔަކާއި މަންފާއެއް ލިބޭނީ ޢާންމު ރައްޔިތުންނަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދައުލަތުގެ ކޮންމެ ބާރެއްވެސް ދުސްތޫރީ އިމުގެ ތެރޭގައި އެބައެއްގެ މަސައްކަތަށް އެބަޔަކު ސަމާލުކަން ދޭނަމަ ރައްޔިތުންނަށް ލިބޭ ލާބަޔާއި މަންފާ މިހާރަށްވުރެ އިތުރުވެގެންދާނެކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން ހައިލަމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ “ވެރިކަންކުރާ ޕާޓީއިން މަޖިލީހާއި،ޖޭއެސްސީ ކޮންޓްރޯލްކުރާއިރު ކަބައިތޯ ތިން ބާރު ވަކިވެފައި؟މިނިވަންވެފައި؟”މީގެ އިތުރުން ހައިލަމް ވިދާޅުވީ ވައުދާއި އެއްގޮތަށް ޖޭއެސްސީގެ އޮނިގަނޑު ބަދަލުކުރަންޖެހޭ ކަމުގައެވެ.ހައިލަމް މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައިވެސް އަދި އޭގެ ކުރިންވެސް މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އޭރު އިދިކޮޅު ޕާޓީގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ އިރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަންޖެހޭ ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަށް އިޝާރަތްކުރައްވަމުންނެވެ.

ހައިލަމްގެ އިތުރުން ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ފަހަރެއްގައި ރައީސް އަށް ތިން ބާރު ވަކިވުމުގެ މަޙްފޫމް އެގިވަޑައި ނުގަންނަވާކަމަށް ބުނެ އެކަމަށް އަލިއަޅުވާލާ ތިން ކަމެއް ފާހަގަކުރައްވާފައެެވެ. މި ގޮތުން ޖަމީލް ވިދާޅުވީ ޖޭއެސްސީ އަކީ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އޮތް ތަނެއްކަމަށާއި މަޖިލީހުން ސަރުކާރުގެ ވުޒާރާތައް ހިންގަން އިރުޝާދު ދޭ ކަމަށެވެ. އަދި ޕީއޯ އިން މިހާރުވެސް ޖުޑިޝަރީއަށް ނުފޫޒުފޯރުވާކަން ފާހަގަކުރައްވަމުން ޖަމީލު ވިދާޅުވީ މިސްރާބު މާ ގޯސްކަމުގައެވެ.