English Edition
Dhivehi Edition

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔާއެކު، އުއްތަމަފަނޑިޔާރުކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، މ.ގުލްފާމްގެ އޒ. އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ ބަންޑާރަނައިބު، ސ.މީދޫ، ހަސަންކާރިގެ އޒ. ޙުސްނުއްސުޢޫދު ޢައްޔަންކުރުމަށްޓަކައި އެ ދެ ބޭފުޅުންގެ ނަންފުޅު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް މުޢުތަޞިމާއި ޙުސްނުއްޞުއޫދުގެ އިތުރުން ޢަބްދުއްރައޫފް އައްޔަންކުރުމާއި ގުޅޭ ގޮތުން ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެން އެ ކޮމިޝަނަށް ރައީސް ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޖޭއެސްސީ ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވަލި ފުރުސަތުގައި އެކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއި ރައީސް ސޯލިހު ފޮނުއްވާފައިވާ ނަންފުޅުތަކާއެކު އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤަމަށް ޝަރުތު ފުރިހަމަވެ، ޝޯޓްލިސްޓް ކުރެވުނު ބޭފުޅުންނާއި އިންޓަވިއު ކުރުމަށް އެކުލަވަލި ކޮމިޓީ އިން ތައްޔާރުކޮށްފައިވާ ރިޕޯޓް އެ ކޮމިޝަނަށް ބަލައިގަތުމަށް ރޭ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އައްޔަންކުރުމަށް ރައީސް ފޮނުއްވި މުޢުތަޞިމް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސުޢޫދަކީ “ހައިލީ ރިކޮމެންޑެޑް” ބޭފުޅުންގެ ގޮތުގައި ރައީސް ސޯލިހު އަށް މަޝްވަރާދިނުމަށް ޖޭއެސްސީ އިން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން، ރައީސް ޖޭއެސްސީ އަށް ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި ހިމެނޭ އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހިމް (މއ. ވޭސައިޑް 410)އާ ގުޅޭގޮތުން ތިން ޝަކުވާއެއް އިއްޔެ އެ ކޮމިޝަނަށް ލިބިފައި ވާތީ، އެ ޝަކުވާތަކާމެދު ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު އެ ނަންފުޅާމެދު ރައީސް އަށް މަޝްވަރާ ދިނުމަށްވެސް ރޭ އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ރައޫފްއާ ގުޅޭ މައްސަލަތަކެއް ޖޭއެސްސީ އިން މިހާރު ބަލަމުންދާއިރު، އޭނާ ވަނީ އިއްޔެ ޖޭއެސްސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ. ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރު ކަމަށް ފަނޑިޔާރު ރައޫފް އައްޔަން ކުރެއްވީ 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ޖޭއެސްސީގެ ލަފާގެ މަތިން ސުޕްރީމް ކޯޓަށް މުޢުތަޞިމް އާއި ސުޢޫދު އައްޔަންކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވާފައިވާއިރު، ސުއޫދު މިހާރުވެސް ހުންނެވީ ރައީސް އުފެއްދެވި މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަންގެ ރައީސްގެ މަޤާމުގަ އެވެ.

ހުސްނުއްސުއޫދަކީ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރާއި ދެމެދު ރާއްޖޭގެ ބަންޑާރަ ނައިބުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި 1997 އިން 1999 އާއި ދެމެދު ސިވިލް ކޯޓުގެ އިސްޤާޒީގެ މަޤާމުގައިވެސް ހުންނެވި ހުސްނުއްސުއޫދަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ސުއޫދު ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެމްބަރުކަން އަދާކުރައްވައި، ޚާއްސަ މަޖިލީހުގެ މެމްބަރެއްގެ ގޮތުން ރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ އެކުލަވާލުމުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

އަދި އުއްތަމަ ފަނޑިޔާރުގެ މަޤާމަށް މުޢުތަޞިމް އައްޔަން ކުރުމުގެ މަސައްކަތް ފެށީ އެ މަޤާމުގައި ހުންނެވި ޑރ. އަހްމަދު އަބްދުﷲ ދީދީ ރައްޔިތުންގެ މަޖިލީހުން ވަކިކުރުމާ ގުޅިގެން އެ މަޤާމު ހުސްވެފައިވާތީ އެވެ.

މުޢުތަޞިމް އަކީ އެންމެ ފުރަތަމަ ސުޕްރީމް ކޯޓު އުފައްދައި އެ ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރެކެވެ. ނަމަވެސް މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ފަނޑިޔާރުންގެ ޤާނޫނަށް ގެނައި ކުއްލި ބަދަލެއްގެ ސަބަބުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރުމާއި ގުޅިގެން މުޢުތަޞިމްގެ މަޤާމު ވަނީ ގެއްލިފަ އެވެ. މުޢުތަޞިމްގެ އިތުރުން އޭރުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ފާއިޒުގެ މަޤާމުވެސް އެ ބަދަލާއެކު ގެއްލިގެންދިޔައެވެ.